ކުޅުންތެރިންނަށް އިތުބާރު އެބައޮތް، ސެމީ ކާމިޔާބު ކުރެވޭނެ: ނިމާ

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ކްލަބް އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ފުރަތަަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނައިރު، ކުލަބް އީގަލްސްގެ ހުރިހާ ކުޅުންތެރިންނަށް އިތުބާރު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނެފިއެވެ.

އީގަލްސްއިން މުބާރާތުގެ ސެމީއަށް ދަތުރުކުރީ މެޗަކުން ބަލިނުވެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އީގަލްސް ގުރޫޕުގެ އެއްވަނަ ހޯދީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ ޖުމުލަ ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ.

ފުރަތަމަ މެޗުގައި އީގަލްސްއިން ސުޕާ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ވަނަ މެޗުގައި އީގަލްސް އިން ނިކުތީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗުން އީގަލްސް މޮޅުވީ 6-0 ގެ ބޮޑު ތަފާތަކުންނެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - އީގަލްސްއާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އީގަލްސް ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމު އެއްވަރުވެފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު ނިމުނީ އެއްވެސް ޓީމަަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0އިން އެއްވަރުވެގެންނެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އީގަލްސް ނުކުތީ ކުލަބް ގްރީން ސްޓްރީޓްސް އާ ދެކޮޅަށެވެ. އެ މެޗުގައި އީގަލްސް އިން ވަނި ގްރީން ކޮޅަށް ލަނޑު ފުންޏެއް ޖަހާފައެވެ. އެމެޗުން އީގަލްސް މޮޅުވި 11-0 އިންނެވެ.

ސެމީގައި އިގަލްސް ބައްދަލު ކުރާނީ ގްރޫޕް ބީ ގެ ދެވަނަ ހޯދި ޓީސީއާއެވެ. ސެމީ މެޗާ ގުޅޭގޮތުން "ސަން"އާ ވަހަކަ ދައްކަމުން އީގަލްސްގެ ކޯޗު މުހައްމަދު ނިމާދު ބުނެފައިވަނީ، ޓީމުގެ ކުޅުންތެރިންނަށް އޭނާ ފުރިހަމައަށް އިތުބާރުކުރާ ކަމަށާއި، މެޗުގައި ކުޅުންތެރިންގެ އެންމެ ރަނގަޅު ޕާފޮމެންސް ފެންނާނެކަމާމެދު ޝައްކެއް ނުކުރާކަމަށެވެ.

ސެމީ މެޗަށް ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުކޮށްކަން ފާހަގަކުރަމުން ނިމާދު ބުނީ މިއަދު ޓީމުގެ އެންމެ ފަހު ފަރިތަކުރުން ވެސް ނިންމާލާފައިވާ ކަމަށެވެ.

"މި ވަގުތު އީގަލްސް މި އޮތީ ހަމަ ސެމީ ފައިނަލަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ސެމީ ފައިނަލް މެޗު ކާމިޔާބުކުރަން ހުރިހާަ މަސައްކަތެއް މިއަދު އެންމެ ފަހު ޕްރެކްޓީސްއާއެކު ނިންމާލައިފިން. އަޅުގަނޑުމެންގެ އުންމީދަކީވެސް ޓާގެޓަކީވެސް މާދަމާ ޓީސީ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދިޔުން،" ނިމާދު ބުންޏެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - އީގަލްސްއާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އީގަލްސްގެ ސްކޮޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނިމާދު ބުނީ އަނިޔާގެ މާ ބޮޑު މައްސަލަ މި ވަގުތު އީގަލްސްގައި ނެތް ކަމަށެވެ. ނަމަވެސް، އީގަލްސްގެ ޒައިން ޒަފަރު ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ކަމަށާއި، ޒައިން މުޅިން ފިޓު ނޫންކަމުގައެވެ. އަދި ޒައިން އަކީ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއްކަން ވެސް ނިމާދު ފާހަގަކުރިއެވެ.

ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރި ނަމަވެސް، މާދަމާގެ މެޗުގެ ފުލް 11 އިން ޒައިން ފެނިގެންދާނެ ކަމަށް ނިމާދު ބުންޏެވެ. އޭނާގެ ވެސް އަދި މުޅި ޓީމުގެ ވެސް ހުރިހާ ފޯކަސް އެއް މި ވަގުތު ހުރީ ސެމީ ފައިނަލް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރުން ކަމަށް ނިމާދު ބުންޏެވެ.

"ކޮންމެވެސް ވަރެއްގެ އެންޖެރީއެއް އެބަ އުޅޭ، ވަރަށް މުހިންމު ޕްލޭޔަރެއް. އެއީ އީގަލްސްގެ ޒައިން ޒަފަރު. އީގަލްސްގެ ސީނިއާ ޓީމުގައި ވެސް، އަންޑާ ތޭވީހުގައި އަދި ސީނިއާ ޓީމުގައި ވެސް ހިމެނިގެން އައި ކުޅުންތެރިޔެއް. އަދި އެންމެ އަށާރަ އަހަރު. މުޅިޔަކުން އަދި އޭނާގެ އެންޖެރީ ރަނގަޅެއް ނުވޭ. ނަމަވެސް މާދަމާގެ މެޗުގައި ފުލް އެގާރައަށް ލައިގެން އަޅުގަނޑުމެން ފަށާނީ،" ނިމާދު ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މާދަމާ ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ކުލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކުލަބެވެ. އަދި ދެ ވަނަ މެޗުގައި އެރޭ ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ސުޕާ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) އެވެ.

comment ކޮމެންޓް