ޖިރޫޑުގެ ދެ ގޯލާއެކު އޭސީ މިލާނުން އިންޓަ މިލާން ބަލިކޮށްފި

އޭސީ މިލާން އަދި އިންޓަ މިލާން ބައްދަލު ކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި މިރޭ އިންޓަ މިލާންއާއި އޭސީ މިލާން ވާދަކުރި މެޗުގައި ޖިރޫޑުގެ ދެ ލަނޑާއެކު އޭސީ މިލާނުން އިންޓަ މިލާން ބަލިކޮށްފިއެވެ.

މިލާންގެ އެންމެ މުހިންމު އެއް ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވުނެވެ. މި މެޗުގައި ޖިރޫޑް އެރުވީ ވަނީ އެހެންވެގެންނެވެ.

މިރޭގެ މެޗުގައި މިލާން މޮޅުވުމާއެކު މިއީ 2004ގެ ފަހުން މިލާން ޑާބީއެއްގައި އެ ޓީމު ފަހަތުން އަރައި މޮޅުވި ފުރަތަމަ ފަހަރެވެ. ރޭގެ މޮޅާއެކު މިލާނުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް އިންޓައާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފަ އެވެ. އިންޓަ އެއް ވަނައިގައި އޮތީ 23 މެޗުން 53 ޕޮއިންޓް ލިބިގެންނެވެ. މިލާން ދެ ވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓް ލިބިގެންނެވެ.

އިންޓައިން މެޗުގެ ކުރީކޮޅުގައި ޑެންޒަލް ޑަމްފްރީސް ގޯލެއް ޖެހިއެވެ. ނަމަވެސް އެ ގޯލު ޖެހުމަށް އެޓޭކް ފެށުމުގެ ތެރޭގައި އިންޓަގެ ކުޅުންތެރިއަކު އޮފްސައިޑްވެފައި ވާތީ ރެފްރީ ނިންމީ ގޯލު ބަލައިނުގަންނާށެވެ.

މެޗުގެ 38ވަނަ މިނެޓުގައި އިންޓަގެ ހަކަން ޗަނޮނޮގްލޫ ނެގި ކޯނަރަކުން އިވާން ޕެރިސިޗް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ ކްރޮއޭޝިއާގެ ޕެރިސިޗް އިންޓައަށް ޖަހައިދިން 50ވަނަ ލަނޑެވެ.

ދެ ވަނަ ހާފުގައި މިލާނުން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފައެވެ. އަދި މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅަށް އަނބުރާލާފައެވެ. މެޗުގެ 75ވަނަ މިނެޓުގައި މިލާނަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިދިނި ޖިރޫޑްއެވެ. އޭނާ އެ ލަނޑު ޖެހީ އޭރިއާތެރޭގައި ހުރެ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

އޭގެ ތިން މިނެޓު ފަހުން މެޗުގެ 78ވަނަ މިނެޓުގައި މިލާންގެ ޑޭވިޑް ކަލާބްރިއާ ޖައްސާލި ބޯޅައަކުން އިންޓަގެ އޭރިއާ ތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ކީޕަރު ސާމިރް ހަންޑަނޯވިޗް އަތުގައި ޖެހިފައި ވަނީ ގޯލަށެވެ. މި މެޗުގައި ޖިރޫޑް ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވެފައިވަނީ އިޓާލިއަން ލީގުގެ މެޗެއްގައި އިންޓަ ކޮޅަށް ދެ ގޯލު ޖެހި ފްރާންސަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއެވެ.

އިޓާލިއަން ލީގުގައި އޭއެސް ރޯމާ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވަނީ ޖެނޯއާއާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.

comment ކޮމެންޓް