ގްރީން ކޮޅަށް ލަނޑު ފުންޏެއް ޖަހައި، އީގަލްސް އެއް ވަނައިގައި ސެމީ ފައިނަލަށް

ގްރީން އަދި އީގަލްސް މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުލަބް ގްރީން ސްޓްރީޓްސް އާއި ކުލަބް އީގަލްސް ބައްދަލުކުރި މެޗުގައި ގްރީންގެ ކޮޅަށް ގޮލު ފުންޏެއް ޖަހައި، އީގަލްސްއިން ގުރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލް ޔަގީންކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން އީގަލްސް މޮޅުވީ 11-0އެ ފަރަގު ބޮޑޫ ނަތީޖާއަކުންނެވެ. މި މޮޅާއެކު އީގަލްސް ވަނީ ގްރޫޕް އޭ ގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ވެސް ގްރީން ވަނީ މުބާރާތުން ކަޓާފައެވެ. މިއަދުގެ މެޗުން މޮޅުވެގެން އީގަލްސްއަށް ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދާން ފުރުސަތު އޮތީ ލިބިފައެވެ.

ގްރީން އަދި އީގަލްސް މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

މެޗު ފަށައިގެން އީގަލްސްއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. މެޗުގެ ހަ ވަނަ މިނެޓުގައި އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ސައްހާފުއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ގްރީންގެ އޭރިޔާ ތެރޭގައި ހުރެ މުހައްމަދު ރަޔާން ދިން ބޯޅައެއް ހުސްކޮށް ހުރެ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

އޭގެ ތިން މެނެޓު ފަހުން މެޗުގެ ނުވަ ވަނަ މިނެޓުގައި އީގަލްސްގެ ކުޅުންތެރިޔަކު ގްރީންގެ ގޯލު އޭރިޔާ ބޭރުގައި ހުރެ ގޯލު ކުރި މައްޗަށް ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން މުހައްމަދު ރައްޔާން ވަނީ އީގަލްސްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދީފައެވެ. ލަނޑަށް ފަހު ވެސް އީގަލްސް އިން ދިޔައީ ގްރީންގެ އޭރިޔާ ތެރޭގައި ބޯޅަ ގެން ގުޅެ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ގްރީން އަދި އީގަލްސް މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

މެޗުގެ 18 ވަނަ މިނެޓުގައި އީގަލްސްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒައިން ޒަފަރުއެވެ. އޭނާ މި ލަނޑު ކާމިޔާބުރީ ގްރީންގެ ގޯލް އޭރިޔާ ތެރެއިން ތިން ޑިފެންޑަރުން ކައިރިން ނައްޓައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގައި ވެސް އީގަލްސް އިން ޖަ ލަނޑު ޖަހައި ގްރީންއަށް އީގަލްސްގެ ފެންވަރު ދައްކާލައިއެވެ. ގްރީންގެ ގޯލު އޭރިޔާ ތެރެއިން ލިބުނު ބޯޅަ އެއް ގޯލަށް ފޮނުވާލައިގެން އީގަލްސްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 24 ވަނަ މިނެޓުގައި މުހައްމަދު ރައްޔާނުއެވެ. މެޗުގެ 38 ވަނަ މިނެޓުގައި އީގަލްސްގެ ސަހާފު ނަގައިދިން ބޯޅައެއް ގްރީންގެ ގޯލު އޭރިޔާ ތެރޭގައި ހުރެ ގޯލަށް ފޮނުވާލައިގެން މުހައްމަދު ސަމާހު ފަތުހީ ވަނީ އެ ޓީމުގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް ސަމާހު ވަނީ އީގަލްސްގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށް އޭނާގެ ދެ ވަނަ ލަނޑު ހަމަކޮށްފައެވެ. މި ލަނޑު އޭނާ ޖެހީ ޒައިން ނަގައިދިން ބޯޅައެއް ގޯލު އޭރިޔާ ތެރެއިން ގްރީންގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ލިބުނު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 44 ވަނަ މިނެޓުގައެވެ. އިތުބާރާއެކު އީގަލްސް އިން ފުރަތަމަ ހާފު ނިންމާލީ ބޮޑު ލީޑަކާއެކުއެވެ.

ގްރީން އަދި އީގަލްސް މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

ދެ ވަނަ ހާފު ފަށައިގެން ވެސް އީގަލްސް ގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. މެޗުގެ 59 ވަނަ މިނެޓުގައި އީގަލްސްގެ ހަތް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަމާހުއެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްދިނީ ގްރީންގެ ގޯލު އޭރިޔާ ތެރެއަށް ނަގައިދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. މި ލަނޑާއެކު އޭނާ ވަނީ ހެޓްރިކެއް ހަދާފައެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ސަމާހު ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ޒައިން ވަނީ ލަނޑެއް ޖަހައި އީގަލްސްގެ އަށް ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން 77 ވަނަ މިނެޓުގައި ރައްޔާން ވަނީ ލަނޑެއް ޖަހައި ހެޓްރިކް ހަދައިފައެވެ. މިއީ އީގަލްސް އިން ކާމިޔާބުކުރި ނުވަ ވަނަ ލަނޑެވެ.

އޭގެ ދެ މިނެޓު ފަހުން އީގަލްސްގެ ކުޅުންތެރިޔަކި ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ޒައިން ވަނީ އިތުރު ލަނޑެއް ޖަހައި އީގަލްސްގެ 10 ވަނަ ލަނޑު ޖަހައި އޭނާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.

ގްރީން އަދި އީގަލްސް މިއަދު ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

މެޗުގެ 90 މިނެޓު ހަމަވެ އިތުރަށް ދެއްކި މިނެޓުގެ ތެރޭގައި ޒައިން ދިން ބޯޅައެއް ގޯލުގެ ތެރީ ކަނަށް ފޮނުވާލައިގެން މުހައްމަދު ޝަމާހު ވަނީ އޭނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް އީގަލްސްގެ 11 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސްއަށް ތިން ލަނޑު ކާމިޔާބުކޮށްދިން ޖާޒީ ނަންބަރު 23، މުހައްމަދު ސަމާހުއެވެ.

މުބާރާތުގެ މިރޭގެ މެޗުގައި ބައްދަލުކުރާނީ ސުޕާ ޔުނައިޓެޑް ސްޕޯޓްސް ކުލަބް އާއި ޑަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. ޑަ ގްރާންޑޭ މުބާރާތުން ކަޓާފައިވާއިރު، މިރޭގެ މެޗުން މޮޅު ވެގެން ސަސް އަށް މުބާރާތުގެ ސެމީއަށް ދިޔުމުގެ ފުރުސަތު އެބަ އޮތެވެ.

comment ކޮމެންޓް