ގެއްލުނު "ދުނިޔެ" އަނބުރާ ހޯދުމުގެ ދަތުރު

ދުނިޔެއަށް ރާއްޖެ މަޝްހޫރުވެފައި ވަނީ ރީތި ގޮޑުދޮށްތަކާއި ސާފު މޫދުގެ ރީތިކަން ލިބިފައިވާ ހިތްގައިމު މަންޒިލެއްގެ ގޮތުގަ އެވެ. އެ ހުރިހާ ރީތިކަމެއްގެ މައްޗަށް ހިޔަނި އެޅުނީ ސީޔާސީ ހަލަބޮލި ކަމުގައި ޖެހިގެނެވެ. ރާއްޖެއަކީ ޓޫރިސްޓުންނަށް ބިރެއް ކަމަށް ސިފަކުރެވުނު ހިސާބުން ރާއްޖޭގެ ރީތި މަންޒަރުތައް ޓޫރިސްޓުންގެ ހިތްތަކުން ފިލައިގެން ދިއުމުގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ. ޓެރަރިޒަމްގެ ހާއްޔަކަށް ރާއްޖެވެފައިވާ ކަމަށް ބައެއް މީހުންނަށް ވަނީ ހީވެފަ އެވެ. ނިމިގެން ދިޔަ އައިޓީބީ ބާލިން ފެއާގައި ރާއްޖެއަށް ޖެހުނީ ރާއްޖޭގެ ޓޫޒިމްގެ މައްޗަށް ހިޔަނި އަޅާފައިވާ ވާހަކަތަކުގެ މައްޗަށް ގަދަވެގަންނާށެވެ.

"އެންމެ ގިނައިން މީހުން ކަންބޮޑުވެ ޝަކުވާ ކުރީ ސުޕާތައް ބަންދު ކުރުމާއި ރަލާއި އޫރުމަސް މަނާކުރަން އުޅުނު މައްސަލައިގައި. އެ މީހުން [ޓޫރިސްޓުން] އެކަމާ ވަރަށް ސުވާލުކުރި. ރާއްޖޭގައި ހައްދުފަހަނަ އެޅުމުގެ ހިޔާލު ބޮޑުކަމަށް ބުނާ މައުލޫމާތު ހޯދަން ސުވާލުކުރޭ! އަޅުގަނޑުމެން އެކަންތައްތައް އޮތް ގޮތް ވަރަށް ރަނގަޅަށް ކިޔައިދިނިން، އެކަހަލަ އެއްވެސް ބިރެއް ރާއްޖޭގައި ނެތް ކަމަށް ބުނެ ދިނިން،" އައިޓީބީ ބާލިން ފެއާގައި ބައިވެރިވެ ވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވި އެވެ.

އެކި ގައުމުތަކުން ބައިވެރިވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖެ ބައިވެރިވާތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް މިފަހަރުގެ ފެއާގެ މުހިންމުކަން ރާއްޖެއަށް ބޮޑެވެ. ފެއާގައި ދޭންޖެހުނު މަސެޖު ވެސް ރާއްޖެއަށް ވަރަށް ތަފާތެވެ. އަދި މިފަހަރަކީ ބާލިން ފެއާގައި އެންމެ ގިނަ އަދަދަކަށް ޓޫރިޒަމް އިންޑަސްޓްރީގެ މީހުން ބައިވެރިވި ފަހަރެވެ. ސަބަބަކީ ހަޑިކޮށްފައިވާ ރާއްޖޭގެ މަންޒަރު ރީތިކޮށް، ޓޫރިސްޓުންގެ އިތުބާރު ހޯދަން ކުރަންޖެހޭ މަސައްކަތްތައް ބޮޑުވެފައި އޮތުމެވެ. އެހެންވެ އައިޓީބީގައި ރާއްޖޭގެ މުޅި ފޯކްސް އޮތީ ރާއްޖެއަކީ އަމާން، އޮމާން ހިތްގައިމު މަންޒިލަކަން ޓޫރިސްޓުންގެ ހިތަށް ވައްދައި ދިނުމަށެވެ. ގެއްލުން "ދުނިޔެ" އަބުރާ ހޯދުމަށެވެ.

"ފެއާގައި އަޅުގަނޑުމެން އެންމެ ބޮޑަށް މަސައްކަތް މިކުރީ ރާއްޖެއަކީ އަމާން މަންޒިލެއްކަން ބުނެދިނުމަށް. އަޅުގަނޑުމެންގެ ފެއާއަށް ޒިޔާރަތް ކުރާ އެންމެނާއި ޓީވީ ޗެނަލްތަކާއި ސަރުކާރުތަކުގެ އިސްވެރިންނާ ބައްދަލުކޮށް ރާއްޖޭގެ ޓޫރިޒަމްގެ ރައްކާތެރިކަމާއި އަމާންކަން ވަގުތުތަށް ހޭދަވެގެން ދިޔައީ،" ބާލިން ފެއާ ނިންމާލެއްވުމަށް ފަހު މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަދީބު ވިދާޅުވި އެވެ.

ރާއްޖޭގެ މަންޒަރު އަލުން ދެއްކުމަށް ކުރަން ޖެހުނު މަސައްކަތުގައި ޓޫރިޒަމް މިނިސްޓަރު އަދީބު އެކަނިވެސް ބައިނަލްއަގުވާމީ 32 ޓީވީ ޗެނަލަކަށް ފެއާގައި އިންޓަވިއު ދެއްވެވި އެވެ. އަދި އެކި ގައުމުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަތު ބައްދަލުވުންތައް ބޭއްވުނެވެ.

މުއާޓުން ޑިޒައިންކޮށް ހަރުބީގެ ބޮޑު ބެރާއި ގޮމަ ގްރޫޕުގެ ނެށުމުން ރާއްޖޭގެ ސްޓޭންޑަށް ފުރިހަމަކަން ގެނެސްދިން ފެއާގައި ގިނަ ބައެއްގެ ޝައުގުވެރިކަން ރާއްޖޭގެ ހުއްޓުނު އިރު މިނިސްޓަރު އަދީބުގެ އިތުރުން ޗަމްޕާ ހަސަން އަފީފާއިސޮލާހު ޝިހާބް ވަނީ ހާއްސަ ޕްރެސްކޮންފަރެންސްތައް ބާއްވަވާފަ އެވެ.

"ރާއްޖޭގެ ސްޑޭންޓަށް ލިބުނު ތަރުހީބުގެ ސަބަބުން ނިއުޒިލޭންޑް އޮސްޓްރޭލިއާ އިން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ތިބީ. މީގެ ކުރިން ނަތިޖާއެއް ނުރެނެވުނަސް މިފަހަރު ނަތީޖާއެއް ނެރެވިއްޖެ. މިފަހަރުގެ ޓީމަކީ ބުރަކޮށް މަސައްކަތް ކުރި ޓީމެއް،" އައިޓީބީ ފެއާގައި ބައިވެރިވެ ވަޑައިގެންނެވި މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލު އޭނާގެ ފޭސްބުކުގައި ވިދާޅުވެފައިވެ އެވެ.

އައިޓީބީއަކީ ނަތީޖާ ނެރެވުނު ފެއާއެއް ކަމަށް މިނިސްޓަރު ވެސް ވިދާޅުވެ އެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެއާ މެދު މީހުން ދެކެމުން އައިގޮތް ބަދަލުކޮށްލެވުމުން ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމަކީ ރައްކާތެރި އަމާން މާހައުލެއްގައި އޮތް ޓޫރިޒަމްއެއްކަން އައިޓީބީން ފެއާއިން ދުނިޔެއަށް އަންގައިދެވުމުގެ ހިތްހަމަޖެހުން އޮތް ކަމަށް އިންޑަސްޓްރީގެ ބޭފުޅުން ވިދާޅުވެ އެވެ. އަދި ފެއާގައި ދޭން މަސައްރަކުރި މެސެޖް ގިނަ ބައެއްގެ ހިތަށް މިހާރު ވައްދައިދެވިއްޖެ ކަމަށް ވެސް ބުނެ އެވެ.

"އަޅުގަނޑުމެންނަށް މީހުންނަށް އަންގައިދެއްވިއްޖެ ރާއްޖޭގެ ޓޫރިޒަމް އަކީ ރައްކާތެރި ތަނެއްކަން. އެ މެސެޖް އަޅުގަނޑުމެންނަށް ފޯރުކޮށްދެވިއްޖެ ރާއްޖޭގެ އެއާޕޯޓާއި ރިސޯޓުތަކަކީ މީހުން އުޅޭ ރަށްރަށާއި ދުރުގައި ހުރިތަންތަންކަން ބުނެދެވުނު. ރިސޯޓްތަކަށް ރިސްކެއް ނެތްކަން މިހުރިހާ އެއްޗެއް ބުނެދެވުނު. ގިނަ ބަޔެއްގެ ސިކުނޑިއަށް އެ ވާހަކަތައް ވަނީ ވަދެފައި،" ހިތްހަމަޖެހުމާއެކު އަދީބު ވިދާޅުވި އެވެ.

ޒުވާން މިނިސްޓަރު، މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ވިދާޅުވެފައި ވަނީ ރާއްޖޭގެ ޓޫރިޒަމްގެ މައްޗަށް އެޅިފައިވާ ކަޅު ހިޔަނި ފިލުވައިލައްވާނެ ކަމާއި އެކަމުގައި ދޫ ނުދެއްވާނެ ކަމަށެވެ. މި ފެށުނު މަސައްކަތުގައި މިހާރު ވެސް ކާމިޔާބީ ހޯދަމުން އަންނަކަމުގެ ހިތްހަމަ ޖެހުން މިނިސްޓަރާއި އިންޑަސްޓްރީގެ ވާހަކަތަކުން ލިބެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް