ތުރުކީގެ އެހީގައި ހުޅުމާލޭގައި އިސްލާމީ މަރުކަޒެއް އެޅުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް އެގައުމުގެ ސަރުކާރުން ފެހި ސިގުނަލެއް ދީފައިވާކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުތް ޗަވުޝޯލޫ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ދެ ގައުމުގެ ޚާރިޖީ ވަޒީރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މި އިސްލާމީ މަރުކަޒު ގާއިމުވުން ވެގެންދާނީ ދެގައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމުގެ ރަމްޒެއްކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"މިދާއިރާގައި ތުރުކީގެ ގާބިލުކަމަށް ބަލާއިރު، މި މަޝްރޫޢުއަކީ އަޅުގަނޑުމެންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެ މަޝްރޫޢުއެއްކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ރާއްޖޭގައި ކުރިއަށްދާ އެޕްރެންޓައިސްޝިޕް ޕްރޮގުރާމުގެ މައުލޫމާތު ވެސް ތުރުކީގެ ފޮރިން މިނިސްޓަރާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި އެ ޕްރޮގުރާމަކީ ދިވެހި ގައުމު ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ޕްރޮގުރާމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ދުނިޔޭގެ ސަލާމަތަށް ނުރައްކާ ކުރިމަތިވަމުން އަންނަ ކަންކަން އިތުރުވަމުން އަންނަ އިރު، ދެ ގައުމު ގުޅިގެން އެފަދަ ކަންކަމާ ކުރިމަތިލުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ.
އިސްލާމީ އުންމަތަށް ދިމާވެފައިވާ މައްސަަލަތައް ހައްލު ކުރުމުގައި ތުރުކީން މުހިއްމު ދައުރެއް އަދާކުރައްވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ރާއްޖެއިން 2025ވަނަ އަހަރު ބާއްވާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުން ތުރުކީގައި ބޭއްވުމަށް ތާއީދުކުރައްވާނެ ކަމަށެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވްޝޯލޫ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"އަޅުގަނޑުމެން ނުހަނު ޝުކުރުވެރިވަން އުންމަތުގެ ކަންކަމުގައި ތުރުކީން އިސްވެ ހަރަކާތްތެރި ވާތީ،" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު ޝާހިދު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ތުރުކީއަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެގައުމުގެ ދެމެދުގައި ފަސް ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ.