އައިނީ ކެންސަރާ ކުރި ހަނގުރާމަ: ފަސޭހަ ނޫނަސް ކާމިޔާބު!

ފާތިމަތު އައިނީ ޖަލީލް --

އެއީ ފާތިމަތު އައިނީ ޖަލީލްގެ އޯލެވެލް އަހަރެވެ. އޭރު އޭނާގެ މާ ބޮޑު ކަންބޮޑުވުމެއް ނެތެވެ. އޭނާގެ ސިއްހަތު ވެސް އޭރު ރަނގަޅެވެ.

ކުއްލިއަކަށް އައިނީއަށް ވަރަށް ގިނައިން ހޮޑުލެވެން ފެށުނީ އެ އަހަރުގެ ޖުލައި މަހުއެވެ. ކާ ހުރިހާ އެއްޗެއް އޭރު ލެވެނީ ހޮޑަށެވެ. އެއާއެކު އޭނާ ވަރަށް ބޮޑަށް ހިކުނެވެ. މީހާ ބަލިކަށިވިއެވެ.

ޑޮކްޓަރަށް ދެއްކުމުން އެނގުނީ އޭނާގެ ލިވާގައި ޓިއުމަރެއް އިން ކަމެވެ. ސުކޫލުގައި ދެ ގަޑި ދޭތެރޭގައި ވެސް އައިނީ ހޮޑުލާން ދާން ޖެހެއެވެ. އެއީ އޭނާއަށް އުނދަގޫ ދުވަސްތަކެކެވެ.

ބަލިވިޔަސް، އޯލެވެލް އިމްތިހާނަށް އެހާ ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވާ ސާޖަރީ ހަދަން ފުރައިގެން ދާން އޭނާ ބޭނުމެއް ނުވިއެވެ. ސާޖަރީ ފަހުން ވެސް ހެދޭނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދީގެން އައިނީ ބެލީ ކިޔެވުމަށް ފޯކަސް ކުރެވޭތޯއެވެ.

"އެކަމަކު އޯލެވެލް އަހަރުވީމަ ދިހަ އަހަރު ކިޔާފަ މެދުކަނޑާލާފަ ދާން ބޭނުން ނުވީ ސާޖަރީ ހަދަން އަސްލު. އޯލެވެލް ނިންމާފަ ސާޖަރީ ހަދަން އިންޑިއާއަށް ދިޔައީ،" އައިނީ ކިޔައިދިނެވެ.

އައިނީގެ ލިވާއިން ނެގި ޓިއުމަރު --

ލިވާއިން ޓިއުމަރު ނަގައިގެން އައިނީ އެނބުރި އައީ ދެން ކުރިމަތިލާން އޮތީ މާ ބޮޑު އިމްތިހާނަކާކަން ނޭނގިއެވެ. އެކަމުގެ ހިލަމެއް ވެސް އޭނާއަކަށް ނުވެއެވެ.

ދެހާސްއަށާރަވަނަ އަހަރުގެ ޑިސެމްބަރު މަހު ޓިއުމަރު ނެގުމަށްފަހު އައިނީގެ ހާލު ރަނގަޅެވެ. އޯލެވެލްގެ ނަތީޖާ ލިބުމުން އައިނީ ފުރައިގެން ދިޔައީ މެލޭޝިއާއަށެވެ.

މެލޭޝިއާއަށް އައިނީ ދިޔައީ އޭނާ ދެކެމުންއައި ހުވަފެނުގައި ކުލަ ޖައްސާށެވެ. ޓުއަރިޒަމްގެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރާށެވެ. އެކަމަކު، އެ ކޮޅުގައި ހުއްޓާ އަނެއްކާ ވެސް އައިނީ ބަލިވާން ފެށިއެވެ. ކުރިން ވީހެން ވާން ފެށުމުން އައިނީ އެނބުރި އައީ އާއިލާ ކައިރިއަށް ރާއްޖެއަށެވެ.

"ފެބްރުވަރީ 2020ގައި ސޭމް ސިމްޓަމްސް ފެންނަން ފެށީމަ އަނެއްކާ ވެސް ޑޮކްޓަރ ޝިފާންއަށް ދައްކަން ދިޔައީ. ދިޔައީމަ ބުނީ ތައިރޮއިޑް ތަންކޮޅެއް ބޮޑުހެންނޭ ހީވަނީ. ސްކޭނެއް ހަދާލަންވީ ނޫންހޭ،" އައިނީ ކިޔައިދިނެވެ.

ސްކޭނެއް ހަދާލުމުން އައިނީއަށާއި އޭނާގެ އާއިލާއަށް ލިބުނު ހަބަރުން އެ މީހުން ސިއްސުވާލިއެވެ. ސްކޭނުން އެނގުނީ އައިނީއަށް ތައިރޮއިޑް ކެންސަރު ޖެހިފައި ހުރިކަމެވެ.

"ހިތަށް އެރީ މަރު ބައްޔެކޭ މި ޖެހުނީ. ކެންސަރޭ ބުނީމަ މީހުން ގަންނަ ބިރު ހަމަ ގަތީ. އެކަމަކު ޑރ. ޝިފާން ވެސް އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް ކިޔައިދިން ތައިރޮއިޑް ކެންސަރަކީ އެންމެ ކިޔުރެބަލް (ރަނގަޅުވުމުގެ ފުރުސަތު އެންމެ ބޮޑު) ކެންސަރޭ. އެ ދުވަހު ދިން ހިތްވަރުގައި ހިފައިގެން ކުރިއަށް ދިޔައީ،" އައިނީ ކިޔައިދިނެވެ.

އައިނީ ހީކުރީ އޭނާ ސަލާމަތް ނުވާނެ ކަމަށެވެ. ކެންސަރުގައި އެތައް ބަޔަކު ދުނިޔެ ދޫކޮށް ދާހެން އޭނާ ވެސް ސަލާމަތް ނުވާނެ ކަމަށެވެ. ނަމަވެސް އައިނީގެ އާއިލާއާއި އެކުވެރިން ވިސްނައިދިނީ އެހެން ވާހަކައެކެވެ. އެތައް ބަޔަކު ކެންސަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދި ގޮތުގެ ވާހަކައެވެ. އެ ވާހަކަތަކުން އައިނީއަށް ހިތްވަރު ލިބުނެވެ.

އައިނީ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ ދުވަސްވަރު --

އެތައް އުންމީދުތަކަކާއެކު ކިޔަވަން ގޮސް ހުއްޓާ އެގޮތަށް ކަންތައްވުމުން، އައިނީ ކިޔެވުންމަތިން ފޫހިވިއެވެ.

ނަސީބަކުން އެކަމުގެ ސަބަބުން އައިނީއަށް މާ ބޮޑު އުނދަގޫތަކެއް ނުވެއެވެ. ކަރުގައި ރިއްސުންފަދަ އެއްވެސް ކަމެއް ދިމައެއް ނުވެއެވެ.

ފަރުވާ ހޯދަން ފުރައިގެން އިންޑިއާއަށް ދިއުމުގައި އައިނީއަށް ކުރިމަތިވި ހުރަހަކީ ކޮވިޑެވެ. އެއީ ކޮވިޑް-19ގެ ފުރަތަމަ ރާޅުގައި ރާއްޖޭގައި ބަލި ފެތުރެން ފެށި ދުވަސްކޮޅެވެ. 2020ވަނަ އަހަރުގެ ފެބްރުވަރީ މަހެވެ.

އައިނީ ސާޖަރީ ހެދީ އައިޖީއެމްއެޗުންނެވެ. އެކަމަކު ސާޖަރީ އައިޖީއެމްއެޗުން ކުރެވުނަސް، ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއިން ބޭރަށް ދެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ރޭޑިއޭޝަން ނެގޭ ގޮތް ނުވެ، އެތައް ދުވަހަކު އައިނީއަށް ޖެހުނީ މަޑުކުރާށެވެ.

"ހިތަށް އެރީ ލަސްވާވަރަކަށް ސްޕްރެޑް ވާނެއޭ. ކީމޯއަށް ވެސް ދާން ޖެހިދާނެއޭ. އަސްލު އެހާކުރިން ފެނުނީމަ ރޭޑިއޭޝަނުން އެކަނި ނިންމާ އެ ލެވުނީ،" އައިނީ ކިޔައިދިނެވެ.

ސާޖަރީ ކާމިޔާބުވި ކަމުގައި ވިޔަސް އައިނީގެ ކަންބޮޑުވުމަށް ނިމުމެއް ނާދެއެވެ. އޭނާ ހުރީ ވަރަށް ހާސްވެފައެވެ. ރޭޑިއޭޝަން ނުނެގި ލަސްވަމުން ދާތީއެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވެ އައިނީއަށް ރޭޑިއޭޝަން ނަގަން ސްރީލަންކާއަށް ދެވުނީ ސާޖަރީ ކުރިތާ ހަ މަސް ފަހުންނެވެ. ލަންކާގެ ސިލިންކޯ ހޮސްޕިޓަލަށް އޭނާ ރޭޑިއޭޝަނަށް ނަގަން ދިޔައީ އޯގަސްޓު މަހުއެވެ.

އައިނީ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ ދުވަސްވަރު --

އައިނީއަށް ރޭޑިއޭޝަން ދިނީ އެންމެ ދުވަހަކުއެވެ. ނަމަވެސް ރޭޑިއޭޝަން ދިނުމަށްފަހު ދެ ހަފްތާ ވަންދެން އެކަހެރިިވާން ޖެހުނެވެ.

އެ ހިސާބުން އައިނީ އުފާވިއެވެ. އެހާ ދުވަހު ކުރި އިންތިޒާރުގެ ނިމުން އައުމުން ހިތްހަމަ ޖެހުނެވެ.

އައިނީގެ ކެންސަރު ތަޖުރިބާގައި އައިނީ އެންމެ ދެރަވި އެއްކަމަކީ، ކެންސަރަކީ ކިހާވަރެއްގެ ކަމެއްކަން ބައެއް މީހުންނަށް ނުވިސްނުމެވެ. ވަރަށް ކުޑަކުޑަ ކަމެއްގެ ގޮތުގައި ބައެއް މީހުން އެ ބައްޔާމެދު ދެކުމެވެ.

ކެންސަރުން ސަލާމަތްވުމުން އައިނީއަށް ވިސްނުނީ އޭނާއަށް ދިރިއުޅުމަށް "ދެވަނަ ފުރުސަތެއް" ލިބުނީ ކަމަށެވެ. ދިރިއުޅުމަކީ ކިހާ މުހިންމު އެއްޗެއްކަން އޭނާއަށް ދަސްވެއްޖެއެވެ. ދިރިއުޅުމުގެ އަގުވަޒަން ކުރަން އެނގިއްޖެއެވެ.

"ދަސްވީ ފުރުސަތެއް ލިބިއްޖިއްޔާ ގެއްލުވައި ނުލަން. ވިސްނެނީ ލައިފް އިޒް ވެރީ ޝޯޓްއޭ. ކޮންމެ ދުވަހަކުވެސް މަރުވެދާނޭ،" އައިނީ ކިޔައިދިނެވެ.

އައިނީ އައިސޮލޭޓް ކޮށްފައި ހުރި އިރު ނަގައިފައިވާ ފޮޓޯއެއް --

މިހާރު ވެސް އައިނީއަށް ކެންސަރާމެދު ވިސްނުމުން ކަންބޮޑުވެއެވެ. އެހެން މީހުންނަށްވުރެ، އައިނީއަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާނެއޭ ހިތަށް އަރައެވެ. އެގޮތަށް ވިސްނާ، ބައެއް ފަހަރަށް އޭނާ ވަރަށް ބޮޑަށް "ޑައުން" ވެއެވެ.

އެފަދަ ހާލަތްތަކުގައި އޭނާއަށް އެންމެ ބޮޑު ސަޕޯޓެއް ދޭ އެއްބަޔަކީ ކެންސާ ސޮސައިޓީ ސަޕޯޓް ގުރޫޕެވެ. އެއްކަމެއް ތަޖުރިބާ ކުރެވިފައިވާ އެތައް ބަޔަކު އެތާ އުޅޭއިރު، އެކަކު އަނެކަކަށް ހިތްވަރުދެއެވެ.

ކެންސަރު ބައްޔާ ކުރިމަތިލިއިރު ޓޫރިޒަމްގެ ދާއިރާއިން ކިޔަވަމުންދިޔަ އައިނީ މިހާރު ކިޔަވަނީ އެހެން ދާއިރާއަކުންނެވެ. ކެންސަރާއެކު އޭނާއަށް ނަފްސާނީ ގޮތުން ކުރިމަތިވި "ބްރޭކްޑައުން"ތަކުގެ ސަބަބުން އޭނާގެ ހިތްޖެހުނީ އެހެން ދާއިރާއަކަށެވެ. ސައިކޮލޮޖީ ދާއިރާއިންނެވެ.

ނިމިިދިޔަ 2021ވަނަ އަހަރު ސައިރިކްސް ކޮލެޖުން ފައުންޑޭޝަން އައިނީ ނިންމިއިރު އިތުރަށް ކިޔަވަން އޭނާ ދާނީ ރާއްޖޭން ބޭރަށެވެ.

"މެންޓަލީ ހެލްޕް ބޭނުންވާ މީހުންނަށް ތެރަޕީ ދީ އެހީތެރިވުން އުންމީދަކީ. ކެންސަރ ސަޕޯޓް ގުރޫޕުގައި ވެސް މަސައްކަތްކުރަން ބޭނުން،" އައިނީ ބުންޏެވެ.

ކެންސަރާ އައިނީ ކުރި ހަނގުރާމައިގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ މަންމައާއި ބައްޕަގެ ފަރާތުންނެވެ. އޭނާ އެހާ ހިތްވަރު ކުރީ ވެސް އެ ދެމީހުންނަށް ޓަކައެެވެ.

އައިނީގެ އެއްބަނޑު އެއްބަފާ ބޭބެ، ކާފައާއި މާމަމެން، ބޮޑުދައިތަ އަދި ތޫއަކީ އައިނީގެ ދަތުރުގައި އޭނާއަށް ހިތްވަރުދިން ފަހުލަވާނުންނެވެ.

އައިނީ އޭނާގެ މައިންބަފައިންނާއި އޭނާގެ އެއްބަނޑުއެއްބަފާ ބޭބެއާއެކު --

ތެދުވާނެހާ ހިތްވަރު ނެތި، އެނދުގައި އޮންނަ ހިތްވާ ދުވަސްތަކުގައި ވެެސް އޭނާ ތެދުވަނީ ހިތްވަރަށެވެ. މަންމައާއި ބައްޕައަށް ޓަކައެވެ.

އައިނީއަށް ކެންސަރު ޖެހުންކަން އެނގުމުން އައިނީގެ މައިންބަފައިންނަށް ލިބުނީ ސިހުމެކެވެ. ޓެސްޓުތަކުގެ ރިޕޯޓް ބެލުމަށްފަހު އެ ވާހަކަ އެ މީހުން ގާތު ބުނީ ވެސް އައިނީއެވެ. ނަމަވެސް އެ ވާހަކަ ގަބޫލުކުރުން އައިނީގެ މައިންބަފައިންނަށް ވީ އުނދަގޫ ކަމަކަށެވެ.

"ސަމާސާއެއް ކަމަށް ވެސް ހީކުރިން. ބުނިން ސަމާސާ ނުކުރާށޭ،" އައިނީގެ މަންމަ ކިޔައިދިނެވެ.

ލިވާއިން ޓިއުމަރު ނެގުމުގެ ސާޖަރީއަށްފަހު އަނެއްކާ ކެންސަރަށް އައިނީ ހުށަހެޅުމުން އެ ވީ ދެރަ، އައިނީގެ މަންމަ އައިމިނަތު ޒިދުނާއަށް ބަޔާންކޮށްދިނުން ވީ ދަތިކަމަކަށެވެ.

"ކިހިނެއްވާނެބާވައޭ. މި ކުއްޖާ ދުނިޔޭގައި ހުންނާނެބާވައޭ ނުހުންނާނެ ބާވައޭ. އެކަހަަލަ އެއްޗެހި ވެސް ހިތަށް އެރި ހަަމަ،" އައިނީގެ މަންމަ ކިޔައިދިނެވެ.

ރާއްޖޭގައި ކެންްސަރަކީ މިހާރު އާއްމު ބައްޔެކެވެ. އެތައް ބަޔަކު މި ބައްޔަށް މިހާުރު ހުށަހެޅިފައިވާއިރު ހަގީގަތުގައި މި ބައްޔަށް މީހުންގެ އަހުލުވެރިކަން ކުޑައެވެ. ކެންސަރު ޖެހިފައިވާ ކުދިންގެ ބެލެނިވެރިންނަށް، އައިނީ ބައްޕަގެ މެސެޖެއް އެބައޮތެވެ.

އައިނީގެ ބައްޕަ، އިބްރާހިމް އަލީ ޖަލީލް ގަބޫލުކުރާ ގޮތުގައި މީހަކަށް ކެންސަރު ޖެހުމަކީ އެ މީހަކާ މެދު އުންމީދު ކަނޑާލަންވީ ސަބަބެއް ނޫނެވެ. ކެންސަރާ ކުރިމަތިލި ކަމުގައި ވިޔަސް، އެ މީހަކު ކުރިއަށް ދާން ބޭނުންވާ ކަމަކުން ކުރިއަށް ދިއުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

"އަބަދުވެސް ހަދަން ޖެހޭ ޓެސްޓުތައް ހަދާށޭ ބުނެލަން އޮތީ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުން ވަރަށް މުހިންމު،" އައިނީގެ ބައްޕަ ބުންޏެވެ.

ކެންސަރު ޖެހިގެން އުޅުނު ދުވަސްވަރު އައިނީއަށް އޭނާގެ އާއިލާއާއި ރަހުމަތްތެރިންގެ ފަރާތުން ލިބުނީ ލޯތްބާއި އަޅާލުމެވެ. އެހީތެރިކަމާއި އޯގާވެރިކަމެވެ.އޭނާގެ މަދު ރައްޓެހިންނަކީ އައިނީ ސިފަކުރާ ގޮތުގައި އޭނާގެ ނަސީބެވެ.

މިހާރު ވެސް އެ ހަނދާންތައް އައުވެ އޭނާ ދެރަވިކަމުގައި ވިޔަސް އައިނީގެ ގާތުގައި އަބަދުމެ އެ ރަހުމަތްތެރިން ތިބެއެވެ. އޭގެ ތެރެއިން ވެސް މުޝް، ނާނި، ލުމާކް، ޒޭބާ އަަދި އަހަދުގެ ނަން އައިނީ ފާހަގަކުރީ ލޯތްބާއެކުގައެވެ.

ކެންސަރާ އައިނީ ކުރި ހަނގުރާމަ ފަސޭހައެއް ނޫނެވެ. އެއީ އައުކުރަން ފަސޭހަ ހަނދާންތަކެއް ވެސް ނޫނެވެ. ނަމަވެސް އައިނީ ސާބިތުކޮށްދިނީ ކެންސަރު ބަލިކުރެވޭނެ ކަމެވެ. ކެންސަރު ޖެހުމަކީ ދިރިއުޅުމުގެ ނިމުން ނޫންކަމެވެ.

އައިނީގެ މި ކާމިޔާބު ދަތުރުން އެތައް އިބުރަތްތަކެއް ލިބެއެވެ.

comment ކޮމެންޓް