މިއަހަރު ދުނިޔޭގެ ކެންސަރު ދުވަހުގެ ކެމްޕެއިން ފަރުމާކޮށްފައި ވަނީ "ފަރުވާގެ ފަރަގު ކުޑަ ކުރަމާ" މި ޝިއާރަށް ބިނާކޮށެވެ. އެއީ ކެންސަރާ ބެހޭ ހޭލުންތެރިކަމާއި، ބަލި ދެނެގަތުމާއި، ފަރުވާ ދިނުމުގައި ގައުމުތަކުގެ މެދުގައި އޮތް ތަފާތު ކުޑަކޮށް، ހަމަހަމަކަމަށް މަސައްކަތް ކުރުމަށް ހިތްވަރުދޭ ކެމްޕޭނެކެވެ. އެ ފަރަގު ކުޑަ ކުރުމަށް ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ވެސް ވަނީ ކެންސަރާ ގުޅުން ހުރި ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފައެވެ.
ރާއްޖޭގައި މިހާރު ހިދުމަތްދެމުންދާ ކެންސަރު ސެންޓަރުތަކުގެ ތެރެއިން، އެންމެ ފުރަތަމަ ހުޅުވައިފައިވަނީ ހުޅުމާލޭ ކެންސަރު ސެންޓަރެވެ. 2017ވަނަ އަހަރު ހުޅުވި އެ ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި ކެންސަރު ބަލީގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތާއި، ކީމޯތެރަޕީއާއި ހޯމޯންތެރަޕީ އަދި އިމިއުނޯތެރަޕީ ދިނުން ހިމެނެއެވެ.
އޭގެ ފަހުން 2018ވަނަ އަހަރު އައިޖީއެމްއެޗުގައި ކެންސަރަށް ހާއްސަ ޑިޕާޓްމެންޓެއް ވަނީ ހުޅުވައިފައެވެ. އެ ޑިޕާޓްމެންޓުން ކެންސަރުގެ ތަހުލީލުތައް ކުރުމާއި ބަލީގެ އެކި ފަރުވާތައް ލިބެން ހުރެއެވެ. އަދި ތަފާތު ބާވަތްތަކުގެ ކެންސަރަށް މަގުފަހިކުރާ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ކްލިނިކެއް ވެސް އެ ޑިޕާޓްމެންޓުގައި ހުރެއެވެ.
އެ ޑިޕާޓްމަންޓުގައި އިސްކޮށް ހުންނަވާ، އަދި ކެންސަރާ ގުޅޭ ސާޖަރީގެ ދާއިރާއިން ތައުލީމް ހާސިލް ކުރައްވާފައިވާ ޑރ. މުހައްމަދު ޝިފާން ވިދާޅުވީ ކެންސަރާ ގުޅުން ހުރި ގިނަ ސާޖަރީތައް މިހާރު ރާއްޖެއިން ކުރެވޭ ކަމަށެވެ.
"ކީމޯތެރަޕީ ނުވަތަ މެޑިކަލް އޮންކޮލޮޖީގެ ބަޔަށް ބަލައިފިއްޔާ ކިމޯގެ ވެސް ގާތްގަނޑަކަށް ހުރިހާ ވައްތަރެއްހެން ރާއްޖޭގަ ދެވޭނެ. ހޯމޯން ތެރަޕީ ދެވޭ. ޓާގެޓެޑް ތެރަޕީ ދެވޭ. ރާއްޖޭގަ ނުދެވޭނެ ފަރުވާއަކީ މިހާރު ރޭޑިއޭޝަން ފަރުވާ،" ޝިޕާން ވިދާޅުވިއެވެ.
ހަމައެއާއެކު ކެންސަރުގެ ފަރުވާއާއި ސާޖަރީއަށް ފަހު، ސާޖަރީ ތެރޭގައި ނަގާފައިވާ ޓިޝޫތައް އަލުން އިޔާދަ ކުރަން ނުވަތަ ރީކޮންސްޓްރަކްޝަން އޮޕަރޭޝަންތަކާއި އާއްމު ދިރިއުޅުމަށް ރުޖޫއަވާން ބޭނުންވާ ތެރަޕީތައް ވެސް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕުން ލިބެއެވެ.
"[ކެންސަރުގެ] ސްޓޭޖަށް ބަލާފަ އެއަށް އޮންނަ އެންމެ ރަނގަޅު ގޮތަކަށް އަޅުގަނޑުމެން ކުރިއަށްގެންދާނީ. އޮޕަރޭޝަންގެ ތެރޭގަ އަޅުގަނޑުމެން ބްރެސްޓް ރީކޮންސްޓްރަކްޝަންވެސް ހަދައިދެން، ބްރެސްޓް ކޮންޒަވޭޝަން ސާޖަރީ ހަދައިދެން މަސްޓެކްޓޮމީ ވިތު އެގްޒިލަރީ ކްލިއަރެންސް އެބައިތައް ކުރިއަށްދާނެ ދެން އެ ނިމުމަށް ފަހު ކީމޯތެރަޕީގެ ބައި ހިނގާނެ،" ޝިފާން ކިޔައިދެއްވިއެވެ.
އެ ހުރިހާ ފަރުވާއެއް ވެސް އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން ލިބެން ހުންނަނީ އާސަންދަ މެދުވެރިކޮށެވެ. ރާއްޖެއިން ނުލިބޭ ފަރުވާތައް އިންޑިއާ ނުވަތަ ލަންކާއިން ހޯދުމަށް އާސަންދަ އާއި އެންސްޕާއިން އެހީތެރިވެދެއެވެ.
އައިޖީއެމްއެޗްގައި ކެންސަރަށް ދޭ ފަރުވާއަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދޭ ފަރުވާކަން އޮންކޮލޮޖިސްޓު ޑރ. މުހައްމަދު އަމްރު ފާހަގަކުރެއްވިއެވެ.
"މިދޭ ފަރުވާގަ އަޅުގަނޑުމެން ފޮލޯ ކުރަނީ އިންޓަނޭޝަނަލް ބެސްޓް ޕްރޮކްޓިސްގެ ގައިޑްލައިންސް. އެހެންވީމަ މި ޓްރީޓްމެންޓް ސްޓޭންޑާޑް ވާނެ ކޮންމެ ބޭރުގެ ސްޓެންޑަޑް ހޮސްޕިޓަލަކާ އަޅާ ބެލިޔަސް،" އަމްރު ވިދާޅުވިއެވެ.
ހަށިގަނޑުގައި ކެންސަރު އުފެދިފައިވާކަން ކުރީބައިގައި ދެނެގަނެ، ފަރުވާ އަވަހަށް ފެށުމަކީ މީހާގެ ފުރާނަ ސަލާމަތް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ނަމަވެސް މިހާރު ކެންސަރާ ބެހޭ އައު ހޯދުންތަކާއެކު، ބަލީގެ ފަރުވާއަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކެންސަރުގެ ނުރައްކާތެރި މަރުހަލާތަކުން ވެސް މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.
އެހެންކަމުން ރާއްޖެގައި ދޭ ކެންސަރުގެ ފަރުވާއަށް ދިވެހިންގެ މެދުގައި އޮތް އިތުބާރު އިތުރުވެފައިވާކަން އަމްރު ފާހަގަކުރެއްވިއެވެ.
ކެންސަރަށް ޓެސްޓު ކުރުމުން ފެށިގެން، ފަރުވާ ނިމެންދެން ގާތްގަނޑަކަށް ހުރިހާ ހިދުމަތެއް ރާއްޖެއިން ހޯދާފައިވާ މީހުން މިހާރު ތިބި ކަމަށް ކެންސާ ސޮސައިޓީގެ ސެކްރެޓަރީ ޖެނެރަލް އަފާ އަދުނާން ވިދާޅުވިއެވެ.
ރާއްޖެއިން ކެންސަރަށް ޓެސްޓުކޮށް، ފަރުވާ ލިބުމަކީ ގައުމުން ބޭރުގައި ހޭދަކުރަން ޖެހޭ އެތައް ވަގުތަކާއި ފައިސާއެއް ސަލާމަތްކުރެވޭނެ ގޮތެކެވެ. އޭގެ އިތުރުން އެއީ ބަލިމީހާއަށާއި ގާތްތިމާގެ މީހުންނަށްވެސް ނަފްސާނީ ގޮތުން ލިބޭ ލުޔެކެވެ.
"މިކޮޅުގަ ކުރެވޭތީ ހަރަދުގެ ގޮތުންނާއި ސައިކޮލޮޖިކަލީވެސް މާ ރަނގަޅު. ތަނެއްގަ އެކަހެރިވެގެން ހުރެ [ކީމޯ] ނެގުމުގެ ބަދަލުގައި އަމިއްލަ ގައުމުގަ ތިބެގެން މި ބައްޔަށް ފަރުވާ ލިބޭ ކަމަށް ވަންޏާ ބޮޑު ފަސޭހައެއްތާ،" އަފާ ވިދާޅުވިއެވެ.
ދެހާސްވިހިވަނަ އަހަރު އާސަންދައިން އާއްމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި 2019ވަނަ އަހަރު ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 7000އަށް ވުރެ ގިނަ މީހުން އާސަންދައިން ފޮނުވި އިރު އޭގެ ތެރޭގައި ކެންސަރަށް ފަރުވާ ހޯދަން ދިޔަ 1463މީހަކު ހިމެނެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ޕެޓް ސްކޭން ހެދުމަށް ރާއްޖެއިން ބޭރަށް ދިޔަ މީހުންނެވެ.
ޕެޓް ސްކޭންގެ ހިދުމަތް ތައާރަފް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ މިދިޔަ މަހުގެ ތެރޭގައި ހާމަކޮށްފައެވެ.
އެހެންނަމަވެސް، އެ ހުރިހާ ހިދުމަތެއް މާލެ ސަރަހައްދުން ލިބުމަކީ އަދި ހުރިހާ ދިވެހިންނަށް އަތްފޯރާފަށުގައި ސިއްހީ ހިދުމަތް ލިބުން ކަމަށް ނުބެލެވޭނެއެވެ. އަތޮޅުތެރޭގައި ދިރިއުޅޭ މީހުން ފުރައިގެން މާލެއަށް އައުމަކީ ވެސް ހަރަދުތައް ބޮއްސުންލައިގެން ގޮސް، އެތައް ތަކުލީފުތަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ.
މިވަގުތު ރާއްޖެތެރެއިން ކީމޯތެރަޕީ ނެގުމުގެ ފުރުސަތު އޮތީ ތިން ރަށެއްގައެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރާއި އައްޑޫ ސިޓީގައެވެ. އެ ރަށްތަކުގެ ހޮސްޕިޓަލުން ކީމޯތެރަޕީގެ ފަރުވާ ފޯރުކޮށްދެނީ އައިޖީއެމްއެޗްގައި ތިއްބަވާ ކެންސަރަށް ހާއްސަ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.
މީގެ އިތުރުން، ކެންސަރުގެ ފަރުވާ ފުޅާ ދާއިރާއެއްގައި މާލެއިން ބޭރުން ލިބޭނެ ގޮތެއް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން ވަނީ ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އަޅާނެކަން އިއުލާންކޮށްފައެވެ.
އެ ހޮސްޕިޓަލް މީގެ ކުރިން އަޅަން ނިންމާފައި އޮތީ ހުޅުމާލޭގައި ކަމަށްވީ ނަމަވެސް ފަހުން ސަރުކާރުން ވަނީ އެ ހޮސްޕިޓަލް އަޅާނީ ލ. ގަމުގައި ކަމަށް ނިންމާފައެވެ.
އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭ ފެށޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. އެ ހޮސްޕިޓަލުން ކެންސަރު ބަލީގެ ތަހުލީލުތައްކޮށް، ބަލި ދެނެގަނެ، ފަރުވާދީ އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރިހެބިލިޓޭޝަން ވެސް ފޯރުކޮށްދޭނެއެވެ.
އެ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގައި ތިބި ކެންސަރު ޖެހިފައިވާ މީހުންގެ ރަޖިސްޓަރީއެއް އެކުލަވާލާނެއެވެ. އަދި ކެންސަރު ބައްޔަށް ފަރުވާ ދިނުމާ ބެހޭ ގޮތުން ނަރުހުންނާއި، ޑޮކްޓަރުންނާއި ޓެކްނީޝަނުންނާއި އެހެން މުވައްޒަފުން ހިމެނޭ ގޮތަށް ސިއްހީ ދާއިރާގެ 250 މުވައްޒަފުން ތަމްރީނު ކުރުން ވެސް ހިމެނެއެވެ.
މީގެ ހަތަރު ވަރަކަށް އަހަރު ކުރިއާ އަޅާ ބަލާއިރު ރާއްޖޭގައި މިހާރު ދެވޭ ކެންސަރުގެ ފަރުވާތައް ގިނައެވެ. އެއާއެކު، ކެންސަރު ބަލި ތަހައްމަލު ކުރާ ދިވެހިންނަށް ފަރުވާ ހޯދުމުގައި ގިރާކުރަން ޖެހޭ ތުރާތައް ވަނީ ކުރިއަށް ވުރެ މަދުވެފައެވެ. ނަމަވެސް އެންމެ ފުރިހަމައަށް ފަރުވާގެ ފަރަގު ކުޑަކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް އެބައޮތެވެ.