ވެކްސިން ހަދިޔާކުރުމުން އެމެރިކާއަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރައްވައިފި

މިނިސްޓަރު ޝާހިދު ސަންގެ 50 މިނިޓު ޕްރޮގްރާމަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިއްޔެ ރާއްޖެއަށް އެމެރިކާގެ ފަރާތުން ވެކްސިން ހަދިޔާކުރުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލެންކަން އަށާއި، އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އެމެރިކާގެ ހަދިޔާއަކީ ރާއްޖޭގައި ވެކްސިނުގެ ބޫސްޓަރު ޑޯޒް ޖެހުމަށް ކުރެވޭ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަމުގައެވެ.

އެމެރިކާއިން ހަދިޔާކުރި ވެކްސިންތަކަކީ އދގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ހަދިޔާކުރި އެއްޗެކެވެ. މި ފަހަރު އެ ގައުމުން ވަނީ ފައިޒާ ވެކްސިންގެ 210،600 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ ޗީފް ޑި އެފެއާޒް މާޓިން ކެލީ އިއްޔެ ވިދާޅުވީ މިއީ ކޮވިޑުގެ އިގްތިސާދީ އަދި އިޖުތިމާއީ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. ރާއްޖެ ހިމެނޭހެން 120 ގައުމަކަށް މި މަސައްކަތުގެ ތެރެއިން އެހީ ފޯރުކޮށްދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން ވަނީ މިހާތަނަށް ރާއްޖެއަށް 440،000 ޑޯޒްގެ ފައިޒާ ވެކްސިނާއި ހަތް މިލިއަން ޑޮލަރުގެ އެމާޖެންސީ ވަސީލަތްތަކާއި ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދީފައެވެ. އަދި 60 ވެންޓިލޭޓަރާއި އެއް ލައްކަ ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓުވެސް ހަދިޔާކޮށްފައިވެއެވެ.

މީގެ އިތުރުން ކޮވިޑުން ރައްކާތެރިވުމާ ބެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް އެމެރިކާއިން އެހީތެރިވެދީ، ރާއްޖޭގެ އިގުތިސާދު އިއާދަކުރުމަށް ސަރުކާރަށް ފަންނީ އެހީ ފޯރުކޮށްދީފައިވެއެވެ.

comment ކޮމެންޓް