ހިތާއިހިތުން ކުދިކިޔަމުން ހިނގަމުންދިޔަ އިރަމް ފަސްއެނބުރި ބަލަމުން އަމިއްލަ ނަފުސާއި ވާހަކަދައްކަމުން ދިޔައެވެ. ވިޝްކާއަކީ ކާކު ހެއްޔެވެ؟ އައިޒަކާއި ކޮން ގުޅުމެއް އޮތް މީހެއް ހެއްޔެވެ؟ އައިޒަކް ވިޝްކާދެކެ ހިތްހަމަނުޖެހިފައި ހުރިކަން އޭނާއަށް އެނގެއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އަނެއްކާ ވިޝްކާއަކީ އައިޒަކްގެ ސިއްރު ލޯބިވެރިއެއް ހެއްޔެވެ؟ ނޫނީ، އެދެމެދުގައި އޮތީ ވިޝްކާ އެބުނިފަދަ ގުޅުމެއް ހެއްޔެވެ؟ ވީއިރު، ވިޝްކާއާއި ކައިވެނިނުކޮށް، އައިޒަކް އޭނާ އާއި ކައިވެނިކުރީ ކީއްވެ ހެއްޔެވެ؟ އައިޒަކްގެ ގެއަށް ގެންދިޔަ ދުވަހު، އެ ގެއިން ވިޝްކާ ފެނުނު ހަނދާނެއް އިރަމް ނުވިއެވެ.

އެއްގަމަށް އެރެން އޮތް ހަނި މަގުން އަރައިގެން ދަނިކޮށް، ދުއްވާފައި އައި ބައިސްކަލަކުން ޖެހިފައި އިރަމް އާއި ބައިސްކަލުގައި އިން ޒުވާނާ ވެއްޓުނީ އެކުއެކީގައެވެ. އިރަމް ފެނުމާއިއެކު، ޒުވާނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

********

އަތްފައި ފޮޅަމުން އިރަމް ތެދުވިއެވެ. އުޅަނބޮށިން ތަންކޮޅެއް މަށައިގެން ގޮސް ލޭ ހިލިފައިވާކަން އޭނާއަށް އިހުސާސްވެސް ނުވެއެވެ. އެއަށްވުރެ ބޮޑަށް އިރަމްއަށް ވިސްނުނީ ލައިގެން ހުރި ހެދުމާއިމެދުގައެވެ. ހެދުމުގެ ބައެއް ތަންތަންކޮޅު ހުރީ ކިލާވެފައެވެ. އެތައް ވަރަކަށް ފޮޅައިގެންވެސް ނުފިލުމުން، އިރަމްގެ ސިކުނޑި ސުމަކަށް ދިޔައެވެ. އެއްކަމަކުން ސަލާމަތްނުވެ އުޅެނިކޮށް އަނެއް ކަމެއް ލައިގަތީއެވެ. އިރަމްގެ ތަބީއަތު ހަރާބުވިއެވެ. ކުޑަކޮށް ފެންކަޅިވި ނަމަވެސް، އޭނާ އިސާހިތަކު ކަރުނަތައް ހިންދައިލިއެވެ.

"ސޮރީ..." އިވުނީ ޒުވާން ފިރިހެނެއްގެ އަޑެވެ.

އިސްއުފުލައިލިއިރު، އިރަމް ހުރީ ގަދަކަމުން ހިނިތުންވެލައިގެންނެވެ.

"އިޓްސް އޯ..." އިރަމް ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

ކުރިމަތީގައި ހުރީ، އިރަމްއަށް އައު ސޫރައެއް ނޫނެވެ. ކޮންމެވެސް ތަނަކުން އެ ޒުވާނާ ފެނުނު ހަނދާނެއް އޭނާ ވިއެވެ.

"ޑްރައިވަރ؟... ޔެސް.. ޓެކްސީ ޑްރައިވަރ!..." އިރަމްއަށް ބުނެވުނެވެ.

ޒުވާނާ ބޯޖަހައިލިއެވެ. އޭނާ ހިނިތުންވެލީ، އެންމެ ބައްދަލުވުމަކުންވެސް އިރަމްއަށް އެއީ ކާކުކަން އެނގުމުން ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

"އަދިވެސް އެކައުންޓް ނަންބަރެއް ނުލިބޭ..." އިރަމް ބުނެލިއެވެ.

"އަތް ހަލާކުވެފައެއްނު ތިއޮތީ..." ޒުވާނާ ހާސްވިކަން އޭނާގެ ރާގުން އެނގޭހައިވެއެވެ.

އިރަމް ދެއްކި ވާހަކައަށް އޭނާ ސަމާލުކަމެއް ނުދިނެވެ. އިރަމްގެ މުޅި ހަށިގަނޑަށް އޭނާ ބަލައިލީ، އިތުރު ކަމެއްވެފައި ހުރިތޯ ޔަގީންކޮށްލާ ފަދައިންނެވެ.

"އެއްވެސް ތަނަކަށް ތަދުވިތަ؟... ހިނގާ އަވަހަށް ޑޮކްޓަރަށް ދައްކަން..." ޒުވާނާ ބުންޏެވެ.

"އޯކޭވާނެ.. މާބޮޑުކަމެއް ނޫން އެއީ..." އިރަމް ހިނިތުންވެލިއެވެ.

"ޔަގީންތަ އޯކޭކަން..." ޒުވާނާ ތަކުރާރުކޮށް ސުވާލުކުރިއެވެ.

އިރަމް ބޯ ޖަހައިލިއެވެ.

"ޕޭމަންޓް ފޮނުވާލަން، ދީ އެކައުންޓް ނަންބަރު..." އިރަމް އެދުނެވެ.

"ޕޭމަންޓް ދޯ؟..." ޒުވާނާ ދޫކޮށްލީ ފުން ނޭވާއެކެވެ. "މިހާ ދުވަސްވީމަ، ޕޭމަންޓްމަތިން ހަނދާނެއްވެސް ނެތް... ކިހިނެއްވާނީ ބަދަލުގަ ކޮފީއެއް ދިނުން؟..."

"ކޮފީއެއް؟..." އިރަމް ކުޑަކޮށް ހާސްވެފައި އަހައިލިއެވެ.

"ދެވަނަ ފަހަރަށް ދިމާވީމަ ވާނީ ރައްޓެހިންނަށް..." ޒުވާނާ ހަމަޖެހިލާފައި ބުންޏެވެ. "ކޮފީއެއް ދެން މާލެ ގޮއްސަ ދިނަސް އޯކޭ... އަދިވެސް ބައްދަލު ނުވާނެކަމެއް ނޭނގެއެއްނު... ބައިދަވޭ، އަހަރެންގެ ނަމަކީ ޒިވިއަން... އަހަންނަކީ އިރަމްގެ..."

ޒުވާނާގެ ޖުމްލަ ފުރިހަމަނުވަނީސް، އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. އިރަމްއަށް ހިނިތުންވެލުމަށްފަހު، އޭނާ އެތަނުން ދުރަށް ހިނގައިގަތެވެ. އިރަމް ހައިރާންވީ ޒިވިއަން އޭނާގެ ނަން ކިޔައިލިއިރު، ރާގުގައި ހުރި ގާތްކަމެއްގެ ސަބަބުންނެވެ. އެއީ ނުދަންނަ މީހަކާއި ބައްދަލުވެ، ވާހަކަ ދައްކާއުޅޭފަދަ ރާގެއް ނޫނެވެ.

*********

ވިޝްކާގެ އަތުގައި ހިފައިގެން ޖެޓީއާއި ދިމާއަށް ހިނގަމުންދިޔަ އައިޒަކްގެ މޫނުން ނުތަނަވަސްކަން ފިލައިގެން ނުދެއެވެ. ކައިވެނީގެ އެންމެ ހާއްސަ ދުވަހު، އެމްމެ ހާއްސަ ވަގުތުގައި، އިރަމް އެކަނިކޮށްލަން ޖެހުނީއެވެ. އައިޒަކް ހުރީ އިންތިހާއަށް ދެރަވެފައެވެ. ޖެޓީއާއި ހަމައަށް ދެވުމާއިއެކު، ވިޝްކާ އައިޒަކްގެ އަތް ފޮޅުވައިލިއެވެ. ކުރިމަތީގައި އޮތް ލޯންޗަށް ބަލައިލާފައި އޭނާ ޖެހިލީ ފަހަތަށެވެ.

"ބުނެފީމެއްނު މާލެދާނީ ޒެކްއާ އެކީއޭ..." ވިޝްކާ ހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. "ދޭ އަރަން... އޭރުން އަހަރެންވެސް އަރާނަން... އޭގެ ކުރިން މިތަނުން ގުޑައެއް ނުލާނަނ..."

"ކުޑަކުދިން އުޅޭހެން ނޫޅެބަލަ... ވިޝްކާ އައީ އަހަންނާ އެކީތަ؟... އައިގޮތަކަށް ދެވެންވެސްވާނެ..." ވިޝްކާ އުޅޭގޮތުން އައިޒަކް ހުރީ ރުންކުރުވާގޮތްވެފައެވެ.

"ނުދާނަން..." ވިޝްކާ އިންކާރުކުރިއެވެ.

"އަހަރެންގެ އަނތްބަކު މިތާ އެބަހުއްޓޭ..." އައިޒަކް ހުރީ ގޮތް ހުސްވެފައެވެ.

"އޭނަ ކައިރީ ބުނަންވީނު އެކަނި މާލެދާން..." ވިޝްކާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"އަހަންނޭ އޭނަ މިތަނަށް ގެނައީ... އަހަރެންގެ އަނބިމީހާއަށް ރައްކާތެރިކަން ދޭން ހުންނާނީވެސް ހަމަ އަހަރެން..." ކިތަންމެ ރުޅިގަދަވި ނަމަވެސް، އައިޒަކް ވާހަކަދެއްކީ، މަޑުމައިތިރިކޮށް، ވިސްނައިދޭ ކަހަލަ ރާގަކަށެވެ.

"ދެން އަހަރެންވެސް ޒެކްގެ އަނތްބަކަށް ހަދަންވީނު..." ވިޝްކާ ބުންޏެވެ.

"ވިޝްކާ..." އައިޒަކް ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.

"ކީއްތަވީ؟... ކޮބާތަ މައްސަލައަކީ؟..." އައިޒަކް ވާހަކަދެއްކި ބާރުމިނުގައި ވިޝްކާ ބުންޏެވެ. "ވަން، ޓޫ، ތްރީ، ފޯރ... އެންމެ ޖާގައެއް މީހަކަށް ދެވިގެން ހާދަ ވަރެއް ޒެކްއަށް ތި ވަނީ... އަދި ތިން ޖާގަ ހުސްކޮށް އެބައޮތޭ... ފިރިހެނަކަށް ހަތަރު އަނބިން ހުއްދަކަން ޒެކްއަށްވެސް އެނގޭނެ... އަހަރެންވެސް ޒެކްގެ ރައްކާތެރިކަން ބޭނުންވާތީ އަނތްބަކަށް ހަދަން މި ބުނަނީ... ދެން ކޮބާތަ މައްސަލައަކީ؟..."

"އަހަރެން ކިހިނެއް ވިޝްކާއަށް ވިސްނައިދޭނީ؟..." އައިޒަކް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. "ބުނެފީމެއްނު ތީ އަހަރެންގެ ކޮއްކޮއެކޭ..."

"އަހަންނަށް ތިހެން ނުހަދަބަލަ ޒެކް... ކީއްވެތަ އަހަރެން ބާކީކޮށްލަނީ؟... ގޯސްކަމެއްކުރަން އަހަންނަށް މަޖުބޫރު ނުކުރުވަބަލަ..." ވިޝްކާ ދެރަވެލާފައި ބުންޏެވެ.

"ވިޝްކާގެ މައިންބަފައިންނަށް ކުރާ ގަދަރެއްގެ ބޮޑުކަމުން އަހަރެން ވިޝްކާއަށް ވިސްނައިދޭން މިހާ ވަރަށް މި މަސައްކަތްކުރަނީ... އެކަމަކު، އަހަންނަށްވެސް ކެތްވާނީ ވަކި ވަރަކަށް... ލޯންޗް އެއޮތީ ހަމަޖައްސާފަ... ވިޝްކާ އައިގޮތަކަށް މާލެދޭ... އަހަންނަށް ވިޝްކާއާއެކީ ދެވޭކަށް ނެތް... އަހަރެންގެ އަނބިމީހާ ނޫންކަމެއް މިވަގުތު އަހަންނަށް މުހިއްމެއް ނޫން..." އައިޒަކް އެނބުރި އައިކޮޅަށް ހިނގައިގަތެވެ.

"ޒެކް މަޑުކޮށްބަލަ..." ވިޝްކާ އައިޒަކްގެ އަތުގައި ހިފެހެއްޓިއެވެ.

އައިޒަކް އެ އަތް ފޮޅުވައިލާފައި ހިނގަމުން ދިޔައެވެ.

"މަންމައަށް ގުޅަނީ..." އިންޒާރުދޭ ކަހަލަ ރާގަކަށް ވިޝްކާ ބުންޏެވެ.

އައިޒަކް ނުހުއްޓުނެވެ. ވިޝްކާ އެތައް އިންޒާރެއް ދިނުމުންވެސް އޭނާ ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ދިޔައީއެވެ. އައި ރުޅީގައި ވިޝްކާ ވަރަށް ބާރަށް ބިންގަނޑުގައި ފައިން ޖެހިއެވެ.

********

އެތައް އިރެއް ވީއިރުވެސް އައިޒަކް ނައުމުން އިރަމް ރުޅި އައިސްގެން ކޮޓަރިއަށް ދިޔައީ، އައިޒަކާއި އަނގައިންވެސް ނުބުނަން ނިންމައިގެންނެވެ. ކޮޓަރިއަށް ވަންގޮތަށް، އިރަމް އުޅުނީ އިނގިލީގައި އަޅާފައި އޮތް އަނގޮޓި ނަގައި ހޫރައިލާށެވެ. އެކަމަކު އޭނާއަށް އެކަމެއް ނުވިއެވެ. އައިޒަކް އެހާ ލޯބިން އަޅުވައިދިން އަނގޮޓި ނަގާކަށް އިރަމްގެ ހިތް އެއްބަހެއް ނުވިއެވެ. އިރަމް ގޮސް އެނދުގައި އޮށޯވެލިއެވެ. ގިނައިރުތަކެއްނުވެ، ކޮޓަރި ދޮރުގައި ޓަކި ޖަހައިލާފައި ދޮރު ހުޅުވައިލި އަޑު އިވުނެވެ. ކޮޓަރިއަށް ވަންނާނީ އައިޒަކްކަން އެނގޭތީ އިރަމް ވަގުތުން ދެލޯ މަރައިލިއެވެ.

އަތުގައި އޮތް ކޮތަޅު މޭޒުމަތީގައި ބަހައްޓާފައި އެނދާއި ދިމާއަށް އައިޒަކް ހިނގައިގަތެވެ. ފުރަގަސްދީގެން އޮތުމުން އިރަމްގެ މޫނު އައިޒަކަށް ފެންނަގޮތެއް ނުވިއެވެ. ހިނގައިދިޔަ ކަންތަކަށްފަހު، އައިޒަކަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރިކުރެވެމުން ދިޔައެވެ. އިރަމް އޭނާދެކެ ރުޅިއައުން ހައްގެވެ. އިރަމްގެ ކައިރީގައި އިށީނދެފައި، އައިޒަކް އިރަމްގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"ނިދީތަ؟..." އައިޒަކް ވަރަށް ލޯބިން އަހައިލިއެވެ.

އިރަމް ޖަވާބެއް ނުދިނެވެ. ގުޑިވެސް ނުލިއެވެ. ކޮނޑުގައި ހިފައި މަޑުމަޑުން ތަޅުވައިލި ނަމަވެސް، ދެލޯ ހުޅުވައެއްވެސް ނުލިއެވެ.

"ރުޅި އައިއްސަތަ؟..." މަޑުމައިތިރި ރާގަކަށް އައިޒަކް ސުވާލުކުރިއެވެ.

އިރަމް އެއްޗެއް ނުބުނުމުން، އައިޒަކް މަޑުމަޑުން އޭނާއާއި ވީ ފަރާތަށް އިރަމް އަނބުރައިލަން އުޅުނެވެ. އިރަމް ގަދަ ހަދައިލިއެވެ. ނޭނބުރެންވެގެން އޭނާ އޮތީ، ހަށިގަނޑަށް ލެވުނުހާ ބާރެއް ލައިގެންނެވެ. އައިޒަކް ގަދަކަމުން އޭނާއާއި ވީ ފަރާތަށް އިރަމް އަނބުރައިލިއެވެ. އޭރު އިރަމް އޮތީ ދެލޯ މަރައި ބާރުކޮށްލައިގެންނެވެ.

"ހާދަ ބާރުގަދަ ކުއްޖެކޭ..." އައިޒަކް ބުނެލިއެވެ.

އިރަމް އޮތީ ރުޅިއައިސްފައިކަން އެނގުމުން، އައިޒަކްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އިރަމްގެ ހިތުގައި އޭނާއާއިމެދު އިހުސާސްތަކެއްވާކަން އައިޒަކަށް ޔަގީންވިއެވެ. ނޫންނަމަ، ވިޝްކާގެ އަމަލުތަކުގެ ސަބަބުން އިރަމް ރުޅި އަންނަންޖެހޭ ސަބަބެއް ނެތެވެ. ކޮންމެ އަންހެންކުއްޖަކު ނަމަވެސް، ލޯބިވާ މީހާ އެފަދަ ގޮތަކަށް ކަންތައް ކުރުމުން، ހިތްހަމަނުޖެހޭކަނެކަން އައިޒަކަށް ގަބޫލުކުރެވުނެވެ. ހުދު އޭނާ ނަމަވެސް ވާނީ އެހެންނެވެ.

"ސޮރީ..." އައިޒަކް މަޑުމަޑުން ބުނެލިއެވެ.

އިރަމް ދެންވެސް ލޯ ހުޅުވާލާކަށް ނޫޅުނެވެ.

"ކޮންކަމެއް ކޮށްދިނިއްޔާ، މާފުކުރާނީ؟..." އިރަމް އާއި ގާތްވެލަމުން، އައިޒަކް ލާނެތް ރާގަކަށް އަހައިލިއެވެ.

އައިޒަކްގެ ޖުމްލައިން އިރަމްގެ ހިތް ތެޅިގަތެވެ. އޭނާއަށް ޖެހުނީ ގޮތްދޫކުރާށެވެ. ނޫނީ އައިޒަކް ކޮންމެފަދަ ސަމާސާއެއްވެސް ކޮށްފާނެއެވެ. އިރަމް ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ. އައިޒަކް ދިޔައީ ސިއްސައިގެންނެވެ.

"ހާދަ ބިރުން..." އައިޒަކަށް މަޖާވީ، އިރަމް ހުރިގޮތް ފެނުމުންނެވެ.

ދެންމެ ރުޅި އައިސްފައި އޮތް ކުއްޖާ ކުއްލިއަކަށް ތެދުވިއިރު، ހާދަ މައުސޫމެވެ. ބިރުން ސިހިސިހި ހުރެ، ސިއްރު ނަޒަރުން ބަލަމުން ދިޔައިރު، ހީވަނީ ކުޑަކުއްޖެއް ހެންނެވެ. އައިޒަކްގެ ހިތް ލޯބިން ފުރިގެންދިޔައެވެ.

އައިޒަކް ތެދުވެގެން އިރަމް އާއި ދިމާއަށް ހިނގައިގަތެވެ. އިރަމް ޖެހިލީ ފަހަތަށެވެ.

"ބަނޑުހައިވެއްޖެ..." އިރަމް އަވަސް އަވަހަށް ބުނެލިއެވެ.

"ކާންދޭންވީތަ؟..." އިރަމް އާއި ދާދި ގާތުގައި ހުއްޓިފައި އައިޒަކް ސުވާލުކުރިއެވެ.

"ނޫން..." ފަހަތަށް ޖެހިލަމުން އިރަމް ބޯ ހޫރައިލިއެވެ.

"މި ކުއްޖާ ހިކިކަމުން ގެންގުޅެންވެސް ބިރުގަނޭ... އަހަރެން ބޭނުން މިކުއްޖާ ކުޑަކޮށް ފަލަކޮށްލަން..." އިރަމްގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓައިލަމުން އައިޒަކް ބުންޏެވެ.

އައިޒަކްގެ ރާގު ހުރިގޮތުން، އިރަމްއަށް ހީވީ، އުޑު އައިސް އޭނާ ބިމާލައި ފިއްތައިލި ހެންނެވެ. ހާސްވެގެން އޭނާއަށް ހަދަންވީގޮތެއްވެސް ނޭނގުނެވެ. ރަތްވަމުންދިޔަ އިރަމްގެ ދެކޯތާފަތުގައި ފިރުމައިލަން އައިޒަކްގެ ހިތް އެދުނެވެ. ކިތަންމެ ހިތްވަރު ކުރިނަމަވެސް، އިރަމްއާއި އެހާ ކައިރީގައި ހުންނަންވުމުން، އައިޒަކަށް އޭނާގެ ނަފުސުގެ މައްޗަށް ބާރު ފޯރުވުން ވަނީ އުނދަގޫ ކަމަކަށެވެ.

"ހިނގާ ކާން... ކާއެއްޗެހި ހިހޫވެދާނެ..." އިރަމް އާއި ދުރަށްޖެހިލަމުން އައިޒަކް ބުންޏެވެ.

އިރަމްއަށް ހަމަނޭވާއެއް ލެވުނީ ދެނެވެ. އައިޒަކްގެ ފަހަތުން ހިނގަމުންދިޔައިރު، އިރަމްއަށް އޭނާގެ ނަފުސު ކުށްވެރިކުރެވެމުން ދިޔައެވެ. ކިތަންމެ ގަދަ ދައްކާލާފައި އައިޒަކާއި ކުރިމަތިލާން ހިތުލިޔަސް، އައިޒަކް ކުރިމައްޗަށް އެރުމުން، އޭނާ ވަނީ ބޮޑު ފިނޑިއަކަށެވެ. އެކަމާއި އައިޒަކް ފަހުރުވެރިވާނޭކަން އެނގުމުން އިރަމްއަށް ތުންފިއްތައިލެވުނެވެ.

********

ދަތުރު ނިންމައި އިރަމްމެންނަށް މާލެ ދެވުނީ ކިރިޔާއެވެ. ކަނޑު ގަދަވެ، ވިއްސާރަވިއެވެ. ލޯންޗު ފަޅަށް ވަންއިރު، ތުނިތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. ވިދާލާ ގަދަ ވިދުވަރާއިއެކު ޖަހައިލާ ގުގުރީގެ އަޑުން، ބިރުން ހިތްތައް ވިރޭވަރުވެއެވެ. ވާރޭ ވެހެންފެށިގޮތަށް ހުއްޓައެއްނުލިއެވެ. ހިނދެއް ހިނދަކަށް ބޯކުރަމުން ދިޔައެވެ. ކާރު ގެނައުމަށް މާކިންއަށް ގުޅި ނަމަވެސް، އެ ގަޑިއަށް މާކިންއަށް އާދެވޭގޮތެއް ނުވިއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި އިރަމްމެންނަށް ޖެހުނީ، ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވަންނާށެވެ. އެތެރެއަށް ވަންއިރު، ދެމީހުންވެސް ތިބީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. އިރަމްގެ އުނަގަނޑުގައި އަތް ޖައްސާލައިގެން ހުރެ، ހުސްކޮށް ހުރި މޭޒަކާއި ދިމާއަށް ދިޔުމަށް އައިޒަކް ހިނގައިގަތެވެ.

އިރަމް އާއި އައިޒަކްގެ ހަރަކާތްތަކަށް ބަލަން ހުރި މީހަކު އޭނާގެ ކެމެރާގައި އެ ދެމީހުންގެ ތަސްވީރު ރައްކާކޮށްލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު