ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު އާޖެންޓީނާ އާއި ޗިލީ ބައްދަލު ކުރި މެޗުން 2-1 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރި ހޯދައިފިއެވެ.
އާޖެންޓީނާގެ މޮޅާއެކު އެ ޓީމުން ވަނީ ބަލިނުވެ 28 މެޗު ކުޅެފައެވެ. އަދި އެ ޓީމުން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ބަލިނުވެ 18 މެޗު ކުޅެފައެވެ. އެ ޓީމު ވޯލްކަޕް ކޮލިފައިން މެޗެއްގައި އެންމެ ފަހުން ބަލިވެފައި ވަނީ ފަސް އަހަރު ކުރިންނެވެ.
ރޭގެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން އަދި ފުޓުބޯޅައިގެ ރަސްގެފާނު ލިއޮނަލް މެސީ ކުޅެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އޭނާާ ކޮވިޑުން ރަނގަޅުވި ނަމަވެސް އަދި އެއްކޮށް ފިޓުވެފައެއް ނުވެއެވެ. ނަމަވެސް މެޗުގައި އާޖެންޓީނާ ފެނުނީ ވަރަށް ވަރުގަކޮށެެވެ.
މެޗު ފަށައިގެން ވެސް އާޖެންޓީނާ ވަނީ ޗިލީގެ ގޯލަށް ނުރައްކާ ހަމާލަތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި އާޖެންޓީނާގެ އެންޖަލް ޑިމާރިއާ ވަނީ އެ ޓީމަށް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފައެވެ. އޭރީއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ މަތީ ކަނަށެވެ. މިއީ އޭނާ އާޖެންޓީނާއަށް ކާމިޔާބުކޮށްދިން 23 ވަނަ ގޯލެވެ.
ނަމަވެސް މެޗުގެ 20 ވަނަ މިނެޓުގައި ޗިލީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމުގެ ބެން ބްރެރެޓޯން ޑިއާޒް އެ ގޯލު ޖަހައިދިނީ އެ ޓީމުގެ މާސެލީނޯ ނުނޭޒް ފަހި ކޮށްދިން ފުރުސަތަކުންނެވެ. އޭރީއޭ ބޭރުން ނުނޭޒް ނަގައިދިން ހުރަސް ޑިއާޒް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ލައުޓާރޯ މާޓިނޭޒް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން ގޯލާ އެކު އެ ޓީމުން ވަނީ އަލުން މެޗުގެ ލިޑު ނަގާފައެވެ. މި ގޯލަކީ 35 ވަނަ މިނެޓުގައި އާޖެންޓީނާގެ ޑި ޕައުލް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ޗިލީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ މަތަކޮށް ރީބައުންޑަށް ނިކުތް ބޯޅަ ގޮލުގެ ތިރީކަނަށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ.
އެ ނަތީޖާއާއެކު ފުރަތަމަ ހާފުގެ ކުޅުން ވަނީ ނިމިފަައެވެ. ދެވަނަ ހާފު ފަށައިގެން ދެ ޓީމުންވެސް ދިޔައީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސް ކުރަމުންނެެވެ. އޭގެ ތެރެއިން ވެސް ޗިލީން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ގޯލު ޖަހާނެ ފުރުސަތުތައް ހޯދާފައެވެ. ނަމަވެސް މެޗުގައި އާޖެންޓީނާގެ ޑިފެންސް ލައިނުން ދިޔައީ މޮޅު ކުޅުމެއް ދައްކައި ހަމަލާތައް ދިފާއު ކުރަމުންނެވެ.
މި ނަތީޖާއާއެކު އާޖެންޓީނާ އޮތީ ވޯލްޑްކަޕް ކޮލިފައިންގެ ސައުތު އެމެރިކާގެ ގައުމުތައް ހިމެނޭ ގުރޫޕުގެ ދެވަނައިގައެވެ. މެޗުން ބަލިވި ޗިލީ އޮތީ ގްރޫޕްގެ ހަތް ވަނައިގައެވެ. އެހެންކަމުން ޗިލީ އަންނަ އަހަރު ކުޅޭ ވޯލްކަޕަށް ކޮލިފައި ނުވާނެކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.