އެފްރިކާގެ ދެކުނުގެ ތިން ގައުމަކަށް ތޫފާން އަނާގެ އަސަރުކޮށް، އެތައް ބަޔަކު މަރުވެއްޖެ

ފިލިޕީންސަށް މިދިޔަ އަހަރު އެރި ތޫފާނެއްގައި ފެންބޮޑުވެފައި. ބީބީސީ ފައިލް ފޮޓޯ

ޓްރޮޕިކަލް ސްޓޯމް އަނާގެ ސަބަބުން އެފްރިކާގެ ދެކުނުގެ ތިން ގައުމަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މަޑަގަސްކަރައާއި މޮޒަމްބީކާއި މަލާވީއަށް މި ތޫފާނުގެ ސަބަބުން އަސަރުކޮށް، 70 މީހަކު މަރުވެފައެވެ. މީގެ ތެރޭގައި މަޑަގަސްކަރައިން 41 މީހަކާއި، މޮޒަމްބީކުގެ 18 މީހަކާއި މަލާވީގެ 11 މީހަކު ހިމެނެއެވެ.

މި ތޫފާނުގެ ސަބަބުން 70 މީހަކު މަރުވެފައިވާއިރު، އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ނޫސްތަކުން ރިޕޯޓްކުރެއެވެ.

މި ތޫފާނުގެ ސަބަބުން ލިބުނު މާލީ ދަތިކަން އަންދާޒާ ކުރެވިފައި ނުވާއިރު، 10،000 އަށްވުރެ ގިނަ ގެތައް ވަނީ ހަލާކުވެފައެވެ. އަދި ދަނޑުގޮވާންތައް ހަލާކުވެ، ކޯރުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައްވެސް ވަނީ ހިނގާފައެވެ.

މަޑަގަސްކަރައިގައި 110،000 މީހުން ގެދޮރު ދޫކޮށް ރައްކާތެރިކަމަށް އެދެން ޖެހުނެވެ. އޭގެ ސަބަބުން އެ ގައުމުގެ ސްކޫލުތަކާއި ޖިމުތަކުން ވަގުތީ ހިޔާވަހިކަން ލިބޭނެގޮތް ވަނީ ހަމަޖައްސައިފައެވެ.

މަލާވީގެ ސަރުކާރުން ވަނީ ގުދުރަތީ ކާރިސާއެއްގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށް އެ ގައުމުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މޮޒަމްބިކުގެ މޫސުމާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މާޗުމަހު ވިއްސާރަ މޫސުން ނިމޭނެއެވެ. ނަމަވެސް ވިއްސާރަ މޫސުން ނިމުމުގެ ކުރިން މިފަދަ ހަ ޓްރޮޕިކަލް ސައިކްލޯނު އަންނާނެކަމުގެ އިންޒާރު އެ އިދާރާއިން ވަނީ ދީފައެވެ.

comment ކޮމެންޓް