ތިން މިލިއަން ޑޮލަރު ލިބުނުކަން އެނގުނީ އީމެއިލްގެ ސްޕޭމް ފޮލްޑާ ބަލާލުމުން

އެމެރިކާގެ މިޝިގަން ސްޓޭޓަށް އުފަން އުމުރުން 55 އަހަރުގެ ލޯރާ ސްޕިއަރސް

އެކި މީހުންނަށް ނަސީބު ދިމާވަނީ އެކި ގޮތްގޮތަށެވެ. ބައެއް ފަހަރު ބަދުނަސީބުވެރިއަކަށް ވެވެނީ އަމިއްލައަށް ހެދޭ ގޯހަކުންނެވެ.

އެމެރިކާގެ މިޝިގަން ސްޓޭޓަށް އުފަން އުމުރުން 55 އަހަރުގެ ލޯރާ ސްޕިއާސްއަށްވެސް ބަދުނަސީބުވެރިއަކަށް ނުވެވުނީ ހަމަ ކިރިޔާއެވެ.

ލޯރާ ސްޕިއާސް އަކީ އެމެރިކާގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ނަރުހެކެވެ. އައު އަހަރު ފާހަގަކުރުމަށް އޮތް ހަރަކާތެއްގެ ތެރެއިން ނެގި އޮންލައިން ގުރުއަތެއްގައި ލޯރާ ބައިވެރިވިއެވެ. ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ތިން މިލިއަން ޑޮލަރުގެ އިނާމެއް ލިބޭއިރު، ލޯރާވެސް މި ފުރުސަތުގައި ބައިވެރިވާން ބޭނުންވިއެވެ.

އާންމު ގޮތެއްގައި އޭނާއަކީ އީމެއިލްގެ ސްޕޭމް ފޮލްޑާ ބަލާ މީހެއް ނޫނެވެ. ނަމަވެސް މީހަކު އޭނައަށް ފޮނުވި އީމެއިލެއް ނުފެނިގެން ލޯރާ އޭނަގެ ސްޕޭމް ފޮލްޑާ ބެލި އެވެ. އެ ފޮލްޑާ ހުޅުވާލިތަނާ އޭނައަށް އެނގިގެން ދިޔައީ އެދުވަހު ނެގި ގުރުއަތުގެ ނަސީބުވެރިއަކަށް އޭނާ ހޮވުނުކަމެވެ. އެހައި ހިސާބުންވެސް އޭނައަށް އެކަން ގަބޫލުނުކުރެވިގެން ދެ ފަހަރެއްގެ މަތިން ޗެކް ކުރިއެވެ. އަދި އޭނައަކީ ތިން މިލިއަން ޑޮލަރުގެ ނަސީބުވެރިއެއްކަން އެނގިގެން ދިޔައެވެ.

ލޯރާ ބުނި ގޮތުގައި އޭނައަށް ލިބުނީ ކުއްލި ސިހުމެކެވެ. އަދި އޭނައަށް އަދިވެސް އެކަން ގަބޫލުނުކުރެވޭކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ އަހަރެންނަކީ ތިން މިލިއަންް ޑޮލަރުގެ ނަސީބުވެރިއެއްކަން،" ލޯރާ ބުންޏެވެ.

ލޯރާ އެ ފައިސާ ބޭނުންކުރާނީ މަސައްކަތުން ރިޓަޔާވެ، އާއިލާގެ މެމްބަރުންގެ މެދުގައި ބަހާލުމަށެވެ.

comment ކޮމެންޓް