ރާއްޖޭގެ ފޮޓޯއެއް ހިއްސާކޮށްލައިގެން މާޅޮހުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު

އުރީދޫއާއި އޯރްކާ މީޑިއާ ގްރޫޕް ގުޅިގެން ކުރިއަށް ގެންދާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭނުގެ ދަށުން ރާއްޖޭގެ ރީތި ފޮޓޯއެއް ހިއްސާކޮށްލައިގެން ބ. މާޅޮހުގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

ކޮންމެ މަހަކު ވެސް ވަކި ތީމެއްގެ ދަށުން ކުރިއަށްދާ މި ކެމްޕޭނުގައި މިމަހަށް ކަނޑައަޅާފައިވާ ތީމަކީ ރާއްޖޭގައި ތަޖުރިބާ ކުރެވޭ އާހިތަ (އެޑްވެންޗާ)ތަކެވެ.

މި ތީމަށް ފޮޓޯ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް މާޅޮހުގެ "ތުނޑި ވިލެޖް" ގެސްޓް ހައުސްގައި އިތުރު ފަރާތަކާއެކު ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ފޮޓޯ ހިއްސާކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 14ވަނަ ދުވަހެވެ.

މި ކެމްޕޭނުގެ ދަށުން އުރީދޫއިން އަންނަނީ ކޮންމެ މަހަކު ވެސް ނަސީބުވެރި ފަރާތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދެމުންނެވެ.

އެގޮތުން މިމަހުގެ ނަސީބުވެރިޔާ އަށް ދާން ފުރުސަތު ލިބޭ "ތުނޑި ވިލެޖް"އަކީ އަތިރިމައްޗަށް ވާގޮތަށް ހުންނަ ޒަމާނީ ގެސްޓް ހައުސް އެކެވެ. އެތަނުގައި 18 ކޮޓަރިއާއި، ރެސްޓޯރެންޓަކާއި، ޑައިވް ސްކޫލަކާއި ސްޕާއެއް ހުރެއެވެ. ބ. އަތޮޅު ހަނިފަރު ކައިރީގައި ހުންނަ މި ގެސްޓުހައުސްގެ ކޮންމެ ކޮޓަރިއެއްގެ ބެލްކަނިން ވެސް މޫދުގެ ހިއްގައިމު މަންޒަރުތައް ފެންނާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުން ފޮޓޯ ޕޯސްޓުކުރާއިރު ބޭނުންކުރަންޖެހޭ ހޭޝްޓެގަކީ VisitMaldivesNow# އެވެ.

"ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިން ފެށުމުގެ އެއްބަސްވުމުގައި އެމްއެމްޕީއާރުސީ އާއި އުރީދޫ އަދި އޯރްކާ މީޑިއާއިން ސޮއިކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މި ކެމްޕޭނު އުރީދޫއިން އޮޕަރޭޓުކުރާ 10 ގައުމުގައި 117 މިލިއަނަށް ވުރެ ގިނަ މީހުންނަށް ފޯރާނެކަމަށް އެކުންފުނިން ލަފާކުރެއެވެ.

comment ކޮމެންޓް