ސައުދީއާއި ޔޫއޭއީއަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޔަމަނުގެ ހޫތީން ސައުދީ އަރަބިއާ އާއި ޔޫއޭއީއަށް އަމާޒުކޮށް އިއްޔެއާއި އޭގެ ކުރިން ދިން މިސައިލް އަދި ޑްރޯން ހަމަލާތައް ރާއްޖެއިން ކުށްވެރި ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ހަމައެއާއެކު އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ސިނާއީ ސަރަހައްދުތަކަށް އަމާޒުކޮށްގެންދޭ މިފަދަ ހަމަލާތަކުން ސަރަހައްދީ ހަމަޖެހުމާއި މުޅި ދުނިޔޭގެ މަސްލަހަތު ނަގާލާކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ހަމަލާތަކަކީ ސުލްހައިގެ މަޝްވަރާތަކަށް އެޅޭ ހުރަހެއް ކަމަށެވެ. އަދި ސައުދީ އަރަބިއްޔާ އާއި ޔޫއޭއީގެ ރައްޔިތުންނާއެކު ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެއްބައިވެ ތިބި ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މެދުއިރުމަތީގެ މަޝްރަހު ހޫނު ވެފައިވާ އިރު، މިދިޔަ ދެ ދުވަހު ހޫތީން ވަނީ ސައުދީއާއީ ޔޫއޭއީއަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މީގެ ތެރެއިން އަބޫދާބީއަށް އަމާޒުވި ދެ މިސައިލެއް ވަނީ ވައިގެ ތެރެއިން ހުއްޓުވާފައެވެ. އަދި ޔޫއޭއީގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒު، އައް ދަފްރާއަށް އަމާޒުކުރި ދެ މިސައިލެއް އެމެރިކާ ސިފައިން ވަނީ ހުއްޓުވާފައެވެ.

ސައުދީ އަރަބިއާއަށް އަމާޒުވި ހަމަލާ އަރާފައިވަނީ އެ ގައުމުގެ ދެކުނުގެ ސިނާއީ ސަރަހައްދަކަށެވެ. މި ހަމަލާގައި އެ ގައުމުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށާއި، ސޯމާލިއާގެ ރައްޔިތަކަށް ވަނީ އަނިޔާވެފައެވެ.

ޔަމަނުގައި ކުރިއަށްދާ ހަމަނުޖެހުންތަކަށް ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ހަނގުރާމައިގައި އެތައް ހާސް މީހުން ވަނީ މަރުވެފައެވެ. އަދި އެގައުމުގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައެވެ.

comment ކޮމެންޓް