ޒިކުރާ މިސްކިތުގެ މައްސަލަ ހައްލުކޮށް ބަދަލުގެ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތް އެޅުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޝިހާދު އިބްރާހިމުއެވެ.
މި މިސްކިތަކީ 3،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ވަރުގެ ޖާގަ ތަނަވަސް މިސްކިތަކަށް ވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތުގެ އަގެއްގެ ގޮތުގައި ހުށަހެޅީ 35 މިލިއަން ރުފިޔާއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިމުގައި ޒިކުރާ މިސްކިތް އެޅުމަށް އެސްޖޭއާ ހަވާލުކުރުމުން އެ ކުންފުނިން ވަނީ އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައެއެވެ. އަދި މި ފައިސާ ހޯދުމަށް އެ ކުންފުނިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް "ސަން"އަށް ވިދާޅުވީ މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ކުރި މަޝްވަރާތަކުގައި ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ، އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފައާއެކު، އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފައިވާ ކަމަށެވެ.
އެސްޖޭއިން އެއްބަސްވީ 30 މިލިއަންގެ ބަދަލުގައި ހުޅުމާލޭގައި މިސްކިތެއް އަޅަން އެ ކުންފުންޏާ ހަވާލުކޮށްދިނުމަށެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި އާ މިސްކިތަކާއެކު 10 ބުރީގެ އިމާރާތެއް އަޅަން ހަވާލުކުރީ 2018 ވަނަ އަހަރުގައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ވަނީ މިސްކިތް އަޅަން ސޮއިކުރި އެއްބަސްވުން ބާތިލްކޮށްފައެވެ.
އެތަނުގައި މިސްކިތް ނޭޅި ރައްޔިތުންނަށް މިސްކިތުގެ ދަތިކަން ދިމާވުމުގެ ސަބަބުން ސަރުކާރުން ވަނީ އެ ބިމުގައި ވަގުތީ މިސްކިތެއް އަޅާފައެވެ.
އެއްބަސްވުން ބާތިލުކުރުމަށް ސަރުކާރުން ނިންމީ އެކަމުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް އުޅޭކަމަށް ގަބޫލުކުރެވިގެންނެވެ.
އެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަހްމަދު ޒިޔާދު ބާގިރާއި އިތުރު މީހަކަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.