މާޅޮސް ބަނދަރުގެ ހާބަރު ބޭސިން ފުންކޮށް ނިންމާލައިފި، މުޅި މަޝްރޫއުގެ އަގަކީ 56.9 މިލިއަން ރުފިޔާ

މާޅޮހު ބަނދަރުގެ ހާބަރު ބޭސިން ފުން ކުރުން -- ފޮޓޯ/ އެމްޓީސީސީ

އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިއަށް ގެންދިޔަ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

އެމްޓީސީސީން ބުނީ މާޅޮހުގެ ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ދިމާވާ ހަރު އާނުގަނޑު ކޮނުމަށް ބޭނުންވާ ހާއްސަ މެޝިނަރީއަށް ވެސް އެ ކުންފުނިން މިހާރު ދަނީ އިންވެސްޓްކުރަމުން ކަމަށެވެ.

މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު -- ފޮޓޯ/ އެމްޓީސީސީ

މި މަޝްރޫއުގައި، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާ އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަަަސައްކަތް ވެސް މަޝްރޫއުގައި ހިމެނެއެވެ.

އެމްޓީސީސީން ބުނީ މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މުޅިން ނިމުމުން، އެ ބަނދަރަކީ އެ ކުންފުނިން ތަރައްގީ ކުރާ އެންމެ ބޮޑު އެއް ބަނދަރަށް ވާނެ ކަމަށެވެ.

comment ކޮމެންޓް