އަލިފުށީ ރައްޔިތުން މާދަމާ ދަނޑު ފުރާލާނެ: މަހުލޫފް

ޔޫތް މިނިސްޓަރ މަހްލޫފް އަލިފުއްޓަށް ވަޑައިގަތުން -- ފޮޓޯ / ޕްރެޒިޑެންޓްސް ކަޕް

މާދަމާ ރ. އަލިފުށީގައި ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި ސަޕޯޓުކުރުމަށް އެރަށު ރައްޔިތުން ނިކުމެ ދަނޑު ފުރާލާނެކަން ޔަގީންވާކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށް އަލިފުއްޓަށް ޓްރޮފީއާއެކު ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތުބުކުރައްވައި މިނިސްޓަރު ވިދާޅުވީ މާލޭގެ ގަލޮޅު ދަނޑުގައި ލީގު މެޗުތައް ކުޅޭއިރު މެޗު ބަލަން ރައްޔިތުން ނުދާކަ ކަމަށެވެ. ނަމަވެސް ރަށް ރަށުގައި އެފަދަ މުބާރާތްތަކުގެ މެޗުތައް ކުޅޭނަމަ، ފުޓުބޯޅައިގެ ފޯރިގަދަވެ މެޗު ބަލަން ގިނަ ރައްޔިތުން އަންނާނެކަމަށް ގަބޫލުކުރެވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައިނަލް މެޗަށް އަލިފުށި ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި މަހުލޫފް ވަނީ އެފްއޭއެމާއި އަލިފުށީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އޭނާ ވިދާޅުވީ މާލެއަކީ ހަމައެކަނި ކުޅިވަރު ކުޅޭ ތަނުގެ ގޮތުގައި ޒަމާނުއްސުރެ ދިވެހީން ބަލައިގަނެފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ މަޑުމަޑުން އެ ވިސްނުން ބަދަލުކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"...އެމީހުން އޭގެ އިތުރަށް ޕްރިމިއާ ލީގު ބަލާފައި، ލަލީގާ ބަލާފައި، ބުންޑަސް ލީގާ ބަލާފައި އިތުރަށް ގޮސް ގަލޮޅު ދަނޑުގައި އެ ވަގުތު ހޭދަކުރަން ވަގުތު ނެތިއްޔޭ އަޅުގަނޑަށް ގަބޫލުކުރެވެނީ. އެކަމަކު މާލެ ފިޔަވައި އެހެން ރަށް ރަށަށް ގޮސް އަޅުގަނޑުމެން މިކަން ކުރަން އުޅުނީމަ ހަމަ ގާއިމުވެސް މިއަދުވެސް ދަނޑުތައް އެބަ ފުރާލާ. އަޅުގަނޑަށް ޔަގީން މާދަމާ މިރަށު ރައްޔިތުން ނިކުމެ މިރަށު ދަނޑު ފުރާލާނެ،" މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

އަތޮޅު ލީގު ފެށުމަށް އެފްއޭއެމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ ލީގާއެކީ ރަށްރަށުގެ ވާދަވެރިކަން އުފެދި، ފޯރިގަދަވެ ރައްޔިތުން ބޭނުންވާ ނަތީޖާ ފުޓުބޯޅައިން ވެސް އަދި އެެހެނިހެން ކުޅިވަރުތަކުން ވެސް ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މާދަމާގެ ފައިނަލް މެޗަށް ދެ ޓީމުންވެސް ވަނީ އަލިފުށީގައި ފަރިތަކުރުންތައް ފަށާފައެވެ. ފައިނަލް މެޗަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ސެކްރެޓަރީ ޖެނަރަލް ހަސަން ޖަވާޒް އަދި އެ އެސޯސިއޭޝަންގެ ވެރިން ވެސް ވަނީ އަލިފުއްޓަށް ވަޑައިގެންފައެވެ. ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް، އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވުމުން ބައިވެރިވެވޭ ގޮތްވަނީ ނުވެފައެވެ.

comment ކޮމެންޓް