ލޯނުދައްކަން މިއަހަރުގެ މިހާތަނަށް 233 މިލިއަން ރުފިޔާ ހަރަދުކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުން ނަގާފައިވާ އެކިއެކި ލޯނުތައް ދެއްކުމަށް މިއަހަރުގެ މިހާތަނަށް އެކަނި ވެސް 233 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މި ފައިސާ ހަރަދުކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ބޭނުމަށް ހަރަދުކޮށްފައިވަނީ 65 މިލިއަން ރުފިޔާއެވެ.

ލޯނުތައް އަނބުރާ ދެއްކުމުގެ ގޮތުން މި އަހަރު ޖުމްލަ 2.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަފާސް ހިސާބުތަކުގައި ވާ ގޮތުން ދައުލަތުގެ ހަރަދުގެ 65 އިންސައްތައަކީ ރިކަރަންޓު ހަރަދެވެ. މީގެ ބޮޑު ބަޔަަކީ އިދާރީ ހިންގުމަށް ހަރަދުކުރެވިފައިވާ ފައިސާއެވެ. އެގޮތުން، އިދާރީ ހަރަދުގެ ގޮތުގައި ޖުމްލަަ 247 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހަރަދުކޮށްފައިވަނީ 3.2 މިލިއަން ރުފިޔާއެވެ.

ވަކިވަކި އިދާރާތަކަށް ބަލައިލާއިރު، އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ވަނީ ޖުމްލަ 43 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ހަރަދުކޮށްފައެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ދައުލަތުން ލޯނު ދެއްކުމަށް ވަނީ ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައެވެ. ދައުލަތުގެ ޖުމްލަ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 94 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވިފައި ވެއެވެ.

comment ކޮމެންޓް