މިއަދަށް ތާވަލްކުރި މަހުލޫފްގެ ޝަރީއަތް ކެންސަލްކޮށްފި

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ މައްސަލައިގައި، މިއަދު ބާއްވަން ތާވަލްކުރި ޝަރީއަތް ކެންސަލް ކޮށްފިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލްކުރީ މިއަދު 11:00 އަށެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އިދާރީ ސަބަބަކާ ހުރެ، މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްވެފައިވާ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައި ވީނަމަވެސް މިހާތަނަށް ސަރުކާރުން އޭނާއާމެދު އެއްވެސް ފިޔަވަޅެއް ނާޅައެވެ. މަހުލޫފް ގެންދަވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުންނެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު މަހްލޫފާ ދެކޮޅަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ޖޫން މަހު، އޭނާ ވަޒީރުކަމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.

އެއަށްފަހު، މަހްލޫފްގެ ސަސްޕެންޝަން އުވައިލީ އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވިތާ ހަތަރު މަސް ދުވަސް ވީއިރު ވެސް، އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައި ނުވާތީއެވެ.

ރިޝްވަތުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ކުރިން "ސަން"އަށް ވިދާޅުވީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މަހްލޫފްގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.

comment ކޮމެންޓް