ތިޔަ ލޯބި އެދިގެން... - 36

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

"އަޅުގަނޑުގެ މަންމައަކީ ކާކު؟"

އެހެން ބުނެލިއިރުވެސް ޝިޒާން އިނީ އިސްޖަހާލައިގެންނެވެ، އޭނާއަށް އިތުރު މީހަކަށް ބަލައިލާނެހާ ހިތްވަރެއް ނުލިބުނެވެ.

ޝިޒާންގެ އެ ސުވާލާއެކު ނުހައިލްއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާއަށް ޝިޒާންއާ ދިމާލަށް ބަލައިލެވުނެވެ. އެއަށްފަހު އޭނާއަށް ނޫރުލް ހުދާއާ ދިމާލަށް ބަލައިލެވުނެވެ. އޭރު ނޫރުލް ހުދާގެ މޫނުމަތިން ވެސް ފެންނަނީ ކަންބޮޑުވުމާއި ހާސްވުމުގެ އިތުރުން ހައިރާންކަމުގެ އަސަރުތަކެވެ. ވީ ގޮތް ނޭނގެޔޭ ބުނުމުގެ ގޮތުން ނޫރުލް ހުދާ ދެފަރާތަށް ބޯ ހޫރައިލުމާއެކު ނުހައިލްއަށް ބަލައިލެވުނީ މެހެރީންއާ ދިމާލަށެވެ. އެއީ މެހެރީންގެ އަމަލެއްކަމުގައި ނުހައިލް ހީކުރީ މީގެކުރިން މެހެރީން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުންނެވެ.

"އަހަންނާ ދިމާލަށް ތިބަލަނީ ކީއްވެ؟ އަހަރެން އެ ހަޤީގަތެއް ޝިޒާންއަކަށް ހާމައެއް ނުކުރަން." ނޫރުލް ހުދާގެ އިތުރުން ނުހައިލްވެސް އޭނާއާ ދިމާލަށް ބަލަން ފެށުމުން މެހެރީން ބުނެލިއެވެ. އޭނާ އެހެން ބުނެލި ގޮތުން ނުހައިލްގެ މޫނުމައްޗަށް ހިތްހަމަ ނުޖެހުމުގެ ކުލަވަރުވެރިވިތަން އޭނާ އަށް ފެނުނެވެ. ނަވާ އިސްޖަހާލައިގެން އިންއިރު، ލީވާންއަށް ވެސް އިނދެވުނީ ލިބުނު ހައިރާންކަމުގެ ސަބަބުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ހިތުގައި ޝިޒާންއާ މެދު ހަސަދަވެރިކަން އުފެދުނީ ބައްޕައޭނާއަށް ވުރެ ބޮޑަށް ޝިޒާންއަށް އިސްކަންދޭކަމުގައި މަންމަ އޭނާއަށް ވިސްނައިދޭތީއެވެ. ބައްޕަ ހުރިހާކަމެއްގައިވެސް ޝިޒާން އިސްކުރާތީއެވެ. މަންމަ ޝިޒާން ދެކެ ރުޅި އަންނާތީ އޭނާ އެކަމާ ކިތަންމެ ފަހަރަކު ސުވާލުކުރިވެސް މެއެވެ. އެހެންނަމަވެސް، އެ ސުވާލުގެ ޖަވާބު އޭނާއަށް ވެސް ލިބިފައިނުވެއެވެ. އިސްޖަހާލައިގެން އިން ޝިޒާންއަށް ބަލައިލުމަށްފަހު ލީވާން މެހެރީންއަށް ބަލައިލިއެވެ.

"ދަރިފުޅާ... ކާކު ދެއްކި ވާހަކައެއް؟" ނުހައިލްއަށް ސުވާލުކޮށްލެވުނެވެ.

"މީހަކު ބުނީއެއް ނޫން..." ޝިޒާން އެ އިން ގޮތަށް އިނދެ ބުނެލިއެވެ.

"އެކަމަކު..." ނޫރުލް ހުދާ ގެ ވާހަކަ ހުއްޓުމަކަށް އައީ އަނެއްކާވެސް ޝިޒާން ވާހަކަ ދެއްކީމައެވެ.

"އެހެންވީމަ އެއީ ތެދެއް ދޯ. ކީއްވެ އެންމެން އެ ހަޤީގަތް ސިއްރުކުރީ؟" ޝިޒާންއަށް ޝަކުވާގެ ރާގެއްގައި ސުވާލުކޮށްލެވުމާއެކު ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

"މާމަމެން ތިބީ ދަރިފުޅަށް ހަޤީގަތް ނުކިޔައިދޭކަށެއް ނޫނޭ. މިފަހަރު ދަރިފުޅު އައިމަ ހުރިހާކަމެއް ވެސް ކިޔައިދޭން ވެގެން ތިބީ..." ނޫރުލް ހުދާ ބުނެލިއެވެ.

"މިހުރިހާ ދުވަހަކު ނުކިޔައިދިން ހަޤީގަތެއް ކީއްވެ މިފަހަރު..." ޝިޒާންއަށް ސުވާލުކޮށްލެވުނެވެ. އޭނާ ނޫރުލް ހުދާއަށް ބަލައިލިއެވެ. އޭނާ އެންމެ އިތުބާރުކުރި އަމިއްލަ މާމަ ވެސް އޭނާއަށް ހުރިހާކަމެއް އޮޅުވާލީއެވެ. ޝިޒާންގެ ހިތުގައި ވަނީ ތޫނު ރިހުމެއް އުފެދިފައެވެ. އެ ދެލޮލުގައި ވި ރިހުމުގެ އަސަރު ނޫރުލް ހުދާއަށް އިޙްސާސްވުމާއެކު އޭނާއަށްވެސް އިސްޖަހައިލަން މަޖުބޫރުވިއެވެ. ޝިޒާންދެކެ އޭނާ އިންތިހާ ލޯބިވާއިރު، މިއަދު ނޭނގި ނަމަވެސް، އޭނާއަށް އެ ވަނީ ޝިޒާންގެ ހިތުގައި ޖެއްސިފައެވެ. އެ މީހުން ކުރިން ހީކުރީ ޝިޒާންއަށް ރަނގަޅުވާނީ އެ ހަޤީގަތް ނޭނގުމުން ކަމުގައެވެ. އެހެންނަމަވސް، މިހާރު ހުރިހާ ހަޤީގަތެއް ކިޔައިދިނުމުގެ ވަގުތު އައިސް ޖެހިއްޖެކަމުގައި އޭނާއަށް އިޙްސާސް ކުރެވުނެވެ. ނުހައިލްއަށްވެސް ޝިޒާންއަށް ބަަލައިލެވުނެވެ.

"ކޮބާ އަޅުގަނޑުގެ މަންމަ؟" ޝިޒާން ސުވާލުކޮށްލިއެވެ. އޭނާއަށް ފަހަރަކު މީހެއްގެ މޫނަށް ބަލައިލެވުނެވެ.

ނުހައިލްއަށް އެ ސުވާލާއެކު، ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ޝިޒާންއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އެ ނަޒަރު ވަކިކޮށްލުމަށްފަހު އޭނާ ވާހަކަ ދެއްކިއެވެ.

"މަންމަ... ދަރިފުޅުގެ މަންމަ މި ދުނިޔޭގައި ނެތް. ދަރިފުޅު ވިހެއުމުގެ ތެރޭގައި މަންމަ މި ދުނިޔެ ދޫކުރީ..." ނުހައިލް ބުނެލިއެވެ. އެ ހާދިސާ ލޯ މަތިން ސިފަވާ ކޮންމެ ފަހަރަކު މިހާރުވެސް ނުހައިލްގެ ލޮލުން ކަރުނަ ހިލުވާލައެވެ. ޝިޒާންގެ މަންމަ ޔާސްމީންގެ ހަނދާންތައް އަދިވެސް އޭނާގެ ހިތުގައި ތާޒާކަމާއެކު އެބަހުއްޓެވެ. މެހެރީން އެ ޙަޔާތަށް އައުމަކުން އެ ހަނދާންތަކަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. ކާން އިން ތަށި ދުރުކޮށްލުމަށްފަހު، ޝިޒާން ތެދުވިއެވެ. އޭނާއަށް އެތަނުގައި އިތުރަށް އިންނާނެހާ ހިތްވަރެއް ނުލިބުނެވެ. އެންމެން ފަސްދީ އޭނާ ހިނގައިގަތެވެ.

"ޝިޒާން ދަރިފުޅާ..." ނުހައިލް ޝިޒާންއަށް ގޮވައިލުމާއެކު، ނޫރުލް ހުދާ ނުހައިލްގެ އަތުގައި ހިފައްޓައިލިއެވެ.

"ވަގުތުކޮޅެއް ދީ. އަމިއްލައަށް ވިސްނުނީމަ އޭނަ އަދި އަންނާނެ." ޝިޒާންގެ ގޮތް ރަނގަޅަށް އެނގޭތީ ނޫރުލް ހުދާ ބުނެލިއެވެ. އެހުރިހާއިރު ވީއިރުވެސް، މެހެރީން އިނީ އެއްވެސް އެއްޗެއް ނުބުނެއެވެ. ނަވާ ވެސް އިނީ އިސްޖެހިގޮތަށެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލުމަށްފަހު މިންހާ ވެސް ތެދުވިއެވެ. ޝިޒާން އެރީ މައްޗަށް ކަމުން އޭނާވެސް ސިޑިން އެރިއެވެ. ކޮޓަރިއަށް ވަތްއިރު ޝިޒާން އެއް ނެތެވެ. މިންހާ ފާޚާނާވެސް ބެލިއެވެ. ޝިޒާން ނެތުމުން އޭނާ ޓެރެސްއަށް އެރީ އެތަނުގައި ފަހަރުގައި ޝިޒާން ހުރެދާނެތީއެވެ. ވީވެސް އެހެންނެވެ.

ޝިޒާން ހުރީ ރެއިލިންގައި އަތް އަޅުވާލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ. ދުރުދުރަށް ދާންދެން ފެތުރިފައިވާ ވާދީތަކާ ފަރުބަދަތައް ފަނޑުކޮށްލާފައިވަނީ ހެދުނުގެ އެ ގަޑީގައި މުޅިތަނަށް ފެތުރިފައިވާ ދުންފިނީގެ އަސަރުންނެވެ. ފަރުބަދަތަކުގެ މަތީގައި އުދުހޭ ދޫނިތަކުގެ ލުއިލުއި މިއުޒިކްގެ އަޑުން މާހައުލުގެ ހަމަހިމޭންކަން ކޮންމެވެސް ވަރަކަށް ފޫދުއްވާލާފައި ވެއެވެ. މާހައުލު ކިތަންމެ ހާވެސް ފިންޏެވެ. އެހެންނަމަވެސް އެ ފިނީގެ އަސަރު ޝިޒާންއަށް ނުކުރާ ފަދައެވެ. އަތް ކުރު ޓީޝާޓަކާއި ޖީންސްއެއްގައި ހުރިއިރު އޭނާގެ ފިރިހެންވަންތަ މުލައްދަނޑި އޮތީ ހާމައެވެ.

އެ މަންޒަރު ބަލަން ހުރުމަށްފަހު މިންހާ ކޮޓަރިއަށް ގޮސް ޝިޒާންއަށް ޖެކެޓެއް ގެނެސްދިނެވެ.

"ޝިޒާން..." ޝިޒާންގެ ކައިރިއަށް ހުއްޓިފައި މިންހާ ގޮވައިލިއެވެ. ޝިޒާންއަށް ހަމަހޭވެރިކަން ވީވެސް ދެނެވެ. އޭނާ މިންހާއަށް ބަަލައިލިއެވެ.

"ޖެކެޓް..." އަތުގައި އޮތް ޖެކެޓް ޝިޒާންއަށް ދިއްކޮށްލަމުން މިންހާ ބުނެލިއެވެ.

"ތެންކިއު..." ޝިޒާން ބުނެލިއެވެ. އެއަށްފަހު މިންހާގެ އަތުގައި އޮތް ޖެކެޓް އަތުލަމުން އެ މަހައިލިއެވެ.

"އާރ ޔޫ އޯކޭ؟" މިންހާ ސުވާލުކޮށްލިއެވެ.

"ޔެސް އައި އޭމް...... ނޫން. އެކްޗުއަލީ އައި އޭމް ނޮޓް." ހިނދުކޮޅެއްގެ މަޑުޖެހިލުމަކަށް ފަހު ޝިޒާން ބުނެލިއެވެ.

"ޔޫ ޝުޑް ޓޯކް ޓު ދެމް. އޭރުން ތިހިތަށްވެސް ހަމަޖެހުމެއް ލިބޭނީ...." މިންހާ ބުނެލިއެވެ.

"އަހަރެން މިހުރީ ވާހަކަ ނުދައްކާކަށެއް ނޫނޭ... އެކަމަކު އައި ނީޑް ސަމް ޓައިމް. އަހަރެން ހަމަޖެހިލަމުން ބައްޕަ ކައިރިއަށް ދާނަން." ޝިޒާން ބުނެލިއެވެ. މިންހާ އާ ޝިޒާންއާ ދެމީހުން އެތަނުގައި މަޑުކޮށްގެން އެތައް އިރަކު ތިބި ނަމަވެސް، އެކަކުވެސް މާގިނަ ވާހަކައެއް ނުދައްކައެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ފިޔަވައެވެ.

*****

މީހާހަމައަކަށް އެޅިލުމުން ޝިޒާން އޭނާގެ ބައްޕައާ ބައްދަލުކުރަން ދިޔައީ އެރޭ އިޝާގެ ފަހުންނެވެ. އޭނާ އެކޮޓަރީގައި ޓަކި ޖަހައިލުމަށްފަހު މަޑުކޮށްލިއެވެ. ދޮރު ހުޅުވައިލީ މެހެރީންއެވެ.

"ބައްޕަ..." ޝިޒާން ބުނެލިއެވެ. މެހެރީން އެތެރޭގައޭ ބުނެ އިޝާރާތްކޮށްލާފައި ބޭރަށް ނުކުމެލިއެވެ. ޝިޒާން އެތެރެއަށް ވަދެލިއެވެ. އޭރު ނުހައިލް އިނީ އެނދުމަތީގައެވެ. ލޮލުގައި ނަންބަރު އައިނު އަޅާލައިގެން އަތުގައި އޮތް ފައިލަކަށް ނަޒަރު ހުއްޓާލައިގެން އޭނާ އިންދާ ޝިޒާން ފެނުމާއެކު ފައިލް އެއްފަރާތުގައި ބާއްވަމުން އައިނުވެސް ނެގިއެވެ. ޝިޒާން އައިސް އެނދުގައި އިށީނދެލިއެވެ. އެއާއެކު ނުހައިލް ޝިޒާންއަށް ގޮވައިލިއެވެ.

"ބައްޕައަށް އެނގޭ ދަރިފުޅު ހިތްހަމަނުޖެހިފަކަން ހުންނާނީ. ހަޤީގަތުގައި އެކަން ސިއްރުކުރުމަކީ ހެދުނު ގޯހެއް. އެކަމަކު އެ ވާހަކަ ދަރިފުޅާ ހިއްސާކުރާނެ ހިތްވަރު ބައްޕަގެ ނެތީ. ދަރިފުޅު ރާއްޖެ ފޮނުވާލީ ކޮންމެވެސް ބައްޕަ ބޭނުންވެގެންނެއް ނޫން. އެކަމަކު މަންމަގެ ވިހަ ގަދަ ބަސްތަކުން ދަރިފުޅު ސަލާމަތް ކުރަންވެގެން. އަބަދާ އަބަދު ދަރިފުޅާ ދިމާލަށް އެއްޗެހި ކިޔާތަން ބަލަން ބައްޕައަށް ކެތް ނުކުރެވޭތީ. އެއީ ބައްޕައަށް ހެދުނު ގޯހެއްކަންވެސް އެނގޭ. އެކަމަށް ބައްޕައަށް މާފުކުރޭ..." ނުހައިލް ބުނެލިއެވެ.

"ބައްޕަ ކޮން ކަމަކާތޯ މާފަށް އެދެންވީ؟" ޝިޒާން ބުނެލިއެވެ. އޭނާ އިނީ އިސްޖަހާލައިގެންނެވެ.

"ދަރިފުޅުގެ މަންމަގެ ނަމަކީ ޔާސްމީން... މަންމައަކީ ކެނެޑާ މީހެއް. ދަރިފުޅު ވައްތަރީވެސް މަންމައާ. ޝިޒާންގެ ދެލޮލުގެ ކުލަ. އެއީ މަންމަގެ ވެސް ލޮލުގެ ކުލައަކީ." ނުހައިލް ބުނެލިއެވެ. އެއަށްފަހު އޭނާ އެނދުން ތެދުވެލިއެވެ. އަދި ގޮސް އަލަމާރި ހުޅުވައިލާ އޭގެ ތެރެއިން ކޮންމެވެސް އެއްޗެއް ނެގިއެވެ. އެހިފައިގެން އައިސް އެނދުމަތީގައި އިށީނދެފައި އޭނާ ޝިޒާންއަށް އެ ދިއްކޮށްލިއެވެ. ޝިޒާން ހައިރާންވެފައި އިނދެ އޭގައި ހިފިއެވެ. އަދި އެއަށް ބަލައިލިއެވެ.

"ތީ ދަރިފުުޅުގެ މަންމަ." ނުހައިލް ބުނެލިއެވެ.

ޝިޒާން އޭނާގެ އަތުގައި އޮތް ފޮޓޯގަނޑަށް ފުން ނަޒަރަކުން ބަަލައިލިއެވެ. ހުދުކުލައިގެ ހެދުމެއްގައި ހުރި އެ އަންހެން މީހާގެ ބަނޑު ބޮޑެވެ. އިސްތަށިގަނޑު ފަންވެފައި ދިގެވެ. ހަމުގެ ކުލަ އައްޔެވެ. އެ ހުރިހާކަމެއްގެ ތެރެއިންވެސް ޝިޒާންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އެ އަންހެން މީހާގެ ލޮލުގެ ކުލައެވެ. އެއީ ހަމަ އޭނާގެ ދެލޮލެވެ. އެ ދެލޮލުގެ ކުލައެވެ. ޝިޒާންގެ ދެލޯ ކޮންމެވެސް ވަރަކަށް ފެންކަޅިވުމާއެކު އޭނާއަށް ލޮލުގައި އަތް ޖައްސައިލެވުނެވެ.

މިހާ ލަހުން ދަރިފުޅަށް ހަޤީގަތް ކިޔައިދެވުނީތީ އަދިވެސް އެއްފަހަރު ބައްޕައަށް މާފުކުރޭ." ނުހައިލް އަނެއްކާވެސް ބުނެލިއެވެ. ޝިޒާން ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނާ ބުނީ ބައްޕަމެން އެ ގޮތަށް ކަންތައް ކުރީ ސަބަެއް އޮވެގެންކަމަށް އޭނާ ގަބޫލުކުރާތީ ކަމުގައެވެ.

"ބައްޕައާ ދަރިފުޅުގެ މަންމައާ ދިމާވީ ބައްޕަ ކިޔަވަން އުުޅުނު ދުވަސްވަރު. ބައްޕަމެން ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާގިނަ ދުވަސްތަކެއްނުވެ ޔާސްމީން ބޭނުންވީ އަވަހަށް ކައިވެނިކުރަން. ބައްޕަވެސް ލަސްކުރާކަށް ބޭނުމެއް ނުވި. އެވާހަކަ ބުނީ ދަރިފުޅުގެ ކާފަ ކައިރީގައި. އޭރު ކާފަ އޮތީ ބައްޕަގެ ކައިވެނީގެ ވާހަކަ ކާފަގެ އެންމެ ގާތް އެކުވެރިޔާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާ ކުރުވާގޮތަށް ވާހަކަ ދައްކާފައި. އަނެއްކޮޅުން ކާފަ ބޭނުމެއްނުވި ރާއްޖޭން ބޭރު ކުއްޖަކާ ބައްޕަ ކައިވެނި ކުރާކަށް. ބައްޕަމެން ކައިވެނިކުރީ ކާފަގެ ނުގަބޫލުގައި. ދުވަސްވީވަރަކަށް ކާފަ ވެސް ކޮންމެވެސް ވަރަކަށް މަންމައާ ގަޔާވާން ފެށި. އެކަމަކު ވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް އޮވޭ. އެހެން އުޅެނިކޮށް މަންމަ ބަލިވާން ފެށި. ގިނަ ފަހަރަށް އޮންނަން ޖެހެނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި. ފަހުން އެނގުނީ މަންމައަށް ފުންޕާމޭގެ ކެންސަރުޖެހިފައިހުރިކަން. އެނގުނުއިރު މާލަސްވީ. ސްތޭޖް 4 ގައި ހުރީ... ކުއްޖަކު ހޯދުންވެސް މަނާ ކުރި. އެނގުނު ހިސާބުން ކިތަންމެ ހާވެސް ފަރުވާކުރިން. އެކަމަކު އޭރު.... އެހެން އުޅެނިކޮށް މަންމަ ދަރިފުޅަށް ބަނޑު ބޮޑުވީ. ޑޮކްޓަރު ބުނި ދަރިފުޅު އެބޯޓްކޮށްލަން. އެކަމަކު މަންމަ އެކަމަކަށް އެއްބަހެއް ނުވި. ބަނޑުބޮޑުވިފަހުން ކާފަވެސް މަންމައަށް ވަރަށް ރަނގަޅުވި. ވިހެއުމުގެ ތެރޭގައި މަންމަ ނިޔާވީ... އެއަށްފަހު ދެ އަހަރު ވަންދެންވެސް ބައްޕަ ހުރިހާ ވަގުތެއް ހުސް ކުރީ ދަރިފުޅަށް ޓަކާ. ކާފަ ބައްސާމް އަނެއްކާ ބައްޕައާ ވާހަކަ ދެއްކީ އެކުވެރިޔާގެ އަންހެން ދަރިފުޅާ ކައިވެނިކުރަން. އޭރުން ދަރިފުޅަށްވެސް މަންމައެއްގެ ލޯބި ލިބޭނެކަމަށް ބުނި. ބައްޕަ މަހެރީންއާ ކައިވެނިކުރީ އެހެންވީމަ. އަނެއްކޮޅުން ކާފަވެސް އެވަރަށް ކިޔާތީ. އެކަމަކު ކަންތައްވީ ހީކުރިގޮތަކަށް ނޫން." ނުހައިލް ހުރިހާ ވާހަކައެއް ޝިޒާން އަށް ކިޔައިދިނެވެ. އޭގެފަހުން ކަންތައް ވީ ގިތްވެސް މެއެވެ. ކުރީ ކޮޅގައި މެހެރީން ޝިޒާންއަށް ރަނގަޅު ކަމުގަޔާއި މެހެރީން ބަދަލުވީ ލީވާންއަށް ބަނޑުބޮޑުވުުމުންކަމުހައެވެ. ފުރަތަމަ ޝަކުވާ ފެށުނީ ޝިޒާންއާ ލީވާންއާ ތަފާތު ކުރާކަމަށް ބުނެއެވެ. އެރޭ ޝިޒާން ނިދަންވެގެން ކޮޓަރިއަށް ދިޔައީ ނުހައިލް ކައިރީގައި އިނުމަށްފަހު އެގާރަ ވެސް ޖަހާ ބޮޑުވިފަހުންނެވެ.

އޭނާ ދިޔައިރު މިންހާ އޮތީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ޝިޒާން ގިސް ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނިދަން ތައްޔާރުވެގެން އައިސް ސޯފާގައި އޮށޯވެލިއެވެ.

"ކިހިނެއް ކަންތައްތައް؟" މިންހާއަށް ސުވާލުކޮށްލެވުނެވެ.

"އޯކޭ..." ޝިޒާން ކުރު ޖަވާބެއް ދިނެވެ. އޭނާ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. މިންހާއަށް ޝިޒާން ހުރީ ހަމަޖެހިފައިކަން އެނގުނުނަމަވެސް، އޭނާ އަދިވެސް ހުރީ ހިސާބަކަށް ކަންބޮޑުވެފައެވެ. އެހެންނަމަވެސް ޝިޒާންއާ އިތުރު ސުވާލެއް ކުރާކަށް އޭނާއަކަށް ނުކެރުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު