އެސްބީއައިއިން ރާއްޖޭގެ ދެ ރިސޯޓެއް ވިއްކާލަނީ

އެސްބީއައި އިން ވިއްކާލަން އިއުލާންކޮށްފައިވާ ދޮޅިޔަދޫ ރިސޯޓް

ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި)އިން ރާއްޖޭގެ ދެ ރިސޯޓެއް ވިއްކާލަން އިއުލާން ކޮށްފިއެވެ.

އެސްބީއައި އިން ވިއްކާލަން އިއުލާންކޮށްފައިވަނީ ށ. ދޮޅިޔަދޫ ރިސޯޓާއި މ. ގަސްވެލިދޫ ރިސޯޓެވެ.

ދޮޅިޔަދޫ ރިސޯޓު ވިއްކަން އިއުލާންކޮށްފައިވަނީ 33 މިލިއަން ޑޮލަރަށެވެ. އެ ބޭންކުން ދެވަނަ ފަހަރަށް ވިއްކަން އިއުލާންކޮށްފައިވާ ދޮޅިޔަދުއަކީ ކުރިން 100 އެނދުގެ ރިސޯޓެއް ހިންގި ރަށެކެވެ.

މި ރިސޯޓު ފުރަތަމަ ވިއްކަން އިއުލާން ކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. އޭރު ރިސޯޓު ވިއްކަން ކަނޑައެޅި އަގަކީ 42 މިލިއަން ރުފިޔާއެވެ. އެ ރިސޯޓު ވިއްކާލުމުގެ ހުއްދަ 2015 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ދީފައެވެ.

އެ ރިސޯޓު ވިއްކާލުމުގެ ހުއްދަ އެސްބީއައިއަށް ލިބިފައިވަނީ ދޮޅިޔަދޫ އިންވެސްޓްމަންޓަށް ދޫކުރި ލޯނުތަކެއް ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) ނުދެއްކުމުންނެވެ.

މީގެ އިތުރުން ގަސްވެލިދޫ ވިއްކާލުމަށް އެ ބޭންކުން ކަނޑައަޅާފައި ވަނީ 17 މިލިއަން ޑޮލަރަށެވެ.

ގަސްވެލިދޫއަކީ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ އަލްފާ ކިނަމް ހޯލްޑިންގްސްއާއި އިތުރު ބަޔަކު ގެރެންޓީ ދީގެން އަމިއްލަ ފަރާތަކަށް ދޫކުރި 35 މިލިއަން ޑޮލަރު ނުދެއްކުމުގެ ސަބަބުން ވިއްކަން އިއުލާން ކޮށްފައިވާ ރަށެކެވެ.

ށ. ދޮޅިޔަދޫ ރިސޯޓާއި މ. ގަސްވެލިދޫ ރިސޯޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެސްބީއައި އިން ވަނީ ހުޅުވާލާފައެވެ. އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ބިޑް ހުށަހަޅާ ފަރާތްތަކުން ބިޑް ޑިޕޮސިޓްގެ ގޮތުގައި 15،000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށް އެސްބީއައިއިން ބުނެއެވެ.

comment ކޮމެންޓް