ރިޔާސީ އިންތިހާބާ ގުޅޭ ޖިނާއީ 25 މައްސަލައެއް އަލުން ފުލުހުންނަށް ހުށަހަޅައިފި

ޕީޕީއެމް/ޕީއެންސީގެ ލީގަލް ޓީމުގައި ހިމެނޭ ގާނޫނީ ވަކީ، މުހައްމަދު ރާގިބު އަހުމަދު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ 25 ނުކުތާގެ މައްޗަށް އެކުލެވޭ ޖިނާއީ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ޕީޕީއެމާއި ޕީއެންސީގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން ވަކީލް މުހައްމަދު ރާގިބު އަހުމަދު ވިދާޅުވީ ރިޔާސީ އިންތިހާބު ތެރޭގައި ހިންގާފައިވާ ކަމަށް ފާހަގަ ކުރެވުނު ޖިނާއީ 25 މައްސަލައެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި ހިއުމަން ރައިޓް ކޮމިޝަންގެ އިތުރުން އޮންބަޑްސް ޕާސަންގެ އޮފީހަށް މިއަދު ހުށަހަޅައިވާ ކަމަށެވެ.

ރާގިބު ވިދާޅުވީ ލީގަލް ޓީމުގެ ފަރާތުން ކުރި ދިރާސާގެ އަލީގައި އެ މައްސަލަތައް ސާބިތު ކުރެވޭވަރުގެ ކިތާބީ ހެއްކާއި ޝަފައީ ހެކި ލިބިފައިވާ ކަމަށެވެ.

"ފާހަގަ ކުރެވުނު ބައެއް މައްސަލަތަކުގެ ތެރޭގައި އުފައްދާފައިވާ އޮނގޮޓި. ފޭކް ވޯޓު ކަރުދާސް ބަހާފައިވުން. ޝަހުސު އޮޅުވާލަން މަސައްކަތް ކޮށްފައިވުން. ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން. ވޯޓު ކަރުދާސް ޗާޕު ކުރުމުގައި ވެސް އޮޅުވާލާ މަކަރު ހެދުން. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން. ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން. މުވައްޒަފުންނަށް ބިރު ދެއްކުން،" ރާގިބު ވިދާޅުވިއެވެ.

ރާގިބު ވިދާޅުވީ އެ މައްސަލަތައް ހުށަހެޅުމަށްފަހު، ޝަރީއަތުން ހުކުމް ކުރުމާ ހަމައަށް ލީގަލް ޓީމުގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން މީގެ ކުރިން ވެސް ވަނީ މާލޭގައި އެއްވުންތަކާއި މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ވަނީ ރިޔާސީ އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ ރިޔާސީ އިންތިހާބު ބާތިލު ކުރަންޖެހޭ ފަދަ މައްސަލަތަކެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް