އަލަށް ފަށާ ވިޔަފާރިތަކަށް ބީއެމްއެލްއިން ހިލޭ އެހީ ދޭ ފަންޑެއް

ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ވަނީ މިއަދު ތައާރަފްކޮށްފައި--

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ސްޓާޓަޕް ގްރާންޓެއް ތައާރަފްކޮށްފިއެވެ.

ސްޓާޓަޕް ގްރާންޓަކީ އުފެއްދުންތެރި ވިޔަފާރިތަކަށް އަދި ވަކީން ހާއްސަކޮށް، ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށާއި އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމަށް އަމާޒުކޮށް ބީއެމްއިލް އިން ފަށާ ޕްރޮގްރާމެކެވެ.

މިއީ ކޮންމެ ދާއިރާއަކުންވެސް އަލަށް ވިޔަފާރި ފަށަން ބޭނުންވާ މީހުންނަށް ހުޅުވާލެވިގެންދާ ފުރުސަތެއް ކަމަށް ބީއެމްއެލުން ބުންޏެވެ.

މި ޕްރޮގްރާމްގެ ދަށުން ހަތަރު ވިޔަފާރިއަކަށް 500,000 އާ ހަމަޔަށް ވިޔަފާރި ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ބީއެމްއެލްއިން ބުނީ މި ފައިސާ އަކީ ބީއެމްއެލް އަށް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް، ހިލޭ އެހީގެ ގޮތުން ބޭންކުން ދޫކުރާ ފައިސާ ކަމަށެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވައިލައިފައެވެ. އަދި އާ ވިޔަފާރިއެއް ފެށުމުގެ އިތުރުން މިހާރު ހިންގަމުންދާތާ އެއް އަހަރު ނުވާ ވިޔަފާރިއެއް ކަމުގައިވާނަމަ ވިޔަފާރި ކުރިއެރުވުމަށްވެސް ނުވަތަ އެހެން ވިޔަފާރިއެއް ފެށުމަށްވެސް ބިޒްނަސް ޕްލޭން ވެސް ހުށަހެޅިދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މި ގްރާންޓްގެ އިވެލުއޭޝަން ބަހާލެވިފައިވަނީ ދެ ބަޔަކަށެވެ. އެގޮތުން ފުރަތަމަ ސްޓޭޖުގައި ހުށަހަޅާފައިވާ ބިޒްނަސް ޕްލޭނަށް ބެލުމަށްފަހު އެންމެ ރަނގަޅު ދިހަ ޕްލޭން ހޮވައި އެ ޕްލޭންތަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމަށް ފުރުސަތު ދެވިގެންދާނެއެވެ. އަދި ޕްރެޒެންޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޕްރެސެންޓޭޝަން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަތަރު ވިޔަފާރިއަށް ބޭންކް އޮފް މޯލްޑިވްސް އިން މާލީ އެހީތެރިކަން ދިނުމުގެ އިތުރުން ވިޔަފާރީގެ މުހިންމު މައުލޫމާތުދީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެއެވެ.

މި ގްރާންޓް ޕްލޭނާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

"މި ޕްރޮގްރާމުގެ ޒަރިއްޔާއިން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދާ، އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓައް ހެޔޮ ބަދަލެއް ގެނެސްދޭނެ. ހޮވޭ ވިޔަފާރިތަކަށް އެފަރާތްތަކުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ފައިނޭންޝަލް އެޑްވައިޒްވެސް ބޭންކުން ފޯރުކޮށްދޭނެ،" ޓިމް ވިދާޅުވިއެވެ.

ޓިމް ވަނީ ވީހާ ވެސް ގިނަ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން މި ފުރުސަތުގެ ބޭނުންހިފައި ރާއްޖޭގެ ސްޓާޓަޕް ކަލްޗާއަށް އެހީވެދިނުމަށް އެދިލައްވައިފައެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް