ކޮމަންޑޫ ރައްޔިތުންނަށް ރައީސް ޔާމީންގެ ވައުދު: ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދޭނަން

ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ޕީޕީއެމް

ޕީޕީއެމްގެ ވެރިކަމެއްގައި ށ. ކޮމަންޑޫ ކައިރީގައި އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އަޅާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީގެ ވެރިކަމެއްގައި ދިގުވެލިދޫ ވެގެންދާނީ ކޮމަންޑޫގެ ރައްޔިތުންނާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ކައިރިކޮށްދޭނެ އެއާޕޯޓެއް އޮންނަ ރަށަކަށް ކަމަށެވެ.

"މިތާކައިރީގަ މިއޮތް ދިގުވެލިދޫ އަކީ ﷲގެ ރަހުމަތާއެކީ ޕީޕީއެމްގެ ސަރުކާރެއްގައި ތިބޭފުޅުންނާ މާލެއާ އަދި ތިބޭފުޅުންނާ އެހެން ރަށްރަށާ ގާތްކޮށްދޭނެ ވައިގެ ބަނދަރެއް އޮންނާނެ ރަށެއް. ތިބޭފުޅުން ގަބޫލުކުރައްވާ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާއަކީ މަސްވެރި ސަރަހައްދެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެރަށް ކައިރީ އޮންނަ ކީކިމިނި އަލުން މަސްފެކްޓްރީއަކަށް ބަދަލުކޮށް އެތަނުގެ ފައިދާ ރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެރަށުގެ ބިން ހިއްކީ އެކަމަށް ހައްލު ގެނައުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އެކި ރަށްތަކަށް ފަސްސަތޭކަ މިލިއަނެއްހާ ރުފިޔާ ޕީޕީއެމްގެ ވެރިކަމުގައި ޚަރަދުކޮށްފައިވާނެ ކަމަށެވެ.

ރައީސް ޔާމީން މިއަދު ކޮމަންޑުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް

"މިއަދުވެސް އަޅުގަނޑުމެން ކޮމަންޑޫގައި މި ދައްކާ ވާހަކައަކީ އަޅުގަނޑުމެން ފެށި މަޝްރޫއުގެ ވާހަކައޭ އަނެއްކާވެސް އެމްޑީޕީގެ ސަރުކާރުން ނޫނިއްޔާ މިހާރު މިއޮތް ސަރުކާރުން ވެސް މި ވާހަކަ ދައްކަވަނީ. މި ވާހަކަ ދައްކަވަނީ ބިން މުއްސަނދިކުރާ ވާހަކަ ބިން ބޮޑުކުރާނެ ވާހަކަ. އެކަމަކު އެއާއެކީ ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކޮމަންޑޫ ރައްޔިތުން ހިތްޕުޅަށް ގެންނަވާށޭ އެ މަސައްކަތް ފައްޓައި އެ މަސައްކަތުގައި އޭރު ނިންމަންޖެހޭ މަސައްކަތް ނިންމައި، އެއީ ގާތްގަނޑަކަށް ނުވަދިހަ އެތައް މިލިއަން ރުފިޔާގެ މަޝްރޫއެއް. އެކަން ކޮށްފައި ވަނީ އަޅުގަނޑުމެންގެ ސަރުކާރުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ބައެއް ކުންފުނިތައް އެކަށީގެންވާ ގޮތެއްގައި ނުހިންގޭ ކަމަށެވެ. އެގޮތުން އައިލެންޑް އޭވިއޭޝަން ބަނގުރޫޓުވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 13 ކުންފުންޏެއް ވިއްކާލަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި އައިލެންޑް އޭވިއޭޝަން ހިމެނޭ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

"އެންމެ ފުރަތަމަ ވިއްކާލާ ކުންފުންޏަށް ވާނެ މަތިންދާ ބޯޓު ދުއްވާ ކުންފުނި. އައިލެންޑް އޭވިއޭޝަން. ކުންފުނި އެހާ ވަރަށް ބަނގުރޫޓް ކޮށްލީ އަޅުގަނޑުމެންގެ ޕޯޑިއަމްތަކުގަ މީގެކުރިން އެކި ބޭފުޅުން ވިދާޅުވެފަ އޮތް ގޮތަށް ބޭނުމަކަށް ވަނީ އެ ވިއްކާލުން. ކީއްތޯ މި ކުރަނީ. މި މީހުންގެ ފަލްސަފާ އޮތީ ކިހިނެތްތޯ. މަންމަ އުނގުގައޮތް ފައްޓަރުބައި ވިއްކާލުން ނޫންތޯ މި މީހުންގެ ފަލްސަފާ އަކީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާގެ ނުފޫޒުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވާ ވާހަކަ އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ. އެގޮތުން، ބޮޑުތަކުރުފާނުގެ ޖިހާދަށްފަހު ދިވެހީންނަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އިސްތިއުމާރީ ބާރާއި މިއަދު ކުރިމަތިލާން ޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިވަރުގެ ކަމެއް ހިނގާއިރު ދީނާއި ގައުމުދެކެ ލޯބިވާކަމަށް ދައުވާ ކުރައްވާ ބޭފުޅުން ކޮބައިތޯ އެމަނިކުފާނު ސުވާލުކުރެއްވިއެވެ.

comment ކޮމެންޓް