ސްޕެނިޝް ސުޕަ ކަޕްގެ ސެމީފައިނަލްގައި ވަރުގަދަ ބާސެލޯނާ ބިމާހަމަކޮށް ރެއާލް މެޑްރިޑުން ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.
ކިންގް ފަހްދް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ރެއާލުން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއިން ބާސާ މައްޗަށް ކުރި ހޯދައިގެންނެވެ. ބާސާ ބަލިވުމާއެކު އެ ޓީމު ވަނީ މުބާރާތާ ވަކިވާން ޖެހިފައެވެ.
މުބާރާތުގެ ދެވަނަ ސެމީފައިނަލް މެޗުގައި މިރޭ އެޓްލެޓިކޯ މެޑްރިޑާ އެޓްލެޓިކް ކުލަބު ބައްދަލުކުރާނެއެވެ. އެ މެޗުން މޮޅުވާ ކުލަބެއް ބައްދަލުކުރާނީ ފައިނަލުގައި ރެއާލާއެވެ.
ރޭގެ މެޗު ފަށައިގެން ދެ ޓީމުންވެސް ދިޔައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތްކުރަމުންނެވެ. ބާސާ އިން ރޭގެ މެޗުގެ ފުރަތަމަ އެގާރާގައި އެ ޓީމަށް ދާދި ފަހުން ސޮއިކުރި ސްޕެއިންގެ މޮޅު ފޯވާޑް ފެރާން ޓޮރޭޒް ހިމަނާފައިވެއެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ރެއާލުންނެވެ. ކައުންޓާ އެޓޭކެއްގައި ކަރީމް ބެންޒެމާ ދިން މޮޅު ޕާހަކުން މެޗުގެ 25 ވަނަ މިނެޓުގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިނީޝިއަސް ޖޫނިއާ ގޯލު ޖެހިއެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ނެދަލެންޑުގެ ތަރި ލޫކް ޑިޔޮންގް ރީތި ގޯލެއް ޖަހާ ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ގިނަ ބަދަލުތަކެއް ކޮށްފައެވެ. އެގޮތުން ރެއާލުން މާކޯ އެސެންސިއޯ ބާލާ ރެޑްރިގޯ ވަނީ ކުޅެން އަރުވާފައެވެ. އެ ހާފުގައި ރޮޑްރިގޯ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް ބާސާގެ ޖޮޑި އަލްބާ ވަނީ އޭނާ ރަނގަޅަށް މާކު ކޮށްފައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ރެއާލްގެ ބެންޒެމާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތެރެއަށެވެ. ރޭގެ މެޗުގައި އެންމެ ތަފާތު އަދި މުހިއްމު ކުޅުމެއް ބެންޒެމާގެ ފަރާތުން ފެނިގެންދިޔައެވެ. މެޗު ނިމެން ދިހަ މިނެޓަށް ވެފައި އޮތްއިރު ވެސް ރެއާލް އޮތީ 1-2 އަކުން ލީޑު ނަގާފައެވެ. ނަމަވެސް ބާސާއަށް އުންމީދު އާވެގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޒުވާން ފޯވާޑް އަންސު ފަޓީ 83 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރުމުންނެވެ.
ދެވަނަ ހާފުގެ 90 މިނެޓު ކުޅުން ހަމަވެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ރެއާލްގެ ރޮޑްރިގޯ އޭރިއާ ތެރެއަށް ނަގައިދިން ހިތްގައިމު ހުރަހަކުން ފެޑްރިކޯ ވަލްވާޑޭ ރެއާލް މޮޅުވި ގޯލު ޖަހައިދިނެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި ވެސް ބާސާއަށް ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތުތަކެއް ލިބުނުނަމަވެސް އެޓީމުން އުފެއްދި ގިނަ ހަމަލާތައް ވަނީ ރެއާލްގެ ކީޕަރު ތިބޯޓް ކޯޝަސް ދިފާއުކޮށްފައެވެ.
އެންމެ ފަހުން ކުޅުނު އެލްކްލެސިކޯ މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ރެއާލުންނެވެ. އެ މެޗު ރެއާލް ކާމިޔާބުކުރީ 2021 ވަނަ އަހަރު 1-2 ގެ ނަތީޖާއިން ބާސާ މައްޗަށް ކުރި ހޯދައިގެންނެވެ. ބާސާ އިން ވަނީ ސުޕާކޮޕާގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުން ވެސް ކަޓާފައެވެ.