ރެހެންދި އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި ރެހެންދި އެވޯޑް ދިނުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުންދޭ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރެހެންދި އެވޯޑަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ޖެންޑާ މިނިސްޓްރީން އަންހެނުންނަށް ދޭ ހާއްސަ އެވޯޑެކެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ރެހެންދި އެވޯޑަށް އަމިއްލަ ގޮތުންނާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތު އަދި މުވައްސަސާ، އޮފީސް އަދި ކުންފުނިތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މި އެވޯޑަށް ކުރިމަތިލާ ފަރާތްތައް ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީ އިން ކަނޑައަޅާ ހާއްސަ ކޮމެޓީ އަކުންނެވެ. ރެހެންދި އެވޯޑުގެ ގޮތުގައި ދޭނީ ޖެންޑާ މިނިސްޓްރީން ދޭ ހާއްސަ ޝީލްޑަކާއި ގައުމީ އެކި މުނާސަބަތުތަކުގައި ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ބްރޫޗެކެވެ.

އެ އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ އީމެއިލް ([email protected]) އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 9:00އިން މެންދުރުފަހު 2:00އަށް، ޖެންޑާ މިނިސްޓްރީގެ ކައުންޓަރުން ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

މިދިޔަ ދެ އަހަރުގެ ރެހެންދި އެވޯޑު ދިނުމަށް، މިދިޔަ ސެޕްޓެމްބަރު މަހުގައި ބޭއްވި ހަފްލާގައި 13 މީހަކަށް މި އެވޯޑް ދީފައިވެއެވެ.

comment ކޮމެންޓް