ތިޔަ ލޯބި އެދިގެން... - 35

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

"ދެން ކީއްވެތަ އޭނައަށް ހަޤީގަތް ކިޔައިނުދެވިގެން އެއްވެސް މީހަކަށް ތި އުޅެނީ. ބުނެބަލަ އަހަރެން މީ އޭނަގެ އަސްލު މަންމައެއް ނޫނޭ... ހަޤީގަތް ކިޔައިދީބަލަ." މެހެރީންގެ ޖަވާބާއެކު ޝިޒާންއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ."ދެން ކީއްވެތަ އޭނައަށް ހަޤީގަތް ކިޔައިނުދެވިގެން އެއްވެސް މީހަކަށް ތި އުޅެނީ. ބުނެބަލަ އަހަރެން މީ އޭނަގެ އަސްލު މަންމައެއް ނޫނޭ... ހަޤީގަތް ކިޔައިދީބަލަ." މެހެރީންގެ ޖަވާބާއެކު ޝިޒާންއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

އިވިގެންދިޔަ ހަޤީގަތުން އޭނާގެ ގައިން ވަރު ދޫވެގެން ދިޔަހެން ހީވިއެވެެ. އިވުނު ބަސްތައް އޭނާއަށް ޤަބޫލެއް ނުކުރެވުނެވެ. އެ އަޑު އިވި ނަވާއަށް ވެސް ދެލޯ ބޮޑުކޮށްލައިގެން ހުރެވުނުއިރު، ޝިޒާންގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރުތަކުން އެއީ ކުރިން ޝިޒާންއަށް ނޭނގި އޮތް ހަޤީގަތެއްކަން ދެނެގަންނާކަށް މިންހާއަކަށް އުނދަގުލެއް ނުވިއެވެ.

ޝިޒާންއަށް އިސްޖަހައިލެވުނެވެ. އޭނާއަށް އެވަރުގެ ބޮޑު ހަޤީގަތެއް ބައްޕަމެން ސިއްރުކުރީ ކީއްވެބާއޭ ޝިޒާންގެ ހިތަށް އަރަމުންދިޔައެވެ. މެހެރީން އޭނާއަށް އެހާ ނަފްރަތުކުރަނީ އޭނާ އަކީ މެހެރީންގެ ދޮން ދަރިއެއްކަމަށް ވީތީހެއްޔެވެ؟ ދޮން މަންމަ ދޮން ނިޔަނދުރެކޭ އެއްގޮތް ވާނެޔޭ ބުނާއަޑު އޭނާ އަހައެވެ. އެއީ ހަމަ ދުނިޔަވީ ހަޤީގަތްބާއޭ ޝިޒާންގެ ހިތަށް އެރިއެވެ. އެ ހިތުގައި މެހެރީންއަށް ދެވިފައިވަނީ އުފަން މަންމައަށް ދެވިފައިވާފަދަ ގަދަރެއްނަމަވެސް، މިއަދާ ޖެހެންދެންވެސް މެހެރީންގެ ފަރާތުން އޭނާއަށް އަނިޔާ ނޫން އެއްޗެއް ލިބިފައެއް ނުވެއެވެ. ކުޑައިރު ޖަހާ އަނިޔާ ކުރިނަމަވެސް، ބޮޑުވަމުން ދިޔަވަރަކަށް އެބައި ކުޑަވިއެވެ. އެހެންނަމަވެސް އޭނާއަށް ނިސްބަތްކޮށް މެހެރީން ބުނެލާ ވިހަ ގަދަ ބަސްތަކަކަށް އެެއްވެސް ބަދަލެއް ނާދެއެވެ.

އެެތެރެއަށް ވަދެފައި އޭނާއަށް އެވަރުގެ ކަމެއް އޮޅުވައިލީ ކީއްވެތޯ އަހާ ސުވާލުކުރަން ޝިޒާން ބޭނުންވިނަމަވެސް، އެފަދަ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެތަނުގައި ހުރުމަށްފަހު، އޭނާ މިންހާއަށް ވެސް ބަލައިލުމެއްނެތި ހިނގައިގަތެވެ. އެ ދިޔަ ގޮތަށް ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ. އެ މަންޒަރު ބަލަން ހުރުމަށްފަހު ނަވާ ދެރަވެފައި ބަލައިލީ މިންހާއަށެެވެ.

"ޓޭކް ކެއަރ އޮފް ހިމް." ނަވާ އާދޭހުގެ ރާގެއްގައި ބުނެލުމާއެކު މިންހާއަށް އަވަސް އަވަހަށް ބޯ ޖަަހައިލެވުނެވެ. އޭނާއަށް ވެސް ހުރެވުނީ ބުނާނެއެއްޗެއް ނޭނގިފައެވެ. މިންހާ ކޮޓަރިއާ ދިމާލަށް ހިނގައިގަތުމާއެކު ނަވާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު އެތެރެއަށް ވަންނަން އޭނާގެ ޒަމިރު ގޮވަމުން ދިޔައެވެ. ކުޑަ އިރުއްސުރެ އެއްބަނޑު އެއްބަފާ ދޮންބެކަމަށް ދެކެމުން އައި ޝިޒާންގެ ޙަޤީގަތް އެނގުމަށްފަހު ނަވާ ވެސް ހުރީ އިންތިހާ ދެރަވެފައެވެ. ހާމަވެގެން ދިޔަ ހަޤީގަތަކުން އޭނާއާ ޝިޒާންއާ ދެމެދު އޮތް ގުޅުމަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ނަވާ ދެ ވިސްނުމެއްގައި ހުރުމަށްފަހު އެތެރެއަށް ވަނުމުގެ ބަދަލުގައި ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. އިވުނު ހަޤީގަތުން ޝިޒާން ކަންތައް ކުރާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަަރަމުންދިޔައެވެ.

ކޮޓަރިއަށް ވަދެފައި ޝިޒާންއަށް ޖައްސައިލެވުނީ ސޯފާގައެވެ. މިންހާ ކޮޓަރިއަށް ވަތްއިރު ޝިޒާން އޮތީ ސޯފާގައި ރީތިކޮށް އޮށޯވެ ނިތުގައި އެއްއަތް ބާއްވާލައިގެން ދެލޯ މަރާލައިގެންނެވެ. އެމޫނުމަތިން ހިތާމައިގެ އަސަރު މިންހާއަށް ފެންނަމުން ދިޔައެވެ. ލޯމަރާލައިގެން އޮތް ނަމަވެސް އެމޫނުމަތީގައި ވަނީ މާޔޫސީ އަސަރުތަކެވެ. އޭނާއަށް ހިނދުކޮޅަކު ޝިޒާންއަށް ބަލަަހައްޓައިގެން ހުރެވުނެވެ. ޝިޒާންއަށް ގޮވައިލަން އުޅެފައިވެސް އޭނާއަށް ނޭނގޭ ސަބަބަކާ ހުރެ މަޑުޖެހެވުނެވެ. ހިތް ގޮވައިލީ އެވަގުތު ޝިޒާންގެ ގާތުގައި ހުރުމަށެވެ. ޝިޒާން ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންވާނެކަން އޭނާއަށް އެނގެއެވެ. މިވަގުތު ޝިޒާންއަށް އެ އެހީތެރިކަން ފޯރުކޮށްދޭން ހުރީ ވެސް އޭނާ ނޫން އެހެން ކާކުހެއްޔެވެ؟ އެތައް އިރަކު ހިތާ ޖަދަލުކުރުމަށްފަހު މިންހާ އެންމެ ފަހުން ގޮސް ޝިޒާން ކައިރީގައި ހުއްޓުނެވެ. އެއަށްފަހު އޭނާ އެ މޫނަށް އަދިވެސް އެއްފަހަރު ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

"ޝިޒާން..." ހިތްވަރުކޮށްފައި މިންހާ އެންމެ ފަހުން ޝިޒާން އަށް ގޮވައިލިއެވެ.

"ހޫމް..." އެ އޮތްގޮތަށް އޮވެ ޝިޒާން 'ހޫމް' އެއް ލައްވައިލިއެވެ. އެއީ އެފަދައިން ޝިޒާން ކަންތައް ކުރި ފުރަތަމަ ފަހަރެވެ. މިންހާއަށް އުނދަގޫވިއެވެ. އެހެންނޫނީ އަބަދުވެސް ޝިޒާން އޭނާއާ ވާހަކަ ދައްކާނީ އޭނާއަށް ބަލަން ހުރެއެވެ.

"ޝިޒާން..." މިންހާ އަނެއްކާވެސް ޝިޒާންއަށް ގޮވައިލިއެވެ. ޝިޒާން ފުންނޭވާއެއް ދޫކޮށްލަމުން ދެލޯ ހުޅުވައިލިއެވެ. އޭނާ މިންހާއަށް ބަލައިލިއެވެ.

"ކަމެއް ބޭނުންވީތަ؟" އަޑަށް ހަމަޖެހުން ގެންނަން މަސައްކަތް ކުރަމުން ޝިޒާން ވާހަކަ ދެއްކި ނަމަވެސް، އެ އަޑުގައިވި ހިތާމައިގެ އަސަރު މިންހާއަށް އަންދާޒާ ކޮށްލެވުނެވެ.

"ނޫން... އާރ... އާރ ޔޫ އޯކޭ؟" މިންހާ ސުވާލުކޮށްލިއެވެ.

"އައި އެމް ފައިން..." ޝިޒާން އިސްޖަހައިލިއެވެ. މިންހާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ޝިޒާންގެ ގާތުގައި ސޯފާގައި އިށީނެވެ.

"އައި ނޯ އިޓް ވިލް ބީ ޑިފިކަލްޓް ފޯރ ޔޫ. އެކަމަކު ޝިޒާން ވާނެ ހިތްވަރު...." މިންހާއަށް ބުނެވުނީ އެވަރަށެވެ. ޝިޒާން ކުއްލިއަކަށް އެނބުރިލާފައި އޭނާގެ ގައިގައި ބައްދައިލުމާއެކު މިންހާ ލައިލައި އިން ނޭވާވެސް އަރުތެރޭގައި ތާށިވިއެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޝިޒާންގެ ގައިގައި އަތް ޖައްސައިލަން ވެސް ނުކެރުފައި މިންހާއަށް އިނދެވުނެވެ. ޝިޒާންގެ އެ އަމަލުން އޭނާއަށް ވަނީ ޝޮކެއް ލިބިފައެވެ. މީގެ ކުރިން ދުވަހަކުވެސް ޝިޒާންގެ ފަރާތުން އެފަދަ އަމަލެއް އޭނާއަށް ފެނިފައެއް ނުވެއެވެ. ވީއިރު މިއަދު އެގޮތަށް ކަންތައް ކުރުމުން އޭނާއަށް އިންތިހާ ހައިރާންކަން ލިބުނުނަމަވެސް، އޭނާއަށް ޝިޒާން ދުރުކޮށްލާކަށް ނުކެރުނެވެ. އެއްޗެއް ބުނަން ވެސް ނޭނގިފައި އޭނާއަށް އިނދެވުނީ އެހެންވެއެެވެ.

މިންހާގެ ގައިގައި ބައްދައިލައިގެން އިން ޝިޒާންއޭނަގެ ހަށިގަނޑާ މިންހާ އިތުރަށް ގާތްކޮށްލިއެވެ. މިވަގުތު އޭނާ ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންވެއެވެ. މިންހާ ގެއްލިދާނެކަމުގެ ބިރުވެރިކަންވެސް އެހިތުގައި އުތުރެން ފެށިއެވެ.

"މިންހާ...." ޝިޒާން މިންހާއަށް ގޮވައިލިއެވެ.

"ހޫމް..."

"އަހަރެން ދޫކޮށްލާފައި ނުދައްޗޭ." ޝިޒާން އެ އޮތް ގޮތަށް އޮވެ ބުނެލިއެވެ. އެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ. މިންހާ އެއްޗެއް ނުބުނުމާއެކު އަނެއްކާވެސް ޝިޒާން ވާހަކަ ދެއްކިއެވެ.

"މިންހާ.... އަހަރެން ދޫކޮށްލާފައި މިންހާ ގޮސްފިއްޔާ ވަރަށް ދެރަވާނެ. މިންހާ ތީ އަހަރެންގެ ހުރިހާވެސް މީހަކީ... އައި ލަވްޔޫ ސޯ މަޗް. އަހަރެން މިިންހާ ދެކެ ވަރަށް، ވަރަށް ބޮޑަށް ލޯބިވޭ...." ޝިޒާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.އެ އޮތްގޮތަށް އޮވެ ޝިޒާން ފުންނޭވާއެއް ދޫކޮށްލުމާއެކު އެ ހޫނު ނޭވާގެ އަސަރު މިންހާގ ގޮނޑަށްވެސް ކުރިއެވެ. އޭނާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ.

"އަހަރެން ދުވަހަކުވެސް މިންހާ ވަރިއެއް ނުކުރާނަން. މިންހާގެ ލޯބި ލިބޭތޯ ކިތަންމެ ދިގު އިންތިޒާރެއް ކުރަން ޖެހުނަސް އަހަރެން އެކަން ވެސް ކޮށްފާނަން." ޝިޒާން ބުނެލިއެވެ. އެތައް އިރަކު ޝިޒާން މިންހާގެ ގައިގައި ބައްދާލައިގެން އިނދެފައި ދޫކޮށްލިއެވެ. އެއަށްފަހު އޭނާ ދުރުވެލިއެވެ.

"އައި އެމް ސޮރީ...." ޝިޒާން މާފަށް އެދުނެވެ. އޭނާ އިސްޖަހައިލިއެވެ. އެގޮތަށް މިންހާގެ ގައިގައި ބައްދައިލުމަކީވެސް މިންހާގެ ހުއްދަނެތި އޭނާ ދުވަހަކުވެސް ކުރަން ބޭނުންވިކަމެއް ނޫނެވެ. އެހެންނަމަވެސް، މިއަދު އޭނާއަށް ކެތް ނުކުރެވުނީއެވެ. އަނެއްކާވެސް އާއިލާއާ ދުރަށް ގޮސް މިންހާ ގެއްލިއްޖެނަމަ ދެން އޭނާގެ ހިތަކަށް ކެތެއް ނުވާނެއެވެ.

"ޔޫ އޯކޭ؟" މިންހާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"އައި ވިލް ބީ އޯކޭ... ޖަސްޓް ސްޓޭ ވިތް މީ" ޝިޒާން ބުނެލިއެވެ. މިންހާ ޝިޒާންގެ ކޮނޑުގައި ފިރުމައިލިއެވެ. ޝިޒާން އަނެއްކާވެސް މިންހާ އޭނާގެ އަތުގެ ހިމާޔަތަށް ގެނައެވެ. އެގޮތަށް ދެމީހުން އިރުކޮޅަކު ތިއްބެވެ. މިންހާ ޝިޒާންއާ ދުރުވީ އެއީ ގޯހެއްކަން އޭނާގެ ސިކުނޑި ވިސްނައިދޭން ފެށުމުންނެވެ. އޭނާއަކީ އާހިލްގެ މީހެއްކަމަށް އޭނާގެ ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައީތީއެވެ. އޭނާ އާހިލްއަށް ބޭފަފާތެރިއެއް ނުވާނެއެވެ. އޭނާ ބޭނުންވަނީ ޝިޒާންގެ ފަރާތުން ވަރިވާން ކަމަށްވާއިރު އެގޮތަށް ޝިޒާންއާ ގާތްވެވިގެނެއް ނުވާނެއެވެ. އޭނާ އަށް އެ ފުރުސަތު ޝިޒާންއަށް ދެވިގެންވެސް ނުވާނެއެވެ. ކުއްލިއަކަށް މިންހާ ތެދުވުމާއެކު ޝިޒާންއަށް މިންހާއާ ދިމާލަށް ބަލައިލެވުނެވެ. މިންހާ އެއްޗެއް ނުބުނެ ގޮސް ފާހާނާއަށް ވަނުމުން ޝިޒާންއަށް އުދާސްކަމާއެކުޖ ނޭވާއެއް ދޫކޮށްލެވުނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. މިންހާއަށް ހޭލެވުމާއެކު، އޭނާ މޯޅިއަކަށް ދެމިލިއެވެ. ސޯފާއާ ދިމާލަށް ބަލައިލިއިރު، ޝިޒާން އޮތީ ނިދާފައެވެ. އޭނާ ރަޖާގަނޑު އެއްފަރާތްކޮށްލަމުން ތެދުވެލިއެވެ. ޝިޒާންއަށް ބަލައިލި ފާޚާނާއާ ދިމާލަށް ދާން ހިނގައިގަތްވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. ކާކުބާއޭ ހިތާ އޭނާ ގޮސް ދޮރު ހުޅުވައިލަން އުޅެފައިވެސް މަޑުޖެހިލިއެވެ. ނިދިފައި އޮތް ޝިޒާންއަށް ބަލައިލުމަށްފަހު، އޭނާ ދޮރުފަތް ކުޑަކޮށް ހުޅުވައިލިއެވެ.

"ދޮންބެ ދައްތާ. އެންމެން އެބަތިބި ސައިބޯން. ތިރިއަށް ނައިމަ ބައްޕަ ބުނީ ކޮބައިތޯ ބަލައިލަބަލާށޯ..." ނަވާ ބުނެލިއެވެ.

"އެބަ ދަން ތިރިއަށް..." މިންހާ ބުނެލިއެވެ.

"ދޮންބެ ކޮބާ؟" ނަވާ ސުވާލުކޮށްލިއެވެ.

"ފާޚާނާގައި." މިންހާ ދޮގެއް ހަދައިލިއެވެ.

"އިސް ހީ އޯކޭ؟" ނަވާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. މިންހާ ބޯ ޖަހައިލި ނަމަވެސް، ރޭގައިވެސް ގިނަވަގުތު ޝިޒާން އުޅުނީ ނުނިދާކަން އޭނާއަށް އެނގެއެވެ.

ނަވާ ދިޔުމާއެކު މިންހާ ދޮރު ލައްޕާލާފައި އައިސް ޝިޒާންއަށް ގޮވަން އުޅެފައިވެސް މަޑުޖެހިލިއެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު ގޮވާފައި ނަވާ ބުނި ވާހަކަ ބުނެލިއެވެ.

"އަހަރެން ދާހިތެއްވެސް ނެތް..." ޝިޒާން އެހެން ބުނެލިއެވެ.

"އަބަދު ފިލައިގެނެއް ނޫޅެވޭނެއެއްނު. ހިތުގައި އޮތް އެއްޗެއް ބުނީމަ ހިތަށް ވެސް ލުއިވާނެ." މިންހާ ބުނެލިއެެވެ.

ޝިޒާންއާ މިންހާއާ ދެމީހުން އަވަސް އަވަހަށް ރީތިވެގެން ތިރިއަށް ދިޔައިރު އެންމެން ތިބީ ކާކޮޓަރީގައެވެ. ގޮނޑީގައި އިށީނުމާއެކު، ނުހައިލް ޝިޒާންއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ލީވާންއާ ނަވާގެ އިތުރުން މެހެރީންއާ ނޫރުލް ހުދާ ވެސް އިނެވެ.

"ދަރިފުޅު އެކޮޅުގެ އޮފީސްކަންތައް ކިހިނެއް ދަނީ؟" ނުހައިލް ސުވާލުކޮށްލީ ޝިޒާންއާ އެެވެ.

"ރަނގަޅު." ޝިޒާން އިސްޖަހައިގެން އިނުމަށްފަހު ކުރު ޖަވާބެއް ދިނެވެ. ނުހައިލް އެކަމާ ބެހޭގޮތުން އިތުރު ސުވާލުކުރިނަމަވެސް، ޝިޒާން އިންނަނީ ނުހައިލްއާ ނަޒަރު ވަކިކޮށްލައިގެންނެވެ. އެކަން ނުހައިލްއަށް ފާހަގަވުމާއެކު އޭނާއަށް ޝިޒާންއަށް ގޮވައިލެވުނެވެ.

"ދަރިފުޅާ ކަމެއްވީތަ؟" އޭނާ ސުވާލުކޮށްލިއެވެ.

"އަޅުގަނޑުގެ މަންމައަކީ ކާކު؟"

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު