ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް ޑރ. އަހުމަދު އަޝްރަފް އައްޔަންކޮށްފިއެވެ.
ޑރ. އަޝްރަފް މި މަގާމަށް އައްޔަންކުރީ 70،000 ރުފިޔާގެ މުސާރައަކާއެކުއެވެ.
މި މަގާމަށް އޭނާ އައްޔަން ކުރުމުގެ ކުރިން މި މަގާމުގައި ހުންނެވީ ޑރ. ޝީޒާ އަލީއެވެ. ޝީޒާ މަގާމުން ވަކިވެވަޑައިގަތީ ދައުރު ފުރިހަމަ ކުރެއްވުމަށްފަހަގައެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް މީހަކު އައްޔަން ކުރައްވަނީ ހަތަރު އަހަރުގެ ދައުރަކަށެވެ. މި ދައުރަށް އައްޔަން ކުރާ މިހެއްގެ ކިބައިގައި ވަކި ޝަރުތުތަކެއް ފުރިހަމަ ވޭތޯ ބަލައެވެ.
އޮގޮތުން ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލް ކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން އެ މީހަކީ ޓީޗިން ހޮސްޕިޓަލެއްގައި އެއް އަހަރު ދުވަހުގެ އިންޓާންޝިޕެއް ފުރިހަމަ ކޮށްފައިވާ އަދި އެ ކައުންސިލުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮންނަ މީހަކަށް ވާނެޖެހެއެވެ. ސިއްހީ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން ތިން އަހަރު އަދި ސިއްހީ ދާއިރާއިން އަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް އެ މީހަކު ވާން ޖެހެއެވެ.
ޑރ. އަޝްރަފު ފުރަތަމަ ސިއްހީ ދާއިރާއަށް ނިކުމެވަޑައިގަތީ 1996 ވަނަ އަހަރު އައިޖިއެމްއެޗްގެ މަސައްކަތުންނެވެ. އޭގެ ފަހުން އިތުރު ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ އެހެން ބައެއް ތަންތަނުގައި ވެސް މަސައްކަތް ކުރެއްވިއެވެ.
ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ލެކްޗަރާއަކަށް ވެސް އުޅުއްވިއެވެ. ހަމައެހެންމެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފައްދައި މިހާރު އުވާލާފައިވާ ނޮދާން ހެލްތު ސާވިސް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެމްބަރުކަން ވެސް އޭނާ ކުރެއްވިއެވެ.
ޑރ. އަޝްރަފަކީ ހުޅުމާލޭ ހޮސްޕިޓަލްގެ އިސްވެރިޔާގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އޭނާގެ މާލިމީ ކަމުގެ ދަށުން އެ ހޮސްޕިޓަލުގައި ފުރަތަމަފަހަރަށް އައިސީޔޫ ހުޅުވައި، ކަރުންމަތީގެ އޮޕަރޭޝަންތަކާއި ލޮލުގެ ފަރުވާ ދިނުން ވެސް ފެއްޓެވިއެވެ.