މާކުރަތު ޓާފް ދަނޑުގެ މަސައްކަތް ލަސްވާތީ ޒުވާނުން ނުކުމެ ދަނޑުގައި ކަރާ އިންދައިފި

ރ، މާކުރަތު ޓާފް ދަނޑުގެ މަސައްކަތް ލަސްވާތީ ޒުވާނުން ނުކުމެ ދަނޑުގައި ކަރާ އިންދަނީ ފޮޓޯ / ފޭސްބުކް

ރ. މާކުރަތު ޓާފް ދަނޑުގެ މަސައްކަތް ކުރިއަށް ނުދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާތީ ރަށުގެ ޒުވާނުން ނުކުމެ ދަނޑުގައި ކަރާ އާއި ކޮޕީ ގަސް އިންދައިފިއެވެ.

މިކަމާ ގުޅިގެން މާކުރަތު ކައުންސިލްގެ ނައިބު ރައީސް އަލީ އަޒްލީމް "ސަން"އަށް ވިދާޅުވީ ރަށުގެ ދަނޑު ހަދައިދޭނެ ކަމަށް ބުނެގެން އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި ޓާފް އެޅުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

"މިހާރު ދެ ފަހަރު ދަނޑުގައި ޓާފް އަޅާށޭ ކިޔާފައި ނޮޅައިފި. އެކަމަކު ވެސް ޓާފް އެޅޭގޮތެއް ނުވި. މީގެ ކުރިން ރަށުގެ ޒުވާނުން ފުޓުބޯޅަ ކުޅެމުން އައި ތަނެއް އެއީ. ޓާފް އަޅާށޭ ކިޔާފައި ދަނޑު އެހެރީ ބަންދުކޮށްފައި. އެކަމަކު މަސައްކަތް އެއްވެސް ވަރަކަށް ކުރިއަކަށް ނުދޭ،" އަޒްލީމް ވިދާޅުވިއެވެ.

އަޒްލީމް އިތުރަށް ވިދާޅުވީ މާކުރަތު ދަނޑުގައި ތިން މަސް ދުވަސް ތެރޭގައި ޓާފް އަޅައިދޭނެ ކަމަށް މަޖިލީހުގެ ކެމްޕެއިންގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެއީ ޒުވާނުން ވަރަށް ޒަމާން ވަންދެން ދެކެމުން އަންނަ ހުވަފެނަކަށް ވުމާއެކު ދަނޑުގައި ޓާފް އަޅައިދިނުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

މާކުރަތު ޓާފް ދަނޑުގެ މަސައްކަތް ލަސްވަނީ އެރަށުގެ ކައުންސިލްގައި އެމްޑީޕީގެ މެޖޯރިޓީ ނެތީމަތޯ އަޒްލީމް ވަނީ ސުވާލު އުފައްދާފައެވެ.

"މަސައްކަތް ހުއްޓިފައި އެ އޮތީ މީގެ ކުރިން އެމްޑީޕީ މެޖޯރިޓީ އޮތް ތަނެއްގައި މިހާރު ޕީޕީއެމް މެޖޯރިޓީ އޮތީމަތޯ ސުވާލުކޮށްލަން ބޭނުންވޭ،" އަޒްލީމް ވިދާޅުވިއެވެ.

ރ، މާކުރަތު ޓާފް ދަނޑުގެ މަސައްކަތް ލަސްވާތީ ޒިވާނުން ނުކުމެ އިހުތިޖާޖު ކުރަނީ- ފޮޓޯ / ފޭސްބުކް

މީގެ އިތުރުން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒް "ސަން"އަށް ވިދާޅުވީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޔޫތު މިނިސްޓްރީއާ ވެސް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

"ޔޫތު މިނިސްޓްރީން ބުނަނީ މަސައްކަތް ލަސްވަނީ މައްސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަށް ވަގުތު ނުވާތީ ކަމަށް މަސައްކަތް ނުފެށެނީ. އެ ކުންފުންޏަށް ކޮންމެ ހަފްތާއަކު ވެސް ގުޅުމުން ބުނަނީ މިދަނީ މިދަނީއޭ. އެކަމަކު ދުވަހަކު އާދެވޭ ގޮތެއް ނުވި. އެހެންވެ ޒުވާނުން އެގޮތަށް ކަންތައް އެކުރަނީ ވެސް،" ރަމީޒް ވިދާޅުވިއެވެ.

މާކުރަތު ޓާފް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއެވެ.

މާކުރަތު ކައުންސިލުން ބުނެފައިވަނީ ދަނޑުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަދޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި ޒުވާނުން ތިބީ ޓާފް ދަނޑުގެ މަސައްކަތް ނިންމާ އެ ދަނޑުގައި ކުޅުމަށް ކެތް މަދުވެފައި ކަމަށެވެ.

comment ކޮމެންޓް