ބީއެމްއެލްއިން ހޯނޑެއްދުއަށް ކޭޝް އޭޖެންޓް ބޭންކިން ތައާރަފްކޮށްފި

ބީއެމްއެލްއިން އިން ވަނީ ގދ. ހޯނޑެއްދޫގައި ކޭޝް އޭޖެންޓް ބޭންކިން ހިދުމަތް ތައާރަފްކޮށްފަ -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގދ. ހޯނޑެއްދޫގައި ކޭޝް އޭޖެންޓް ބޭންކިން ހިދުމަތް ތައާރަފްކޮށްފިއެވެ.

އޭޖެންޓް ބޭންކިން ހިދުމަތަކީ ބީއެމްއެލް ބްރާންޗެއް އަދި އޭޓީއެމް އެއް ނެތް ރަށްރަށުގައި އޭޖެންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފްކުރި ހިދުމަތެކެވެ.

އެ ހިދުމަތް 2015 ވަނަ އަހަރު ފެށީ ހަމައެކަނި ފައިސާ ނެގުމުގެ ހިދުމަތާއެކުވެ. ނަމަވެސް މިހާރު އޭޖެންޓުން މެދުވެރިކޮށް އަތޮޅު ތެރޭގައި އެއްވެސް ފީއަކާ ނުލައި ފައިސާ ނެގުމާއި، ޖަމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބެން ހުރެއެވެ.

ބީއެމްއެލް ކަސްޓަމަރުންނަށް ކޭޝް އޭޖެންޓުން މެދުވެރިކޮށް ދުވާލަކު 2،000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭނެއެވެ. އަދި ދުވާލަކު 10،000 ރުފިޔާއާ ހަމައަށް ފައިސާ ޖަމާކުރެވޭނެއެވެ.

ހޯނޑެއްދުއަށް އެ ހިދުމަތް ތައާރަފް ކުރުމާ ބެހޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރުއްދީން ވިދާޅުވީ މިހާރު އެ ބޭންކުގެ ކޭޝް އޭޖެންޓުންގެ އަދަދު 100އަށް އަރައިފައިވާ ކަމަށެވެ.

"މިއަދު މި ފާހަގަ ކުރެވެނީ އަޅުގަނޑުމެންގެ އޭޖެންޓް ބޭންކިން ހިދުމަތް 100 އެޖެންޓުން މެދުވެރިކޮށް ދޭން ފަށާ މުހިންމު މުނާސަބާ. މިއީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިން ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މިއަހަރު ތެރޭގައި މި ހިދުމަތް މީހުން ދިރިއުޅޭ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށް،" އައިޝަތު ނޫރުއްދީން ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 35 ބްރާންޗް، 76 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 134 އޭޓީއެމް ހުރެއެވެ.

comment ކޮމެންޓް