ތައިލެންޑު ޓޭބަލް ޓެނިސް މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ދީމާ ހޯދައިފި

ފާތިމަތު ދީމާ އަލީ އާއި އޭނާގެ ޕެއާ ފަންގް ކޯޗާއެކު ޗެމްޕިއަން ތަށި ހިފައިގެން-

ތައިލެންޑުގައި ބާއްވާ އެންމެ ބޮޑު ޓޭބަލް ޓެނިސް މުބާރާތް ކަމަށްވާ "އޯލް ތައިލެންޑް ޓީޓީ ޗެމްޕިއަންޝިޕް" ގެ 15 އަހަރުން ދަށުގެ ޑަބަލްސް އިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ދީމާ ވަނީ ޓޭބަލް ޓެނިސްގެ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ދާދި ފަހުން އެގައުމަށް ގޮސްފައެވެ. މި ދަތުރުގައި ލިބުނު ފުރުސަތުގައި މުބާރާތުގައި ދީމާ ވާދަކޮށް ރާއްޖެއަށް ރީތި ނަން ވަނީ ހޯދައިދީފައެވެ.

އެ މުބާރާތުގެ ޑަބަލްސްގައި ތައިލެންޑުގެ ފަންގްއާއެކު ތަށި ކާމިޔާބުކުރިއިރު ދީމާ ވަނީ އަންހެން ސިންގަލްސްގެ 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. އެހެންނަމަވެސް އޭނާ ވަނީ 3-1 ސެޓުން ބަލިވެފައެވެ.

އުމުރުން 15 އަހަރުން ދަށުގެ އަންހެން ރޭންކިންގައި ދުނިޔޭގެ 20 ވަނައިގައި ހިމެނޭ ދީމާ ވަނީ މިދިޔަ މަހު ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ މިކްސް ޑަބަލްސް ބައިގައި ޗެކް ރިޕަބްލިކްގެ މާޓިން ސިޕްއާ އެކު ކުޅެ މޮޅުވެފައެވެ. އަދި އޭނާ ވަނީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ.

ދުނިޔޭގެ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގްލަސް ކެޓަގަރީގެ މެއިން ޑްރޯ އަށް ކޮލިފައިވި 24 ކުޅުންތެރިންގެ އެންޓްރީ ލިސްޓުގައި ދީމާގެ ނަން ހިމަނާފައިވަނީ 13 ވަަނައިގަ އެވެ. ދީމާ، ދުނިޔޭގެ މުބާރާތަށް ކޮލިފައިވެފައިވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އޭނާގެ ކާމިޔާބީ އާއި ދުނިޔޭގެ ރޭންކިން އަށް ބެލުމަށް ފަހުއެވެ.

މިވަގުތު ރާއްޖެއާއި، މި ސަރަހައްދުގައި ވެސް އެންމެ ކުރިއަރަމުން އަންނަ، އަދި އެހާ ޅަ އުމުރެއްގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ދީމާއަށް ވެސް އެ މުބާރާތަކީ އޭނާގެ ހަޔާތުގައި އަދި މިހާތަނަށް ލިބުނު އެންމެ ބޮޑު ތަޖުރިބާއެވެ.

ޓީޓީ ޔޫތު ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ފާތިމަތު ދީމާ އަލީގެ ޑަބަލްސް ޕާޓްނަރަށް އެމުބާރާތުގައި ވާދަކުރުމަށް ނާދެވުމުން އެ ޕެއާ ބަލިވީ ކަމަށް އައިޓީޓީއެފުން ވަނީ ނިންމާފައެވެ. ދީމާގެ ޑަބަލްސް ޕާޓްނަރެއްގެ ގޮތުގައި އައިޓީޓީއެފުން ހަމަޖެއްސީ ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަންއެވެ. އެހެން ނަމަވެސް މުބާރާތުގެ އެއްވެސް މެޗަކަށް ހާޒިރުވުމުގެ ފުރުސަތެއް އޭނާއަށް ނުލިބުނެވެ.

އެ މުބާރާތުގެ ތިން ކެޓަގަރީއެއްގައި ދީމާ ބައިވެރިވި އިރު، ޑަބަލްސް އިވެންޓުން ލިބުނު ދެރައާއެކު ދީމާއަށް ވަނީ މުބާރާތް ނިންމާލަން ޖެހިފައެވެ. އެހެން ނަމަވެސް މި މުބާރާތުގެ ސަބަބުން ދީމާގެ މުޅި މެންޓަލިޓީއަށް ރަނގަޅު އަސަރެއް ކޮށްފައިވާ ކަމަށާއި، މިއީ މި ކުޅިވަރުން ކުރިއަށް ދިއުމަށް ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށް ވޯލްޑް ޗެމްޕިއަންޝިޕްގައި ދީމާގެ މެނޭޖަރު އަދި ކޯޗުގެ ގޮތުގައި ދިޔަ ޓީޓީއޭއެމްގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވަނީ ވިދާޅުވެފައެވެ.

އުމުރުން 13 އަހަރުގެ ދީމާ ވަނީ އޮމާންގެ މަސްކަޓްގައި ބޭއްވި އައިޓީޓީއެފް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށް 15 އަހަރުން ދަށުގެ ބައިގެ ކުއާޓާ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. އެ މުބާރާތުގެ 17 އަހަރުން ދަށުގެ ކެޓަގަރީގައި ވެސް ދީމާ ވާދަކުރިއިރު، ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

comment ކޮމެންޓް