ދިވެހި ގައުމިއްޔަތުގެ އެންމެ މަތީބަހާތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ބަހާއި ދިވެހި ތާރީހާއި ސަގާފަތް ކަމަށާއި އެކަންކަން ދިރުވައި އާލާ ކުރުމަށް ކޮންމެ ދިވެހި ފަރުދެއްގެ ބޮޑު ޒިންމާއެއް އޮންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ހުރަވީ ދުވަހާ ގުޅުވައިގެން ދެއްވި ތަހުނިޔާގެ މެސެޖުގައެވެ.
އިމްރާން ވިދާޅުވީ އެ ޒިންމާތައް އަދާކޮށްގެން ނޫނީ އަންނަން އޮތް ޖީލުތަކާ ހަމައަށް ގައުމު މިނިވަންކަމާއި އިސްތިގުލާލާއެކު ފޯރުކޮށްދިނުމަކީ ނުވާނެ ކަމެއް ކަމަށެވެ.
"ޤައުމީ ދުވަސްތައް އާ ކުރެވިގެންދާއިރު ގައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ގައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ތިމާގެ ދައުރަކީ، ތިމާގެ ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށް ތިމާއަށް ކޮށްދެވޭނެ ކަންކަން ކޮށްދިނުމަކީ ކޮންމެ މުއާޠިނެއްގެ ޒިންމާއެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ މެސެޖުގައި ވިދާޅުވީ ހުރަވީ ދުވަސްފަދަ ގައުމީ ދުވަސްތައް ފާހަގަ ކުރަމުންދާއިރު ގައުމީ އަބްތާލުންގެ ޒިކްރާތައް އާކޮށް އެބޭފުޅުން ގައުމަށްޓަކައި ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ.
މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ މިއަދު އަޅުގަނޑުމެން އެންމެން އަޒުމް ކަނޑައަޅަންވީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އިއްޒަތާއި ޝަރަފާއެކު ދިވެހި ގައުމިއްޔަތުގެ މިނިވަންކަމާއި އިސްތިގްލާލު އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުން ކަމަށެވެ.
މިއަހަރުގެ ހުރަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯމް މިނިސްޓްރީން ބާއްވާ ރަސްމީ ޖަލްސާއާއި ރަސްމީ ހަރަކާތްތައް މިއަހަރު ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ މިމަހުގެ 28 އަދި 29 ވަނަ ދުވަހު ކ. ހުރާގައެވެ.
ހުރަވީ ދުވަހު މި މިނިސްޓްރީން ކ. ހުރާގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާއާ އިސް ރަށްވެހިންނާއި ކުޑަކުދިންނަށް، ކުޑަކުދިންގެ ހަވީރަކާއި ދިވެހި ތާރީހާ ގުޅޭ މައުލޫމާތު ސެޝަނެއްގެ އިތުރުން ސަގާފީ ކުޅިވަރު ހިމެނެއެވެ.