އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓު ސަރުކާރުން ނެރެފި

19:00


ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކަމަށް އެޅޭ ހުރަސްތަކާއި ދިމާވާ ދަތިތައް ބަޔާންކޮށް އ.ދ އަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓު ސަރުކާރުން މިއަދު ނެރެފި އެވެ.


ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ނުވަތަ ޔޫ.ޕީ.އާރް ރިޕޯޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދު މިއަދު ވިދާޅުވީ، އ.ދ ގެ ކޮންމެ މެމްބަރު ގައުމަކުން ވެސް އެ ގައުމެއްގައި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ހާލަތު ހުރި ގޮތުގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް ކޮންމެ ހަތަރުން އަހަރުން އެއް އަހަރު ހުށަހަޅަންޖެހޭނެ ކަމަށެވެ. އެގޮތުން އަންނަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ރާއްޖޭގެ ޔޫ.ޕީ.އާރް ރިޕޯޓު ހުށަހަޅަން ޖެހޭކަން ފާހަގަކުރައްވަމުން ޑރ. ޝަހީދު ވިދާޅުވީ، އޭގެ ކުރިން ރިޕޯޓު ނެރުނީ އާއްމުންނާއި ސިޔާސީ ފަރާތްތަކުގެ ހިޔާލު ހޯދުމަށްފަހު ރިޕޯޓު އިތުރަށް ފުރިހަމަކުރުމަށް ކަމަށެވެ.


މި ރިޕޯޓުގައި ހަމައެކަނި ފާހަގަކޮށްފައި ވާނީ އިންސާނީ ހައްގުތަކުގެ ރޮނގުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތައް ނޫން ކަމަށާއި ގައުމަށް ކުރިމަތިވެފައިވާ ތަފާތު އިންސާނީ ހައްގުތަކުގެ މައްސަލަތައް ފޮރުވުމުގެ ބަދަލުގައި، އެ މައްސަލަތައްވެސް ރިޕޯޓުގައި ފާހަގަކޮށް، އެކަންކަން އިސްލާހު ކުރުމަށް އެހީތެރިވެވޭނެ ގޮތްތައް ބަޔާންކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި ޔޫ.ޕީ.އާރް ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ނޫން ކަމަށާއި އެ ރިޕޯޓަކީ ހާލަތު ބަޔާންކުރާ ރިޕޯޓެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.


ޔޫ.ޕީ.އާރް ރިޕޯޓުގައި އިންސާނީ ހައްގުތައް އަޅާކިޔާފައި ވާނީ، އ.ދ ގެ ޗާޓަރާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކުގެ އިތުރުން ރާއްޖެއިން ކުރުން ލާޒިމްވެގެންވާ ކަންތައްތަކުގެ މައްޗަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.


ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައިވާ ވަގުތީ ޔޫ.ޕީ.އާރް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް ބަލާއިރު، ބައެއް ދާއިރާތަކުގައި އަންހެނުންނާމެދު ތަފާތުކުރުން ގެންގުޅުމާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އެކި އަނިޔާތަކުގެ މައްސަލައާއި ޖަލުތަކުގައި ގައިދީންނަށް އަނިޔާ ލިބެމުންދާ މައްސަލައާއި ޖިނާއީ ޝަރުއީ ނިޒާމަށް ހުރި ގޮންޖެހުންތަކުގެ އިތުރުންވެސް ބައެއް މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު