އިރުމަތީ ގުދުސްގައި ބިނާކުރަން އުޅުނު މިސްކިތެއްގެ މަސައްކަތް އިޒްރޭލުން ހުއްޓުވައިފި

މި ފޮޓޯގައި ކައިރިން އެފެންނަނީ އަލް މަސްޖިދުލް ޢަޤްސާ، ދުރުން އެފެންނަނީ ޤުއްބަތުއްސަޚްރާ ނުވަތަ މަޝްހޫރު ރަން ގުއްބުލީ މިސްކިތް ---

އިޒްރޭލުން ހިސޯރުކޮށްފައިވާ އިރުމަތީ ގުދުސްގައި މިސްކިތެއް ބިނާކުރަން އުޅުމުން އެ ގައުމުން އެ މަސައްކަތް ހުއްޓުވައިފިއެވެ.

އިޒްރޭލުން އެ މިސްކިތް ބިނާކުރުމުގެ މަސައްކަތް ހުއްޓުވަން އެންގީ އެކަމަށް ބޭނުންވާ 'ހުއްދަ' ނުހޯދާ ކަމަށް ބުނެފައެވެ.

އަލް ތަގުވާގެ ނަމުގައި ބިނާކުރަން ފެށި މި މިސްކިތުގެ މަސައްކަތަށް ހުއްދަ ހޯދުމަށް ފަލަސްތީނުގެ އާންމުން ވަނީ އެތައް ފަހަރެއްގެ މަތިން އިޒްރޭލަށް ހުށަހަޅާފައެވެ. ނަމަވެސް އެ ހުއްދަ އިޒްރޭލުން ދީފައެއް ނުވެއެވެ.

މިސްކިތް ބިނާކުރާ އެ ސަރަހައްދަކީ 20000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދެކެވެ. އިޒްރޭލުން އެ ސަރަހައްދު ހިސޯރުކޮށްފައި އޮތުމާ ގުޅިގެން އެތަނުގެ ރައްޔިތުން ބޭރުތެރޭގައި އުޅެން ވަނީ ދަތިވެފައެވެ.

އިޒްރޭލުން ދަނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ގެތައް ހަލާކުކޮށް، ޔަހޫދީންނަށް ހާއްސަ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ފަށަމުންނެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ގެތަކުން ނެރެ، ޔަހޫދީންނަށް އެތަނުގައި ވަޒަންވެރިވުމަށް ފުރުސަތު ހޯދައިދެމުންނެވެ.

ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދި އިރު، ފަލަސްތީނަށް ދިނީ ހުޅަނގު އައްސޭރިއާއި ޣައްޒާއެވެ. ގުދުސް ނުވަތަ ޖެރޫސަލެމް ސިޓީ ދެބައިކޮށް، ދެގައުމަށް ވެސް އެ ސިޓީގެ ބައެއް ދެވުނެވެ. އިސްރާއީލަށް ހުޅަނގު ގުދުސް ދިން އިރު، ފަލަސްތީނަށް ލިބުނީ އިރުމަތީ ގުދުސްއެވެ.

އޭގެ ފަހުން، 1960ގެ އަހަރުތަކުގައި އަރަބި އިސްރާއީލީ ހަނގުރާމައިގެ ތެރެއިން، އިސްރާއީލުން ވަނީ ގުދުސްގެ، ފަލަސްތީނުގެ ފަޅި (އިރުމަތީ ގުދުސް) ހިފައިފައެވެ. އެއާ އެކު މަސްޖިދުލް އަގްސާ ވެސް ހިމެނޭ ގޮތަށް، ގުދުސްގެ ގަދީމީ ޝަހަރު (ބަލްދަ އަލް ޤަދީމާ) ދިޔައީ އިސްރާއީލުގެ ދަށަށެވެ. މީގެ އިތުރުން ފަލަސްތީނަށް ލިބުނު ބިމެއް ކަމުގައިވާ، ހުޅަނގު އައްސޭރި (ވެސްޓް ބޭންކް)ގެ ބޮޑު ބައެއްވެސް އިސްރާއީލުން ވަނީ ހިފައިފައެވެ.

comment ކޮމެންޓް