ބަނޑިދޫ ޔޫތު ޗެމްޕިއަންޝިޕް: ލީންގެ ހެޓްރިކާއެކު ކަންމަތި ގާލްސް ތަށި އުފުލައިލައިފި

ސަން ސިޔާމް ބަނޑިދޫ ޔޫތު ޗެލެންޖު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމު: ކަންމަތީ ގާލްސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

(ދ. ބަނޑިދޫން) ސަން ސިޔާމް ބަނޑިދޫ ޔޫތު ޗެލެންޖު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި ޑޭޒީ ކަނބަލުން ބަލިކޮށް ކަންމަތީ ގާލްސްއިން ތަށި އުފުލައިލައިފިއެވެ.

ބަނޑިދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅެވުނު ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވުމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ބަނޑިދުއަށް ވަޑައިގެންނެވިއެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނުނެވެ.

ޑޭޒީ ކަނބަލުން ޓީމުގެ ޖޯޒީ ނަންބަރު 17، މަރިޔަމް ރިފާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. އޭނާ ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އޭނާގެ ހަމަލާތައް ކަންމަތީ ގާލްސްގެ ގޯލްކީޕަރު ހުށިޔާރުކަމާއެކު ވަނީ ދިފާއު ކޮށްފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. ދެވަނަ ހާފުގައި ކަންމަތީ ގާލްސްއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން، ޖޯޒީ ނަންބަރު ނުވައެއް، މަރިޔަމް ލީން އަހުމަދެވެ.

ދެވަނަ ގޯލު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލީންއެވެ. އަދި ފަސް ފައުލު ހަމަވެ، ހަވަނަ ފައުލުގައި ލިބުނު ޕެނަލްޓީއެއްގައި ތިންވަނަ ގޯލު ވެސް ކަންމަތީ ގާލްސްއަށް ޖަހައިދިނީ ލީންއެވެ.

ރޭގެ މެޗުގެ ކުއީން އޮފް ދި މެޗުގެ މަގާމަށް ވެސް ހޮވުނީ ލީންއެވެ.

މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ މައިޝާން ސްނެޕާސްއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޑޭޒީ ކަނބަލުން ޓީމުގެ ރިފާއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކަންމަތީ ގާލްސްގެ ކޯޗު އިމާދު އަހްމަދެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ވެސް ވަނީ ހޮވާފައެވެ. އެ ކުޅުންތެރިންނަކީ:

  1. މަރިޔަމް ރިފާ، ޖޯޒީ ނަންބަރު 17 (ޑޭޒީ ކަނބަލުން)
  2. މަރިޔަމް ލީން، ޖޯޒީ ނަންބަރު 9 (ކަންމަތީ ގާލްސް)
  3. އާމިނަތު ފަޒްލާ، ޖޯޒީ ނަންބަރު 9 (ޔުނިކް ގާލްސް)
  4. މަރިޔަމް ސަރާ، ޖޯޒީ ނަންބަރު 11 (ޔުނިކް ގާލްސް)
  5. ވިޝާޔާ ވިލްދާން، ޖޯޒީ ނަންބަރު 10 (މައިސާން ރެކްރިއޭޝަން ކްލަބް)

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ފައިނަލު މެޗުގައި ވެސް ތަފާތު ކުޅުމެއް ދެއްކި ލީންއަށެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މިއީ އަންހެނުންގެ ފުޓްސަލް މުބާރާތެއް ބަނޑިދޫގައި ބޭއްވި ފުރަތަމަ ފަހަރެވެ. މިރޭގެ މެޗަށްފަހު ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މުބާރާތް ކަނބަލުންނަށް ބާއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް