ތިން ޓްރިލިއަން ޑޮލަރުގެ އަގުހުރި ފުރަތަމަ ކުންފުންޏަކަށް އެޕަލް

ތިން ޓްރިލިއަން ޑޮލަރުގެ މާކެޓް ވެލިއު އޮތް ފުރަތަމަ ކުންފުންޏަކަށް އެމެރިކާގެ އެޕަލް ކުންފުނި ވެއްޖެއެވެ.

އެޕަލް ކުންފުނީގެ މަޝްހޫރު އައިފޯން ލޯންޗްކުރި ފަހުން އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 5800 އިންސައްތައަށްވުރެ މައްޗަށް ގޮސްފައެވެ.

މިވަގުތު އެޕަލް ކުންފުނީގެ އަގު ދުނިޔޭގެ މަޝްހޫރު ކުންފުނިތައް ކަަމަށްވާ ޑިޒްނީ، ވޮލްމާޓް، ނެޓްފްލިކްސް، ނައިކީ، ކޮކަކޯލާ، ބޯއިން، މެކްޑޮނަލްޑްސް އަދި ފޯޑް އަށްވުރެ މައްޗެވެ.

އެޕަލް ކުންފުނީގެ އަގު އެއް ޓްރިލިއަނަށް އެރީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އަދި އޭގެ ދެ އަހަރު ފަހުން ދެ ޓްރިލިއަނަށް އެރިއެވެ. މިއީ ދުނިޔޭގެ ލެވެލްގައިވެސް ބޮޑު ރިކޯޑެކެވެ.

އެމެރިކާގެ ކެލިފޯނިއާގައި އުފެއްދި އެޕަލް ކުންފުންޏަކީ ދުނިޔެއަށް މަޝްހޫރު ބްރޭންޑެޑް ޓެކްނޮލޮޖިކަލް ޑިވައިސްތައް ވިއްކާ ކުންފުންޏެކެވެ. އެގޮތުން އައިފޯނާއި، އައިޕެޑް، މެކްބުކް އަދި އެޕަލް ވޮޗަކީ އެ ކުންފުނީގެ ފާހަގަކޮށްލެވޭ ޕްރޮޑަކްޓްތަކެވެ.

އެޕަލް ކުންފުނި އުފައްދާފައިވަނީ 1975 ވަނަ އަހަރު ސްޓީވް ޖޮބްސް އާއި، ސްޓީވް ވޮޒްނިއެކް އަދި ރޮނަލްޑް ވޭންގެ މަސައްކަތުންނެވެ. އަދި 1980ގައި އެ ކުންފުނީގެ ހިއްސާ ވިއްކަން ފެށި އިރު އެޕަލްގެ އަގަކީ 1.8 ބިލިއަން ޑޮލަރެވެ.

comment ކޮމެންޓް