މަޑަގަސްކަރައިން މޮރިޝަސްއަށް ދަތުރުކުރި ފްލައިޓެއްގެ ޑަސްބިން ތެރެއިން ތުއްތުކުއްޖަކު ފެނިއްޖެ

އެއާ މޮރިޝަސްގެ ބޯޓެއް -- ފޮޓޯ/ އެފްޓީއެންނިއުސް

މިދިޔަ ހޮނިހިރު ދުވަހު މަޑަގަސްކަރައިން މޮރިޝަސްއަށް ދަތުކުރި އެއާ މޮރިޝަސް ފްލައިޓެއްގެ ފާހާނާގައި ހުރި ޑަސްބިނެއްގެ ތެރެއިން ތުއްތުކުއްޖަކު ފެނިއްޖެއެވެ.

އެ ކުއްޖާ ފެނުނީ ފްލައިޓް މޮރިޝަސް އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުން، އެއާޕޯޓް އޮފިސަރުން އާންމު އުސޫލުން ބޯޓު ޗެކް ކުރަމުން ދަނިކޮށެވެ. އެގޮތުން ލެއިން ތަތްތެޅިފައި އޮތް ޓިޝޫއެއް ފާހާނާގެ ތެރެއިން ފެނުމުން އެ އޮފިސަރުން ޑަސްބިން ޗެކްކުރިއެވެ. އަދި ޑަސްބިނުގައި އޮތް ތުއްތުކުއްޖާ އޭގެއިން ނަގައި، އަވަސް ފަރުވާއަށް ހޮސްޕިޓަލަކަށް ފޮނުވިއެވެ.

އެ މައްސަލައާ ބެހޭ ގޮތުން މޮރިޝަސްގެ ފުލުހުން ފްލައިޓުގެ ފަސިންޖަރުންނާ ސުވާލުކުރިއެވެ. އަދި އެ ކުއްޖާގެ މަންމަ ކަމަށް ލަފާކުރެވޭ އަންހެނަކާވެސް ސުވާލު ކުރުމުން އޭނާ ފުރަތަމަ ބުނީ އެއީ އޭނާ ވިހެއި ކުއްޖެއް ނޫން ކަމަށެވެ.

ނަމަވެސް އެއީ އެ އަންހެންމީހާގެ ކުއްޖެއްކަން ފަހުން ހެދި ލެބޯޓަރީ ތަހުލީލުތަކުން ވަނީ އެނގިފައެވެ. މިވަގުތު އެ އަންހެންމީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި، ހޮސްޕިޓަލުގައެވެ.

މަޑަގަސްކަރައަށް ނިސްބަތްވާ އެ އަންހެންމީހާ މޮރިޝަސްއަށް ދަތުރުކުރީ ދެ އަހަރުދުވަހުގެ ވޯކް ޕާމިޓަކާ އެކުގައެވެ. އޭނާ ހޮސްޕިޓަލުން ދޫކުރުމަށްފަހު ދައުވާކުރުމަށް ވަނީ ނިންމާފައެވެ.

މަޑަގަސްކަރައަކީ ދިރިއުޅުމުގެ ހާލަތު ވަރަށް ދަށް ގައުމެކެވެ. އެގޮތުން އެ ގައުމުގެ އިގްތިސާދު ހީނަރުވުމުގެ ސަބަބުން ގިނަ ބަޔަކު އާމްދަނީ ހޯދުމަށާއި އެހެނިހެން ބޭނުންތަކަށް އެފްރިކާގެ އެހެން ގައުމުތަކަށް ހިޖުރަކުރެއެވެ.

comment ކޮމެންޓް