ޕެޓްރޯލް އެބަހުރި، ލަސްވުމެއް އައީ ލޯޑު ކުރުމުގައި: ވިލާ

ތިލަފުށީގައި އޮންނަ، ވިލާގެ ޖެޓީ ސަރަހައްދު --- ފޮޓޯ: ވިލާ ހަކަތަ

ވިލާ ކުންފުނީގައި އެކަށީގެންވާ ވަރަށް ޕެޓްރޯލް އެބަހުރި ކަމަށާއި ލަސްވުމެއް އައީ ކުންފުނީގެ ތެޔޮ ޓޭންކަރުން ދޯނިތަކަށް ތެޔޮ ލޯޑު ކުރުމުގައި ކަމަށް ވިލާ ހަކަތައިން ބުނެފިއެވެ.

އެފްއެސްއެމްއިން ޕެޓްރޯލު ވިއްކުން ކޮންޓްރޯލް ކުރުމަށްފަހު މިއަދު ބުނެފައި ވަނީ، އެކަން އެގޮތަށް ކުރީ ތެޔޮ ވިއްކާ އަމިއްލަ ދެ ކުންފުނިން ޕެޓްރޯލް ހުސްވެ، އެ ކުންފުނިތަކުގެ ކަސްޓަމަރުން އެފްއެސްއެމްއިން ޕެޓްރޯލް ގަންނަން ފެށުމުން ކަމަށެވެ.

އަމިއްލަ ކުންފުނި ތަކުގެ ގޮތުގައި ތެޔޮ ވިއްކަމުން ދަނީ ވިލާ ކުންފުންޏާއި ހޯކްސް އިންނެވެ.

ވިލާ ހަކަތައިގެ ސޭލްސް މެނޭޖަރު ބާސިލް ނަފީސް "ސަން" އަށް ވިދާޅުވީ ވިލާގެ ރަސްމީ ހުރިހާ ކަސްޓަމަރުންނާއި އަލަށް އަންނަ ކަސްޓަމަރުންނަށް ވެސް ޕެޓްރޯލްއާއި ޑީސަލް މިހާރުވެސް ތިލަފުށިން ދޫކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ލަސްވީ، ވިލާ ސިމެންތި އާއި ތެލުގެ ޝިޕްމަންޓް އެއް ވަގުތެއްގައި އައުމުގެ ސަބަބުން ޖެޓީއަށް ބާރުބޮޑުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ފަސް ވަރަކަށް ބޯޓު އެއްފަހަރާ ބާއްވައިގެން ލޯޑުކުރެވޭކަން ފާހަގަ ކުރައްވަމުން ބާސިލް ވިދާޅުވީ މިވަގުތު ސިމެންތި ބޯޓު އޮތުމުގެ ސަބަބުން ލޯޑު ކޮށްލެވެނީ އެއް ދޯންޏަށް ނުވަތަ އެއް ޓޭންކަރަށް ކަމަށެވެ.

ވިލާގެ ތެޔޮ ޓޭންކަރު އަންލޯޑުކޮށް ނިންމީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު 2:00 ގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދޭއް ޖެހިއިރު ނިންމާފަ، އެޔާއެކު ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގެ 4 ޖެހިއިރު އަޅުގަނޑުމެން ކައިރި ކޮށްފިން އަޅުގަނޑުމެންގެ ސިމެންތި ބޯޓު. ތެޔޮ ބޯޓުގައި އަޅުގަނޑުމެން ގެނައި ޑީސަލްއާ ޕެޓްރޯލްއާ، އަޅުގަނޑުމެން ހަމަ ގެންނަ ރަސްމީ ޝިޕްމަންޓް،" ބާސިލް ވިދާޅުވިއެވެ.

ބާސިލް އިތުރަށް ވިދާޅުވީ އޭގެ ޝިޕްމަންޓް މިދިޔަ ހުކުރު ދުވަހު ސްޓޮކަށް ވައްދާފައިވާކަމަށެވެ.

ތިލަފުށީގައި އޮންނަ ވިލާގެ ރަސްމީ ޖެޓީއަށް ބާރު ބޮޑުވުމުގެ ސަބަބުން، ފަހަތު ޖެޓީއަށް ސްޓޮކް ބަދަލު ކޮށްގެން، ފަހަތު ޖެޓީތަކުން ތެޔޮ އަރުވަމުން އެބަ ގެންދާކަމަށް ބާސިލް ވިދާޅުވިއެވެ.

މީގެ އިތުރުން ބާސިލް ވިދާޅުވީ ވިލާގެ ޕެޓްރޯލާއި ޑީސަލް އަދި ސިމެންތިއާއި ދަގަނޑު ވެސް ބޭނުންވާ މިންވަރަށް ސްޓޮކްގައި އެބަހުރި ކަމަށެވެ. ވިލާ އަށް ދިމާވެގެން އުޅޭ ހަމައެކަނި މައްސަލައަކީ ޖެޓީއަށް މިވަގުތަށް ބާރު ބޮޑުވުންކަން އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް