ފަހި ދިރިއުޅުމުން އަޅާ 4،000 ފްލެޓު އަޅާނީ 18 ފްލޯގެ 32 ޓަވަރުގައި

ހިޔާ ފްލެޓް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން އިމާރާތް ކުރާ 4،000 ހައުސިން ޔުނިޓު އަޅާނީ 18 ފްލޯ ހިމެނޭ 32 ޓަވަރުގައި ކަމަށް، އެ މަޝްރޫއު ހިންގާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިއަދު ބުނެފިއެވެ.

އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕްރޭޓް އެފެއާޒް މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ "ސަން"އަށް ވިދާޅުވީ މި ފްލެޓުތައް އަޅާނީ އިންޑިއާ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި ފްލެޓު އެޅުމަށް ބޭނުންވާ ލޯނު މިހާރު ލިބިފައިވާ ކަމަށާއި މަސައްކަތަށް ބޭނުންވާ ސާމާނު ލިބުނުހާ އަވަހަކަށް މަސައްކަތް ފަށާނެ ކަމަށް ވެސް ޝަމޫލް ވިދާޅުވިއެވެ.

ފްލެޓުތައް އަޅަން އެފްޑީސީން ހަވާލުކޮށްފައިވަނީ ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި (އެންބީސީީސީ)އާއި ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. އެެއިން ކޮންމެ ކުންފުންޏަކާ 16 ޓަވަރު ވަނީ ހަވާލު ކޮށްފައެވެ.

އެންބީސީސީއާއެކު މަސައްކަތުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ ފެބްރުވަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެ ކުންފުނިން މަސައްކަތް ނިންމަން ޖެހޭނީ 900 ދުވަހުންނެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއާ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ މާޗު މަހުގެ އަށްވަނަ ދުވަހުއެވެ. މި މަސައްކަތް 1125 ދުވަސްތެރޭ ނިންމަން ޖެހޭނެއެވެ.

މި ދެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ ތިން ކޮޓަރީގެ 1400 ފްލެޓާއި ދެ ކޮޓަރީގެ 600 ފްލެޓު އެޅުމަށެވެ. ތިން ކޮޓަރީގެ ފްލެޓުތަކުގައި 900 އަކަފޫޓު ހުންނާނެއެވެ. އަދި ދެ ކޮޓަރީގެ ފްލެޓުތަކުގައި 650 އަކަފޫޓު ހުންނާނެއެވެ.

"މިހާރު ޑިޒައިނިންގެ މަސައްކަތް އެ ދަނީ ކުރިއަށް. އެހެންވީމަ ޑިޒަައިނިން ނިންމާލީމަ ސީދާ ފްލޯ ލޭއައުޓެއް އަޅުގަނޑުމެންނަށް ޕަބްލިކަށް ޝެއާ ކޮށްލެވޭ ވަރު ވާނީ،" ޝަމޫލް ވިދާޅުވިއެވެ.

ފްލެޓުތައް އަޅަން ބޭނުންވާ ސާމާނު ލިބުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފަށާނެއެވެ. އެގޮތުން ޖޭއެމްސީން އަޅާ ފްލެޓުތަކަށް ބޭނުންވާ ސާމާނު އަންނަ ހޯމަ ދުވަހު ރާއްޖެ ގެންނާނެއެވެ. އެހެންކަމުން އަންނަ މަހުގެ ފަހުކޮޅު ނުވަތަ މާޗު މަހު ކުރީކޮޅު އެ ކުންފުނިން އަޅާ ފްލެޓުތަކުގެ ބިންގާ އަޅާނެ ކަމަށް އެފްޑީސީން ބުނެއެވެ.

އެންބީސީސީގެ ފްލެޓުތަކުގެ ސާމާނު އަންނަ މަހުގެ ކުރީކޮޅު ލިބޭނެ ކަމަށާއި އަންނަ މާޗު މަހުގެ މެދު ތެރޭގައި ބިންގާ އަޅާނެ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

މި ފްލެޓުތައް އަޅަން އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރު ދީފައިވެއެވެ. އެއީ 116.45 މިލިއަންއާއި 110.5 މިލިއަން ޑޮލަރުގެ ލޯނެކެެވެ.

މި ސަރުކާރުން ވައުދުވެފައިވަނީ ފަސް އަހަރުތެރޭގައި މާލެ ސަރަހައްދުގައި 13،000- 15،000 ފްލެޓު އަޅާށެވެ.

comment ކޮމެންޓް