އިންސާފުގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަންޖެހޭ: ޖަމީލް

ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

އިންސާފު ގާއިމު ކުރުމުގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުވައިގެން ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލު ކޮށްފައިވަނިކޮށް، ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ތަކުރާރުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާ ނުހައްގު ދައުވާތަކާމެދު ކަންބޮޑުވާ ކަމަށެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނޭ، ޖަމީލްގެ ޓްވީޓުގައި ވަނީ ނިމި ދިޔަ ތިން އަހަރު ތެރޭގައި އިންސާފު ގާއިމު ކުރަނީ ކަމަށް ބުނެ މިނޫން ކަމެއް ކުރެވިއްޖެތޯ ސުވާލު އުފައްދަވާފައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހިންގާ އެފަދަ އަމަލުތައް ދުނިޔެ ދެކެނީ އުތުރު ކޮރެއާއާ އެއްގޮތަށް ކަމަށެވެ.

މިހާތަނަށް ރައީސް ޔާމީންގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ. އެންމެ ފުރަތަމަ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމް، މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމު ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

comment ކޮމެންޓް