ތަރައްގީގެ މަޝްރޫއަށް އެޗްއެސްބީސީން އެމްޑަބްލިޔުއެސްސީއަށް 154 މިލިއަން ރުފިޔާގެ ލޯނެއް

ބ. މާޅޮހު ފެނާއި ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

ރާއްޖޭގެ 20 ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޓަކައި، އެޗްއެސްބީސީ މޯލްޑިވްސް އިން، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އަށް ފަންޑު ހަމަޖައްސައިދީފިއެވެ.

އެޗްއެސްބީސީން ވަނީ މި މަޝްރޫއުތަކަށް 10 މިލިއަން ޑޮލަރު ނުވަތަ 154 މިލިއަން ރުފިޔާގެ ލޯނު އެހީ ފޯރުކޮށްދީފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި ފަންޑު ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއިން އެ ކުންފުންޏާ ހަވާލުކޮށްފައިވާ، ރާއްޖޭގެ 20 ރަށަކަށް ފެނާއި ނަރުދަމާ ގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއުތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިންގެ ހިދުމަތް ދިނުމަށް ކަމަށެވެ.

މިއީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ފޯރުކޮށް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން އެމްޑަބްލިޔުއެސްސީން ފާހަގަކުރެއެވެ.

މިކަމާ ގުޅިގެން އެޗްއެސްބީސީގެ ރާއްޖޭގެ މެނޭޖަރު ދިލްޝަން ޕެރޭރާ ވިދާޅުވީ ތަރައްގީގެ މި މަޝްރޫއުތަކަކީ ދިވެހި މުޖުތަމައުގެ ބޮޑު ބަޔަކަށް މަންފާ ކުރާނެ، ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ މަޝްރޫއުތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވޭ، އެމްޑަބްލިޔުއެސްސީއާ ގުޅިގެން މި މަޝްރޫޢު ކާމިޔާބު ކުރުމަށްޓަކައި ހިއްސާ ވެވޭތީ. އެޗްއެސްބީސީން މި އަންނަނީ ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި އެކި ގޮތްގޮތުން ދިވެހި ގައުމަށް އެހީތެރިވަމުން،" ދިލްޝަން ޕެރޭރާ ވިދާޅުވިއެވެ.

ދައުރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދަކަށް ވާއިރު، ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ކުންފުނިތަކާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް