"އުއްމީދު ގެއްލުވާނުލާށެވެ. ތިބާގެ ދަތުރުގައި ހުރަހެއްކަމުގައި ފަރުބަދައެއް ވިޔަސް އެ ފަރުބަދަ ހެއްދެވި ފަރާތަށް ދުޢާކުރާށެވެ. ދުޢާއަކީ އެންމެ ބާރުގަދަ ހަތިޔާރެވެ."

***

"އަހަރެން މިއުޅެނީ މި އެއްޗެހި ހިލޭ ބަހައިލަން. މުޅި ދުނިޔެއަށް. ސަދަގާތުގެ މަސައްކަތަށް....." ކައިލް އެއްޗެކޭ ބުނުމުން ނޯރާ ލޯ ބޮޑުކޮށްލއެވެ. އޭނަގެ އެ މާނައިން ފުރިގެން ވީ ބެލުން ނޯރާއަށް އަންގައިދިނީ ކައިލް އެ ދިނީ އޭނަ ކުރިން ކުރި ސުވާލުގެ ޖަވާބުކަމެވެ.އާވާއާއި ކުރަން އުޅޭ ކަވެނީގެ ވާހަކަ ދެކެވުނު ސަބަބަކީ އެއީއެވެ. ހައިތަމް އެހާވެސް ބޮޑަށް ކައިލްއަށް އިތުބާރުކުރީ ހަގީގަތް ނޭގިއެވެ.

"ތިއީ ގާނޫނީ ކުށެއް. ނޫންތަ؟" ނޯރާ ނުތަނަވަސްވިއެވެ.

"އެމީހުން ބޭނުންކުރާ ފައިސާއަކީވެސް އިލީގަލް އެއްޗެއް. ސްލަޝް ފަންޑުތައް ގާނޫނީގޮތުން ހުއްދަނޫން ކަންތައްތަކަށް ބޭނުންކޮށް އެމްބެޒްލްޑް މަނީ ޔޫޒްކޮށް.ނުކުރާ ކަމެއް ނެތް....ވިންޓަރފެލްގައި އޮތީ ކޮރަޕްޓް ބިޒްނަސްއެއް..."ކައިލްއަށް އެންމެންގެ ސަމާލުކަން ހުރިއިރު އެންމެން ތިބީ ބުނާނެ އެއްޗެއް ނޭގި ގަނޑުވެފައެވެ.

"ތިއީ ހަމަ ތެދެއްތަ؟" ނާޔަލްގެ ނަޒަރު ހުއްޓިފައިވީ ސެންޓު ފޮށިތަކަށެވެ." މިއިން މިލިއަނުން ލިބޭނެއްނު.

"މިކަން ފުލުހުންނަށް ދޫކޮށްލަންވީނު..." ކައިލް ކުރަން އުޅޭ ކަމެއް ވިސްނުމަކަށް ނައިސް އިން ނޯރާ ލަފާދިނެވެ.

"ފުލުހުން؟ އެމީހުންނަކީ އެ އާއިލާއަށް ވިކި ހުސްވެފައި ތިބި ބަޔެއް...ހައިތަމްއަކީ މިލިޓަރީ މަތީ މަގާމެއްގައި ހުރި މީހަކަށްވުމުން ހީކުރާވަރަށްވުރެ ބޮޑަށް އެމީހުންގެ މައްޗަށް އޭނަގެ ނުފޫޒާއި ބާރު ހިނގާނެ. ހަމައެކަނި ފުލުހުންނަކަށް ނޫން. ސަރުކާރަށްވެސް....." ކައިލް ބުނެދިނެވެ.

"ކައިލް. އެކަމަކު ހައިތަމްއަށް މިކަންތައް އެނގިއްޖެއްޔާ؟ ރަގަޅަށްވެސް އޭނަ މީގެ އޯނާޝިޕް ދިނީތަ؟" މިކާލްގެ ސުވާލަށް ކައިލް ބޯ ޖަހައިލިއެވެ.

"އެންގޭޖްމެންޓް ހަދިޔާއެއް ގޮތަށް ތަބަކަށް ލާފައި ދިނީ...."

ކައިލް އިންސާނުންނާއި ކުޅެލާގޮތް މިކާލްއަށް ދަސްވެފައިވިޔަސް މިއީ އަދި ވަރަށް ނުރައްކާތެރިކަމެކެވެ. އޭނަ މި ކުޅިގަނޑު ކުޅެނީ ވިޔަފާރީގެ އެންމެ މަތީ ފަޑީގައި ތިބި މީހުންނާއެވެ. އަދި އެވެސް ވިޔަފާރީގެ ފަހަތުގައި އަސްކަރީ ބާރެއް ހުރި ބަޔަކާއެވެ. އެމީހުން ގެ މިލްކުގައި ހިމެނެނީ ހަމައެކަނި ސެންޓު ވިޔަފާރިއެއް ނޫނެވެ. އެފަދަ ކިތަންމެ ކަމެކެވެ.

"އެކަމަކު މިގޮތަށް އޭނަގެ ލޯބިވާ ސެންޓުގެ ވިޔަފާރި ކުރާނެކަމަކަށް އުއްމީދެއް ނުކުރާނެ. ބަފާބޭގެ ގޮތުގައި އޭނަ ވަރަށް ބޮޑަށް އިތުބާރުކުރިހެން ހީވޭ..." އިސްހާގު ވިސްނިއެވެ. ކައިލް ކުރަން އުޅެނީ ކޮންކަމެއް ހެއްޔެވެ؟ ކައިލް އެހީކުރާފަދަ ޝައިތާނީ ތަނަކަށް ވިންޓަފެލް ނުވެއްޖެނަމައެވެ. އަނާލިއާ އަދި މަހުމޫދުއާއި ވިންޓަރފެލްއާއި އެއްވެސް ގުޅުމެއް ނެތްނަމައެވެ. އަދި ހަގީގަތުގައިވެސް އަނާލިއާގެ ގާތިލަކީ މަހުމޫދުއަށް ވެއްޖެއްޔާ ހަދާނީ ކިހިނެއްހެއްޔެވެ؟

"ކައިލް..ވިންޓަރފެލްއާއި ދެކޮޅަށް ތިހާ ބޮޑު ފިޔަވަޅެއް އެޅުމުގެ ކުރިން މަހުމޫދުގެ ހަނދާން އަނބުރާ އަންނަންދެން އިންތިޒާރެއް ނުކުރެވޭނެތަ؟" އިސްހާގުގެ އަޑުގައި ވީ ކަންބޮޑުވުމުގެ އަސަރެވެ.

"ޓްރަސްޓްމީ އިސްހާގު.."ކެއުން ނިންމައިލުމުގެ ކުރިން ކައިލްގެ އެންމެ ފަހު ޖުމްލައަކީ އެއީއެވެ. އޭނަވަނީ އޭނަގެ މަންމަގެ ކުރެހުންތަކުގެ ތެރެއިން ވިންޓަރފެލްގެ ތަސްވީރުތައް ފެނިފައެވެ. އެ އާއިލާ އެ މައްސަލައިގެ ތެރެއަށް ވަދެފައިވާކަމުގެ ހެއްކެކެވެ. ހުރިހާކަމެއް ލޮލުގެ ކުރިމަތީގައި އެތުރިފައިވަނިކޮށް ދެކެ އެކަން ދޭހަނުވާނީ ސިކުނޑި ހަމަނުޖެހޭ މީހަކަށެވެ. މަހުމޫދު ކޮންމެހެން އެކަން އޭނައަށް ޔަގީންކޮށްދޭކަށް ނުޖެހޭނެއެވެ. އެކަމަކު ކަންތައް އެހެން ކޮޅަކަށް ދަންޏާ ހެކިވެރިއެއްގެ ގޮތުގައި މަހުމޫދު ފުދޭނެއެވެ.

***

ކައިލް އިސްހާގު އާއި ހައިތަމްގެ އަންހެންދަރިފުޅުގެ ކައިވެނީގެ ޚަބަރުތައް އަންހެންވެރިންގެ ތެރޭ ހޫނު މައުޟޫއަކަށްވެ އިސާހިތަކު ފިރިހެނުންނާއި ހަމަޔަށްވެސް ފޯރައިފިއެވެ. ހިކި ޖަންގައްޔެއްގައި ރޯވި އަލިފާންގަނޑެއްފަދައިން އެ ޚަބަރު ފެތުރުނީ ދާދި އަވަހަށެވެ. ކައިލް އެމީހުންގެ ދަނބިދަރިއަކަށް ހެދުމުގެ ފުރުސަތު ގެއްލުނީތީ އެހެން އާއިލާތަކުން ހަސަދަވެރިވިއެވެ. އެއްވެސް މީހަކު ކައިލްގެ ނަން ގަނެފިއްޔާ ޒައިނަބު ކުރިއަށްވުރެ ފަޚުރުވެރިވެއެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ފުރިހަމަ ދަނބިދަރިފުޅެވެ. އެހާވެސް އަޚުލާގު ރަގަޅު ޒިންމާދާރު އެހާ ޅަ އުމުރުގައި ކާމިޔާބު ޒުވާނެކެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްފައިވާ ސްވިޒަލޭންޑްގެ އަލްޒެއިމާސް ފައުންޑޭޝަން، ދަ ގްލައުކޯމާ ރިސާޗް ފައުންޑޭޝަން އަދިވެސް އެފަދަ އެތައް ސަދަގާތުގެ ކަންކަމަށް މިލިއަނުން ފަންޑުކުރާތީ އެ ޒުވާނާއަށްޓަކާ ޒައިނަބުގެ ހިތް ފިދާވާ ވަރުވިއެވެ. ކައިލްއާއި އާވާގެ ކައިވެނީގެ ކަންތައްތައް ނިންމަން އޭނައަށް ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ. އެކަމަކު ޒައިނަބު އަމިއްލައަށްވެސް ދެކުނީ އާވާފަދަ ގޮތްދޫނުކުރާ ހަރުދަނާކަމެއްނެތް މާމަ އަންހެންދަރިއާއި އެކަށީގެންވާވަރަށް ވުރެ ކައިލް މާ ރަގަޅުކަމަށެވެ.

ޒައިނަބު ވިންޓަރފެލް އިމާރާތުގެތެރޭގައި ހުރި އޭނަގެ ހައިބަވަންތަ އޮފީހަށް ވަދެގެން ދިޔައިރު ދަރިފުޅު ހައިތަމް އޭނަގެ އިންތިޒާރުގައި އިނީ މަންމަ ލައްވާ ސޮއިކުރުވަން ޖެހޭ އެތައް ކަރުދާސްތަކާއި ފައިލްތަކެއް ހިފައިގެންނެވެ. އޯކިޑާއި ޓިއުލިޕް ގަސްތައް އިންދާފައި ހުރި މުށިތަކަށް ޒައިނަބުގެ ލޯ ހުއްޓުނެވެ.

"ކީއްވެ ހައިތަމް؟ ކޮންފަދަ ޕްލެޒެންޓް ސަޕްރައިޒެއް. މަންމަ ވަރަށް އުފާވެއްޖެ...." މޫނަށް އަލިވެގެން ދިޔުމާއެކު ޒައިނަބު މުށިތަކާއި ދިމާލަށް ދިޔައެވެ.

"އޯ....ތިއީ ކައިލްގެ ފަރާތުން ލިބުނު އެއްޗެއް މަންމާ. އޭނަގެ ޕީއޭ އަމިއްލައަށް ތި ރައްދުކޮށްދޭން އައީ.." ހައިތަމްގެ ލަފުޒުތަކުން ޒައިނަބުގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ."އޯ....އެންމެ ރަގަޅު ދަނބިދަރިއެއް ނޫންތަ މި ލިބުނީ؟"

ޒައިނަބު އެ މާތަކުގެ ފިޔަތަކުގައި މަޑުމަޑުން އަތްލިއެވެ." އެންމެ ލޯބި ކުއްޖާއެއްނޫންތަ ހައިތަމް....."

ދޮރުގައި ޓަކިދިން އަޑު އިވުމުން ޒައިނަބު އެނބުރިފައި ހައިތަމްއަށް ބޮލުގެ އިޝާރާތުން އެންގިއެވެ.

"އެތެރެއަށް ވަދޭ.." ހައިތަމް އެންގިއެވެ.

އައިޒަކް އެތެރެއަށް ފިޔަވަޅު އެޅިއިރު އެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސްކަމުގެ ކުލަވަރެވެ.

"މާމާ. އަޅުގަނޑުމެންގެ ސެންޓު ވިޔަފާރި ކައިލްއާއި ހަވާލުކުރީތޯ؟ކީއްވެތޯ؟" އައިޒަކް ސުވާލުކުރިއިރު ހަސަދަވެރިކަމުގެ ކުލަ ކޮންމެވެސް ވަރަކަށް ޖެހިފައިވިއެވެ.

"އެއީ އައިޒަކްއަށް މައްސަލައެއްތަ؟" ހައިތަމްގެ ސުވާލުން ބޮޑުބޭބެވެސް އެތާ ހާޟިރުވެ ހުރިކަން އައިޒަކްއަށް ރޭކާލިއެވެ.

"އޯ އަންކަލް...މިތަނުގައި ތޯ؟" އައިޒަކް ވާހަކަދެއްކީ އަދަބުވެރިކަމާއެކުގައެވެ." ނޫން އެއީ މައްސަލައެއްނޫން އެކަމަކު އަޅުގަނޑު ވަރަށް ހައިރާންވި...."

ޒައިނަބު އައިޒަކްއާއި ދިމާލަށް އަތްތިލަ ހިއްލައިލިއެވެ." ބޭކާރު ވާހަކައެއް އައިޒަކް. އަބަދުވެސް އައިޒަކް މާނައެއް ނެތް ވާހަކަތަކާއިގެން އަންނާނެ. ފިކުރުކޮށް ކަންބޮޑުވާންވީ އެއްވެސް ކަމެއް މިއަކު ނެތް. ކައިލްއަށް މާ ރަގަޅަށް އެ ވިޔަފާރި ކުރިއަށް ގެންދެވޭނެ. ދާދި އަވަހަށް އޭނައަކީ އާވާގެ ފިރިމީހާ ކަމުގައިވާނެ. އެހެންވީމަ އެއީ ބީރައްޓެއްސަކަށް ހަދައިގެން އޭނަގެ ނަން ނުކިޔާ. އޭނައަކީ މިހާރު ހަމައެކަނި އައިޒަކްގެ ކްލާސްމޭޓް ނޫނީ އެކުވެރިޔާއެއްވެސް ނޫން. އެހެންވީމަ އޭނައަށް ތަންކޮޅެއް އިހުތިރާމްކޮށްބަލަ..." ޒައިނަބުގެ ވާހަކަތަކުން އޭނަގެ ލޭ އޮހެމުންދާ ޒަޚަމްތަކަށް ލޮނު އެޅެވުނު ފަދައެވެ. ކައިލް އަތުލައިގަތީ ހަމައެކަނި ނޯރާގެ ހިތެއް ނޫނެވެ. އޭނަގެ މާމައާއި ބޮޑުބޭގެ ހިތް ދަމައިގަތުމުގައިވެސް ކައިލް ކާމިޔާބު ހޯދައިފިއެވެ. ކޮންފަދަ ބޮޑު އުދަގުލެއް ހެއްޔެވެ؟ ޔަގީނުންވެސް އޭނަގެ ފަޚުރު ކަތިލެވިއްޖެއެވެ. އަލުން ނުބެދޭވަރަށެވެ.

***

ހަފްތާއެއް ފާއިތުވެގެން ދިޔައީ ލަސްލަހުންނެވެ. އަދި އެއްވެސް އުދަގޫތަކާއި ދަތިކަމެއް ނެތިއެވެ. އެކަމަކުވެސް ކައިވެނިދެކެ ބިރުން ހިތް ވިރިވިރި ހުރި ނޯރާއަށް އެ ހަފްތާ އުދުހިފައި ދިޔައީ ލޮލު އެސްފިޔަޖަހާހާ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ކައިވެނީގެ ތާރީޚު ކައިރިވަމުން އަންނާތީ އަދި ބައްޕަ ބަލިވެ އުޅެ ފަރުވާ ދެމުންދާތީ ހުރިހާ ސްޓްރެސްއެއް ބޮލުގައި އަޅައިގެން އޭނަގެ ކެތްތެރިކަމުގެ ތަށި ބަންޑުންވާން ކައިރިވެއްޖެއެވެ. ކައިލްއަށްޓަކާ ހިތުގައި އުފެދި ބޮޑުވަމުންދާ އިހުސާސްތަކާއި ދެކޮޅަށް ހަގުރާމަކުރާއިރު ކައިލް ދެނެހުރިކަމަށް ހަދާނުލައެވެ. އަދި އެނގުނަސް އޭނައަށް ފަރުވާލެއްނެތް ކަމަށް ދައްކާނެކަން ޔަގީނެވެ.

ކައިލް އަވަދިނެތި އުޅެމުންދިޔައީ ވިޔަފާރީގެ ދުނިޔޭގައި ހައިތަމްއާއި އޭނަގެ އެކުވެރިންނާއެކު ބައްދަލުވުންތަކާއި ނޯރާ ދުވަހަކު އަޑު ނާހާފަދަ ތަންތަނަށް ދިޔުމުގައެވެ. ޕްޓެރިކޯ އުދުހެމުން ދިޔައީ އެންމެ އުހުގައެވެ.

މަހުމޫދުގެ ހަނދާންތައް މަޑުމަޑުން އަންނަ ވަރަކަށް އެމޫނުމަތިން މޮޅިވެރިކަމާއި ތަދުތައް ފެންނަވަގުތު ގިނަވާންފެށިއެވެ. އަދި ބައެއްފަހަރު ޚިޔާލުތަކަށް ގެއްލިފައި އެތައް އިރެއްވާންދެން އިނދެފާނެއެވެ. އެކަމަކު ނޯރާ ނުވަތަ ނާޔަލް ސުވާލުކޮށްފިއްޔާ ބުނާނީ ހަނދާންތައް އަދިވެސް އޮޅުން ބޮޅުންވެފައިވާ ކަމަށާއި އަދިވެސް މާ ބޮޑުކަމެއް ހަނދާން ނުވާކަމުގައެވެ. އޭނަ އެ ހާލަތަށް އައި ސަބަބުވެސް ނޭގޭ ކަމަށެވެ. އެކަމަކު ކޮންމެވެސް ސަބަބަކާއިހުރެ ނޯރާއަށް އިހުސާސްވަނީ އޭނަގެ ބައްޕަ އެމީހުންނަށް ކޮންމެވެސް ކަމެއް ފޮރުވާ ކަމަށެވެ. އެކަމަކު ހަނދާންކުރަން ބާރުއަޅައިގެން ބައްޕައަށް އިތުރު އުދަގޫތައް ޖައްސާ އިތުރު ތަދެއް ވާކަށް އޭނަވެސް ނޭދެއެވެ. ކޮންމެގޮތެއްވިޔަސް ކައިލްއަށް ރާއްޖެއިން މަހުމޫދު ފެނުނުއިރާއި ބަލާއިރު އޭނަގެ ހާލަތު ބޮޑުތަން ރަގަޅެވެ. ނާޔަލް އޭނަގެ ބައްޕަގެ އިސްތަށިގަނޑާއި ތުނބުޅި ކޮށާލުމުން ނޯރާއާއި ނާޔަލް އަބަދު ދެކެމުން އައި ބައްޕައާއި މަހުމޫދު ވައްތަރުވިއެވެ. އެދެބެން ލަވެންޑަރއަށް އައުމާއި ދިޔުން ވީހާވެސް ސިއްރުކޮށް ބާއްވަންވެސް މަސައްކަތްކުރެއެވެ. އެމީހުން ވަޒީފާ އަދި ގޭގައި ނެތުމުގެ އުނިކަން އެތަނުގެ އަހުލުވެރިންނަށް ފާހަގަވިޔަކަ ނުދެއެވެ. އައިޒަކްއާއި އާވާ ފިޔަވައެވެ. ނޯރާ ބައެއްފަހަރު އެހާ ގިނައިރުވަންދެން ގެއްލޭތީއާއި އަވަދިނެތި އުޅެނީ ކޮންކަމަކުތޯ އައިޒަކް ވަރަށް ވިސްނައެވެ. ބުނެވުނުގޮތުން ނޯރާ އެ ޗުއްޓީ ނެގީ ކައިވެނީގެ ތައްޔާރީތައް ވުމަށެވެ. އެކަމަކު އެކަމާއި ނޯރާ އުޅޭތަނެއް ނުފެނެއެވެ. ދެން ހުރީ އާވާއެވެ. އޭނަ ހަނދާންވަނީ ނާޔަލްއެވެ. ކުރިން ދޭތެރެއަކުން ނޯރާއާއި ބައްދަލުކުރަން ވިންޓަރފެލްއަށް އަންނަ ޒުވާނާ އެންމެފަހު އޮތް ރޭގަނޑުގެ ކެއުމުގެ ހަފްލާއަށްފަހު އެގެއިން ފެނިފައެއްނުވެއެވެ. ނާޔަލްގެ މަތިން ޚިޔާލުކުރެވި އެކަން ހިތަށް އުދަގޫކުރާވަރުން ނޯރާގެ ގާތުން ނާޔަލްއާއި ބެހޭގޮތުން އޮޅުން ފިލުވަންވެސް ބޭނުންވިއެވެ. އެކަމަކުވެސް އޭނަގެވެސް އެހެން ފަޅިއެއްވެއެވެ. އަންހެންކުއްޖެއްގެ ހުންނަ ލަދުރަކި ޖެހިލުންވާ ބައި ކޮންމެވެސް ވަރަކަށް ހުރުމުން އެކަމުން ދުރުހެލިވީއެވެ. ނޯރާގެ ބޭބެއަށްޓަކާ ހިތުގައި ފޮރުވިފައިވާ އިހުސާސްތައް ނޯރާއަށް އަންގަން ބޭނުމެއްނުވިއެވެ. ނޯރާ އެކަމާއި ނުރުހިއްޖެނަމައެވެ. ނޯރާ އޭނަގެ ބޭބެގެ ގާތުގައި ބުނެގެން ނާޔަލް ނުރުހިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ދެބެންނާއިއޮތް އެކުވެރިކަމުގެ ގުޅުން ކަނޑައިލާކަށް އާވާވެސް ބޭނުމެއް ނޫނެވެ. އުމުރުގައި ބޮޑު ތަފާތެއް ހުރި ނާޔަލްއަށް އޭނަގެ ހިތުގައިވާ އިހުސާސްތައް ބުނެދޭން ލަދުވެތިކަން އެކަމަށް ހުރަސް އަޅުވާފައި ބާއްވަންވީހެއްޔެވެ؟

***

އައިޒަކްއާއި ސާރާގެ ގުޅުންވެސް ވަކި ބަދަލެއް ނައިސް ހަމަ އޮތްގޮތުގައި އޮތީއެވެ. އަދި އެރޭ އައިޒަކް ޔޫނުސްގެ މޫނުމަތީ ޖެހި އެތިފަހަރަށްފަހު ސާރާ އުޅުނީ ފާޑަކަށް ދުރުހެލިވެގެންނެވެ. އޭނަގެ ކުރިމައްޗަށް ނާރަން މަސައްކަތްކުރާފަދައެވެ. އެކަމާއި އައިޒަކްގެ ފަރުވާލެއް ހުރީއެއް ނޫނެވެ. ހެނދުނު ނާސްތާ ގެނައުންފަދަ ކުދި ކަންތައްތައް ސާރާ ހުއްޓާލައިފިއެވެ. ފިރިމީހާދެކެ އިންތިހާއަށް ލޯބިވާ ކުއްޖެއްކަމަށް ދައްކަމުން އައި ކަމަށް އައިޒަކްއަށް ވަނީ ގަބޫލުކުރެވިފައެވެ. ހަގީގަތުގައި އައިޒަކް އަމިއްލަ ނަފުސްވެސް އެއްބަސްވާގޮތުން ބައެއް ދުވަހު ހެނދުނު އޭނަ ސާރާ މަތިން ހަނދާންވެއެވެ. އާއްމުކޮށް އެކުއްޖާ ޓަކިދޭ އެ މަޑު މަޑު އަޑެވެ. އަދި ބައެއްފަހަރު ދޮރުމަތިން އެ ފިޔަވަޅުތަކުގެ އަޑު އިވިލާނެކަމަށް އިންތިޒާރުކުރެވުނެވެ. ޓަކީގެ އަޑު އިވެނީ ސާރަގެ ފިޔަވަޅުގެ އަޑު ކެނޑޭތާ އިރުކޮޅެއްފަހުންނެވެ. އައިޒަކްގެ ގާތު ބުނަން ޖެހޭ އެއްޗެއް ވިސްނުމަށްޓަކާ ނޫނީ މޫނަށް ދޮގުވެރި ކުލަވަރެއް ވެރިކޮށް ހީލަން ތައްޔާރުވަނީ ނޫންކަމެއްވެސް ނޭގެއެވެ

***

ޔާސްމީންއާއި ލިއާނާ އެމީހުންގެ ދަރިންގެ ކައިވެނީގެ ތައްޔާރީތަކުގައި އަވަދިނެތި އުޅެމުންދިޔައެވެ. ހަފްލާ ބާއްވާނެ ތަނަކީ ސްވިސްގެ ހިތްގައިމު ރިޒޯޓެކެވެ. އެމީހުން ދެކުނު ގޮތުން ހުރިހާކަމެއް ކުރިޔަށް ދަނީ އޮމާންކޮށެވެ. ކުރިއަށް އޮތީ ކޮންފަދަ ގަދަ ކަނޑެއްކަމާއިމެދު އެމީހުންނަށް ހިލަމެއްނުވެއެވެ.

***

އައިޒަކް ބޯންވެގެން ނެގި ޖޫސްތަށި އަލުން މޭޒުމަތީ ބެހެއްޓީ ސާމިރު ކޮޓަރިއަށް ވަންތަން ފެނިފައެވެ.

"ކުޑަ ސާހަބް. އަޅުގަނޑަށް އެ މަންޒިލް ހޯދިއްޖެ. އެއީ މިސްޓަރ ކައިލްގެ މިލްކުވެރިކަން އޮތް ބޮޑު ބިމެއް. ނަމަކީ ލަވެންޑަރ...." ސާމިރުގެ ހޯދުންތަކުގެ ރިޕޯޓް އިއްވައިލިއިރު ފަޚުރުވެރިގޮތެއް މޫނުމަތިން ފެނުނެވެ." އަދި ފެނުނު ކަންތައްތަކުން އެނގުނީ ނޯރާގެ ބޭބެ ޑޮކްޓަރ ނާޔަލްވެސް މިސްޓަރ ކައިލްގެ ގެއަށް ގިނަގިނައިން ޒިޔާރަތްކުރާކަން...."

އެހެން ލާފައި ދިޔަ އާވާއަށް ނާޔަލްގެ ނަން އިވުމާއެކު ދެލޯ ބޮޑުވިއެވެ. ނާޔަލް ކައިލްގެ ގެއަށް ދަނީހެއްޔެވެ؟ ކީއްކުރަންހެއްޔެވެ؟ އޭނަގެ ޝައުގުވެރިކަން ހުރިހާކަމަކަށްވުރެ ބޮޑުވިއެވެ.

ހަގީގަތުގައި އެދުވަހު ނޯރާގެ ފަހަތުން އޭނަގެ ޕާސަނަލް އެސިސްޓެންޓް ސާމިރު ފޮނުވީ ނޯރާ އުޅޭގޮތާއި ކުރާކަމެއް ބަލާ ނުލާ ނުހުރެވި ކެތްތެރިކަން ކޮޅުންލައިގެން ދިޔުމުންނެވެ. ހޮސްޕިޓަލުން ޗުއްޓީ ނަގައިގެން ހުރެ ނޯރާ އެހާ ގިނައިން ދާ ތަނެއް ކޮންމެހެންވެސް އޭނައަށް އެނގެން ޖެހޭނެއެވެ. ނޯރާ އޭނަގެ ބޭބެއާއެކު އެހާ ގިނައިން "ޑޭޓް"ތަކަށް ނުދާނެ ނޫންހެއްޔެވެ؟ ވީއިރު ހުރިހާވެސް ކަމަކީ ކައިލްތާއެވެ.

"ގޮސް އަހަރެންގެ ކާރު ތައްޔާރުކުރޭ.." އައިޒަކް އަމުރުކުރީ ދަތްކުނޑިވިކައިގަންނަމުންނެވެ. އޭނަގެ ލޮލުންވެސް އަލިފާނުގެ ކަނި ބުރާފަދައެވެ. ނޯރާ. ކީކޭ ހިތަށް އަރައިގެންހެއްޔެވެ؟ ކައިވެނި ކުރަން އެންގޭޖްވެފައި ހުއްޓާ އެގޮތަށް ފިރިހެނެއްގެ ގެއަށް ޒިޔާރަތްކުރާހާ ލަދުކުޑަ އަންހެންކުއްޖަކަށް ނޯރާ ވެދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. މިފަހަރު އެހާ ފަސޭހައިން އޭނަ މިކަން ނިންމައެއްނުލާނެއެވެ. ނޯރާއަށް އޭނަ މިއަދު ފިލާވަޅެއް ދޭނެއެވެ. އެއްފަހަރު އަދި އަބަދަށްޓަކައެވެ. އޭނަ ނޯރާއާއިމެދު މާ އޯގާތެރިވެވުނީއެވެ.

"ކުޑަ ސާހަބް.. ލަވެންޑަރ އަށް ޒިޔާރަތް ކުރައްވަނީތޯ؟" ސާމިރުވެސް އަހައިލީ ބޭގަރާރުވެފައެވެ. އެންމެން އެހާ ބިރުން އުޅޭ މީހަކަށް ޒިޔާރަތްކުރަން އޭނަވެސް ބޭނުންވީއެވެ.

"ވާހަކަ ދެއްކުން ހުއްޓާލާފައި ކާރު ތައްޔާރުކޮށްފާނަންތަ؟" އައިޒަކްގެ ޖަވާބުން ސާމިރު އޭނަގެ ސާހިބާގެ އަމުރަށް ކިޔަމަންތެރިވެ އަވަހަށް ނުކުތެވެ.

***

"ކައިލް. މިހިރީ ހުރިހާ ބޭސްތައް ދޭންވާ ގަޑީގެ ލިސްޓު. މާދަމާ ޑިއުޓީއަށް ނިކުންނަން ޖެހޭތީ ބައްޕަގެ ބޭސްދޭ ކޮންމެ ގަޑިއަކަށް އާދެވޭނެހެން ހީނުވާތީ. މެއިޑަކު ބައްޕައަށް ހަމަޖައްސާލަދެވިދާނެތަ؟" ނޯރާގެ ރީތި އަތުލިޔުމުން ލިޔެފައިވާ ކަރުދާސްގަނޑެއް މޭޒުމަތީ ބޭއްވިއެވެ. އޭރު ކައިލް އޭނަގެ މިލިއަން ޑޮލަރުގެ އަގުހުރި ކައުޗްގައި ހަމަޖެހިލައިގެން އިންއިރު އަތުގައިވާ ފޮތެއްގެ ސަފުހާއެއް ހުޅުވަމުން ދިޔައެވެ.

"ޔަގީން ތިކަން ވެދާނެ.." ފޮތުން ނަޒަރު ވަކިކޮށްލުމެއްނެތި ކައިލް ޖަވާބުދިނެވެ.

"ކޯނޗެއް ތިކިޔަނީ؟" ނޯރާ އިށީނީ ކުރިމަތީގައި ހުރި ކައުޗްގައެވެ." ހެރީ ޕޮޓަރއާއި ދަ ފިލޯސަފާރސް ސްޓޯން ކިންތަ؟ އެއީ ކިޔާލަން ރަގަޅު ފޮތެއް. ހަ މަސް ކުރިން އެފޮތް ނެރުނީ...."

"އެންމެ ފަހުން....."ނޯރާ ހިތަށް އެރީ އޭނައާއި ކައިލްގެ އެއްގޮތް ކޮންމެވެސް ސިފައެއް ފެނިއްޖެ ކަމެވެ. ފޮތް ކިޔުމަކީ ދެމީހުންގެވެސް ޝައުގެކެވެ. އެކަމަކު ކައިލްގެ ޖަވާބުން އޭނަގެ އުފާވެރިކަމުގެ ބޮކި ފަޅާލައިފިއެވެ.

"އަހަރެން ފިކްޝަނަލް ފޮތްތަކެއް ނުކިޔަން.."

"ވީއިރު ތިއީ ނޮން ފިކްޝަނަލް ފޮތެއްތަ؟ ވިޔަފާރި އެއްޗެއް؟"ނޯރާއަށް އޮޅިގެންވެސް މޫނު ހަދާލެވިއްޖެއެވެ. އެފޮތުގެ ބަނޑޭރިގަނޑުގައި އިން ކުޑަ މާ ލޮލުގައި އަޅައިގަތުމާއެކު އަނެއްކާ އެހެން ގޮތަކަށް ވިސްނުން ދިޔައެވެ." ތިއީ ބަގީޗާ ހެއްދުމާއި ބެހޭ ފޮތެއްތަ؟"

އެންމެފަހުން ކައިލްގެ ނަޒަރު ނޯރާއަށް ހުއްޓުނެވެ. އޭނަ ފޮތް ލައްޕާލައިފިއެވެ. އަދި ކައުޗްގެ އަތްގަނޑުގައި އުޅަބޮށި ޖައްސައިލިގޮތަށް އެއަތްތިލައިގާ ބޯ ޖައްސައިލަމުް އޭނަގެ ފުރިހަމަ ސަމާލުކަން ނޯރާއަށް ދިންތަން ފެނި ނޯރާ އަށް ނުތަނަވަސްކަމެއް ލިބުނެވެ.

"ނޯރާ ގަސް އިންދަން ޝައުގު ހުންނަނީތަ؟" ކައިލްގެ ސުވާލަށް ނޯރާ ބޯ ޖަހައިލިއެވެ. ނޯރާއަކީ އަނގަގަދަ ކުއްޖެއްކަމާއި ވާހަކަ ފަށައިފިއްޔާ ނުހުއްޓާނެކަން އޭނަ ދަނެއެވެ. ވީމަ ނޯރާ ވާހަކަދެއްކިޔަދޭން ފުރުސަތު އޭނަ ދިނެވެ.

"ހަނދާން އެބަހުރިތަ އަހަންނަށް ދިން ލަވެންޑަރ ގަސް؟ އޭތި ވަރަށް ބޮޑުވެއްޖެ..."އަމިއްލަ ހުނަރާއިމެދު ނޯރާ ފަޚުރުވެރިވިއެވެ.

"އަދިވެސް އެގަސް ދިރިހުރީތަ؟" ކައިލް ސުވާލުކުރިއިރު މޫނަށް ހައިރާންކަން ވެރިވުމުން ނޯރާ އެކަމާއި ހިތްހަމަޖެހުނެވެ. ކައިލް މޫނަށް އެރި ކުލަވަރުން ހީވީ ގަހުގެ އެހާ ކުޅަދާނަ މާހިރަކަށް ނޯރާ ވެދާނެކަމަށް އޭނަ އުއްމީދުނުކުރާ ކަމެވެ.

"އަހަރެން އެއަށްވުރެ ޝައުގުވެރި ކުރުވަނިވި ވާހަކައެއް ބުނެފާނަން. ކްއީން އޮފް ދަ ނައިޓް ގެ ވާހަކަ އަޑުއެހިންތަ؟" ނޯރާގެ ސުވާލުން ކައިލް ބޯ ހޫރައިލުމުން ނޯރާ އުފާވިއެވެ. ކައިލް ގަސްތަކަށް އެހާ ލޯބިކުރަންޏާ އޭނަ ހިއްސާކުރަން މިއުޅޭ ކުޑަ ވާހަކަ ކައިލް އާޝޯޚު ކުރުވާނެއެވެ."އެއީ ދުނިޔޭގައިވާ އެންމެ އަގުބޮޑު މާ. އަހަރަކު އެއްފަހަރު އެ މާ ފޮޅޭނީ. އެވެސް ހަމަ އެކަނި ރޭގަނޑުގައި. ފަތިސްވާއިރަށް އޭތީގެ ކަން ކެނޑިގެން ހިނގައިދާނެ. އެހެންވެ މީހުން އެއަށް ކިޔަނީވެސް ޖިންނި މަލެކޭ...."

"އަހަރަކު އެންމެ ރެއަކު ފޮޅި ފަތިސްވާއިރަށް މަރުވާ މަލެއްވެއްޖެއްޔާ އެހާ އަގުބޮޑީ ކީއްވެތަ؟" ކައިލް އެހިއެވެ.

"ސަބަބަކީ އޭގެ ނާދިރުކަމުން. ޕްރައިސްލެސް...." ނޯރާ މާނަވީ ގޮތަކަށް ކައިލްއަށް ބަލަން އިނެވެ. އެވަގުތު ނޯރާގެ ޚިޔާލަށް އައި ލަފުޒުތައް އޭނަ ދުލުން ބޭރުނުކުރީ އެހެން ބުނެފިއްޔާ އޭނައާއި ފްލާޓް ކުރަނީކަމުގައި ހީކޮށްފާނެތީއެވެ." ހަމަ ތި ހިނިތުންވުންފަދަ. ދުނިޔޭގެ ހުރިހާ މުއްސަދިކަމެއް ދީފައިވެސް ނުގަނެވޭނެފަދަ....."

"އަންކަލްމަހުމޫދު ކިހިނެއްތޯ؟" ކައިލް ތެދުވަމުން މަހުމޫދަށް ބަލައިލިއެވެ." އަންކަލްއާއި ފިރިހެންދަރިފުޅުހެނެއްނޫން. މިކުއްޖާ ހާދަ އަނގަ ގަދައޭ."

ކައިލް ޖަރުމަން ބަހުން ވާހަކަދައްކަން ހުރެފައި ކުއްލިއަކަށް ނޯރާއަށް ބީރައްޓެހި ބަހަކުން މަހުމޫދުއާއި ވާހަކަދައްކަން ފެށުމުން ނޯރާއަށް އޮޅުނެވެ. އަދި އެއަށްވުރެ ހައިރާންވެ އަންތަރީސްވީ އޭނަގެ ބައްޕަވެސް ހީގަނެފައި އެ ނުދަންނަ ބަހުރުވައިން ވާހަކަދައްކަން ފެށުމުންނެވެ. ދާދި އަވަހަށް ނޯރާއަށް ނަގައިގަނެވުނެވެ. ބައްޕަ ވާހަކަ އެދައްކަނީ ބައްޕަގެ މާދަރީ ބަހުންނެވެ. އެކަމަކު ކައިލް ދިވެހި ބަހަށް އެހާ ފަރިތަވީ ކިހިނެއްހެއްޔެވެ؟ ކައިލްގެ ކޮންމެ ކަމަކުން ނޯރާ ހައިރާންކުރުވަމުން އެބަދެއެވެ.

"އަހަންނަކީވެސް ހާފް މޯލްޑިވިއަނެއް..."ނޯރާވެސް އެ ވާހަކައާއި ބައިވެރިވާން ބޭނުންވިއެވެ."ނޫންތަ ބައްޕަ؟ ކައިލްއަށްވުރެވެސް އަހަރެންނާއި ރާއްޖެއާއި ގުޅުން އެބައޮތް. އަހަރެންނަކީ އެ ރަށްތަކުގެ އަހުލުވެރިއެއް..."

"ދުވަހަކު އަދި ފައި ބީއްސާނުލާ ރަށެއްގެ؟"ކައިލް ޖަރުމަނު ބަހުން ވާހަކަދެއްކިއިރު ޖެއްސުމުގެ ރާގު ހުއްޓެވެ.

އެވަގުތު ބިންޔާމިން އައުމުން އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ.

"ކުޑަ ސާހަބް. މިއަދު އާ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތު ލިބިފައި އެބައޮތް. މިހާރު ކަނޑައެޅިފައިވާ ވަގުތު ފާއިތުވެގެން ހިގައްޖެ..."

އެހާ އަވަހަށް ކައިލް ދާން ޖެހުމުން ނޯރާ މޮޅިވެރިވިއެވެ. އަދި އެވެސް ހަފްތާގެ ބަންދުގައެވެ. މިއީ އަދި ވަޒީފާ ފެށުމުގެ ކުރިން މިގޮތަށް ލަވެންޑަރއަށް ޒިޔާރަތްކުރެވޭނެ އެންމެ ފަހު ދުވަހެވެ. ކައިލް އެތަނުން ދިޔުމުން ނޯރާ ގުދުވެފައި ކައިލް ކިޔަން އިން ފޮތުގެ ނަން ޗެކްކޮށްލިއެވެ. އޭނަ ބަގީޗާއާއި ބެހޭގޮތުން އޮތް ފޮތެއްކަމަށް ހީކުރެވުނުއިރު މިއީ އެފަދަ ކަމަކާއި ގާތުންވެސް ގުޅުމެއް ހުރި ފޮތެއް ނޫނެވެ.އިބްން ރަޖަބު އަލް ހަންބަލީގެ" ދަ ޣުރަބާ ދަ ސްޓްރޭންޖާސް"އެވެ. އޭނަގެ ޖާހިލުކަމުން ލަދުވެސް ގަތެވެ. މަލެއްގެ ވާހަކަ އޭނަ ކައިލްއަށް ކިޔާދިނީ ހާދަ ފޯރިއާއެކުގައެވެ. ކައިލްގެ ކުޑަނަމަވެސް ޝައުގެއް ހުރެދާނެކަމީ ހަމަ ސުމެކެވެ.

***

އައިޒަކްގެ ކާރު ލަވެންޑަރ ގެ ގޭޓު ކައިރިއަށް ހުއްޓާލާފައި އެ ގަނޑުވަރެއްފަދަ ގެއަށް ނަޒަރު ހުއްޓައިލުމާއެކު ކައިލް ދިރިއުޅޭގެ އޭނަ ހީކުރިވަރަށް ވުރެ ހައިބަވަންތަ ވަރުގަދަ ތަނެއްކަން އެނގުނެވެ. އެގޭގެ ދޮރާށިތައް ތަޅުލާފައި ހުރުމުން ކައިލްގެ ދައުވަތު ނުލިބި އޭނައާއި ކުރިމަތިލާކަށް ބޭނުމެއްނުވިއެވެ. އެހެންވެ ފަހަތަށް ކާރު ޖައްސައިލަން އުޅުނެވެ. ނޯރާ އަންނަންދެން ވިންޓަރފެލްގައި އިންތިޒާރުކުރާނީއެވެ.

"ކީއް ތިކުރަނީ؟ އެތެރެއަށް ދަމާ...." އެހެން މީހަކު ވާހަކަދެއްކީ ކާރުގެ ތެރެއިންނެވެ. އައިޒަކް ބިރުން ހަލާކުނުވީ ކިރިޔާއެވެ. މޭގަނޑުވެސް އަތަށް އައެވެ.

"ހަޅޭއްތިލަވަނީ އަންހެންކުއްޖެއްހެން.." ފަހަތު ސީޓުން ތެދުވުނު އާވާ ހެމުންގޮސް ހަލާކުވާވަރުވިއެވެ. އަދި ގައިމަތީ އަޅާފައި އޮތް ބޮޑު ރަޖާގަނޑު ނެގިއެވެ.

"އަހަރެންގެ ކާރުގައި ކީއްތިކުރަނީ؟ އަދި ކޮންއިރަކުން އަދި މަގޭ ކާރަށް އަރާ ތިއޮތީ؟" އައިޒަކް ހަޅޭއްލަވައިގަތްއިރު އަދިވެސް ލޯ އެހާ ބޮޑުވެފައި ހިތް ރޭސް ޖަހާފައިވިއެވެ. އެގޮތަށް ސްޓްރެސް ލެވެލް މަތިވީމަ އޭނަ ނޭވާ ހިއްލުން އުދަގޫވެއެވެ. އައިޒަކް އަވަހަށް ކާރުން ފައިބާ ފުން ނޭވާތަކެއްލިއެވެ. އެނުލަފާ ކުއްޖާގަނޑު ކޮންމެ މީހެއްގެ ކަންތަކަށް ނޭފަތް ކޮށްޕަން އެބަޖެހެއެވެ. އާވާ ކާރުން ފޭބުމަށްފަހު ދެވަނަ ސިކުންތުކޮޅުގައި ފެނުނީ އެ ދަގަނޑު ދޮރާށި ކޮށްޕައިލިތަނެވެ.

"ފެނިއްޖެނު. މުއްސަދިންގެ ގޭގެ ދޮރާށިތައް ހުޅުވާފައި ހުންނަނީ އެކަމަކު އެންމެންވެސް ހީކުރަނީ ތަޅުލާފައި ކަމަށް އަދި ތޫނު ބާޒު ލޮލެއްގެ ވެރި ދޮރު ފާރަވެރިޔަކު އެހިސާބުގައި ހުންނާނެކަމަށްދޯ...މިހާރު އެތެރެއަށް ގޮސް ކައިލްއަށް ޒިޔާރަތްކުރަމާ. އަހަރެމެން ފެނުމުން އޭނަ ވަރަށް އުފާވާނެކަން ނޭގޭ..." އާވާ ކާރަށް އަރާ އިށީނީ އައިޒަކްގެ އިންތިޒާރުގައެވެ.

ނާޔަލް ހުރިއްޔާ ކައިލްގެ ގޭގައި އޭނަ ކުރާ ކަމެއްވެސް އޮޅުން ފިލާނެއެވެ. ނާޔަލްއަށް އަނެއްކާ އޭނަގެ ހިތުގެ އިހުސާސް އެނގި ކައިލް ގާތު އޭނައާއި ކައިވެނި ކުރަން ބުނީހެއްޔެވެ؟ ނުބައި ޚިޔާލުތައް އުދަގޫކުރާން ފެށުމުން އާވާއަށް އެއްތާކު ހިމޭނުން އިންނާންވެސް އުދަގޫވިއެވެ.

އައިޒަކް ކާރަށް އަރާ ހަމަޖެހިލިތަނާއާވާއަށް ކުއްލިއަކަށް ފެނުނީ ކާރުގެ ބިއްލޫރިގަނޑުން ފިޔާތޮށިކުލައިގެ އައްޔެކެވެ.

"އަހަރެމެންގެ ފަހަތުން މިއަންނަނީ ސިއެނާތަ؟" އާވާއަށް ކުއްލިއަކަށް ބުނެވުނެވެ.

"ޔޫވް ގޮޓް ޓު ބީ ކިޑިން މީ....." އައިޒަކް ބާރުކޮށްލާފައިވާ ދަތްތަކުގެ ތެރެއިން ކިޔާލާފައި ލޯގަނޑުން ފަހަތަށް ބަލާލައިފިއެވެ. އާވާ ހުރުމުން ފުދޭވަރު ނުވީއެވެ. މިހާރު މިއައީ ސިއެނާއެވެ. އޭނަ ކުޑައިރުއްސުރެން މި ދެ އަންހެންކަނބަލުން އޭނަގެ ފަހަތުން ނައްޓާނުލާތާ މިޒާޖުވެސް ތަފާތެއްނުވިއެވެ. ވަރަށް ހެވިފައި އިނދެ ސިއެނާ އައިޒަކްއާއި އެއްހަމައިގާ ކާރު ދުއްވަން ފެށިއެވެ.

ސިއެނާ ހަގީގަތުގައި ވިންޓަރފެލްއަށް ދިޔައީ އެކަނި ކާން ދާން ބޭނުން ނުވެގެން އައިޒަކްއާއި އާވާއަށް ދައުވަތު ދިނުމަށެވެ. އާވާ އައިޒަކްގެ ކާރުގެ ފަހަތަށް އަރާ ފިލިތަން އޭނައަށް ފެނުނުކަމީ އޭނަގެ ނަސީބެވެ. އޭނަ އެމީހުންގެ ފަހަތުން ދާން ޖެހުނީ އެހެންވީމައެވެ. ނުދާންވީ ކީއްވެހެއްޔެވެ؟ އޭނައާއި ނުލާ އެދެމީހުން އެދަނީ ކޮންމެވެސް ބޮޑު "މިޝަން"އެއްގައެވެ.

އެކަމަކު މި މީހުން މިއައީ ކާކުގެ ގެއަކަށް ހެއްޔެވެ؟ މި ކިންގްޑަމްވަރުގެ ރީތި ގެއަކީ ކާކުގެ މިލްކެއްހެއްޔެވެ؟

ދައުވަތު ނުލިބޭ ތިން ފަރާތެއް ލަވެންޑަރގެ ގެއަށް ވަދެވެން އޮތް ފުޅާ މަގުން ކުރިއަށް ދިޔައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު