އިސްލާމްދީނުން މަސައްކަތުގެ އަޚުލާޤު ދަސްކުރަމާތޯ

އިމާރާތެއްގެ ބިންގާ އެޅުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގައުމެއް ކުރިއަރައިދިއުމުގެ އެންމެ އަސާސީ ރުކުނަކީ އެބައެއްގެތެރޭގައި އޮންނަ މަސައްކަތުގެ އަޚުލާޤުކަމަށް ދުނިޔެ ބަލައިގެންފައިވެއެވެ. އަދި މިއީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގައިވެސް ފުރިހަމަވާންޖެހޭނެ ރުކުނެއްކަމަށް ގަބޫލުކުރެއެވެ. ވުމާއެކު މި މުހިއްމު އަސާސް ފުރިހަމަކުރުމަށްޓަކައި ގަވާއިދުތަކާއި އުސޫލުތައްހަދައި އެއާ އެއްގޮތަށް އަމަލުކުރުމަކީ އާންމު ކަމެކެވެ.

މަސައްކަތުގެ އަޚުލާޤާބެހޭގޮތުން ދުނިޔެ ގަބޫލުކުރާ އެންމެ ރަނގަޅު އުސޫލުތަކަކީ އިސްލާމީ ޝަރީޢަތުގައި ސީދާގޮތެއްގައި އެކަމާބެހޭ އިރުޝާދުތައް އައިސްފައިވާ އުސޫލުތަކެކެވެ. ހަމަމިއާއެކު، ސެކިއުލަރ މުޖުތަމައުތަކުގައި އެއާމެދު ސަމާލުކަމެއްނުދޭ، ވަރަށް މުހިއްމު މަބްދައު (ޕްރިންސިޕްލް) ތަކެއް އިސްލާމީ ޝަރީޢަތުގައި މަސައްކަތުގެ އަޚުލާޤާ ގުޅޭގޮތުން އައިސްފައިވެއެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ މުހިންމު ބައެއްކަންތައްތައް ތިރީގައި ހިމަނާލަމެވެ.

ކޮންމެ މީހަކުވެސް ރިޒުގު ހޯދުމަށްޓަކައި މަސައްކަތް ކުރުން:

މަސައްކަތުގެ އަޚުލާޤާގުޅޭގޮތުން އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ފުރަތަމަ އިރުޝާދަކީ، ކޮންމެ މީހަކުވެސް ރިޒުގު ހޯދުމަށްޓަކައި މަސައްކަތް ކުރުމެވެ. ﷲ ގެ ވަޙީ ބަސްފުޅުގެ މާނައިވެއެވެ. "ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ދިރިއުޅުމުގެ މައިދާނަށް ނުކުންނާށެވެ. އަދި ތިޔަބައިމީހުން اللَّه ގެ ފަޟުލު ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ!"(ޖުމުޢަ: 10) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރެއްވިއެވެ. "ތެދުވެރި އަމާނާތްތެރި ވިޔަފާރިވެރިޔާ (ގިޔާމަތްދުވަހު) ވާނީ ނަބިއްޔުންނާއި، ސިއްދީގުންނާއި، ޝަހީދުންނާއެކުގައެވެ." މިދަލީލުތަކުން އެނގޭގޮތުގައި ދިރިއުޅުމަށްޓަކައި ކޮންމެމީހަކުވެސް މަސައްކަތް ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. ވީމާ، ކުޅަދާނަކަން ލިބިގެންވާމީހާ މަސައްކަތެއްނުކޮށް ދެއަތް އުރާލައިގެން ހުރުމަކީ ކޮށްގެންވާނެކަމެއްނޫނެވެ. މީހަކު އެއްޗެއް ދީފާނެކަމުގެ ދިގު އިންތިޒާރުގައި އެއްގޮތަކަށްވެސް ހުރެގެންނުވާނެއެވެ. ނުވަތަ މަސައްކަތްނުކޮށް ސަލާންޖަހާމީހެއްގެގޮތުގައި އުމުރު ހޭދަކޮށްލައިގެންވެސްނުވާނެއެވެ.

ކުރާ މަސައްކަތަކީ ހަލާލު ރަނގަޅު މަސައްކަތަކަށްވުން:

ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ!"(ބަޤަރާ: 172) "އެއުރެންނަށް ހަލާލު ކުރެއްވީ، ކޮން އެއްޗެއްތޯ ކަލޭގެފާނާ އެއުރެން ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ހަލާލު ކުރެއްވިއެވެ."(މާއިދާ: 4) ވީމާ ކޮންމެކަހަލަ މަސައްކަތެއް ކުރިނަމަވެސް އެއީ ހަލާލު މަސައްކަތަކަށްވުން ލާޒިމެވެ. އަދި މަސައްކަތަކާނުލައިވިޔަސް ތިމާއަށް ލިބޭ ކޮންމެ މަންފާއަކީ ހުއްދަ މަންފާއެއްކަމަށްވާންޖެހޭނެއެވެ.

ހަރާން މަސައްކަތްތައްކޮށްގެން ނަފާ ހޯދުން ހުއްދައެއްނޫނެވެ. އެގޮތުން؛ ރިބާއާއި ޖުވާގެ ގޮތުގައްޔާއި ހުއްދަނޫން އެއްޗެތި ވިއްކައިގެން ލިބޭ މުދަލާއި ފައިސާ ހަރާން ކުރައްވާފައިވެއެވެ. ވައްކަމާއި ފޭރުމުން ހޯދާ މުދާ ހަލާލެއްނުވާނެއެވެ. ޔަތީމުންގެ މުދާ ހުއްދަނޫންގޮތުގައި ބޭނުންކުރުންވަނީ ހަރާން ކުރައްވާފައެވެ. ހަށިވިއްކުންފަދަ ގޮތްގޮތުން މުދަލާއި ފައިސާ ހޯދުންވަނީ ހަރާން ކުރައްވާފައެވެ. މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ އެއީ ހަރާން އެއްޗެކެވެ. ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ހިމަނައިގެން މުދާ އިސްތިހާރުކޮށް މީހުން އެއަށް ހިތްޖެއްސުމީ ހުއްދަކަމެއްނޫނެވެ. ތާޒާކަން ގެއްލިފައިވާ ތަކެތި އެއީ ތާޒާ ތަކެތިކަމަށް ދެއްކުމަށްޓަކައި ކެމިކަލުފަދަ ތަކެތި ބޭނުންކޮށްގެން ހިންގޭ ކަންކަމަކީ މަކަރާއި ހީލަތް ހެދުމެވެ. އެއީ ހުއްދަކަމެއްނޫނެވެ. ސައްހަ ހަދީސުން އެނގޭގޮތުގައި ވިޔަފާރީގައި އޮޅުވާލައި މަކަރުހަދާމީހާއަކީ މުސްލިމުންގެ ޖަމާއަތަށް ނިސްބަތްވާމީހެއްނޫނެވެ.

އަހުދަށް ވަފާތެރިވުން:

އިސްލާމީ ޝަރީޢަތާއި ވަލައީ ގާނޫނުގައިވެސް އައިސްފައިވާ އަނެއް އަޚުލާޤަކީ، އަހުދަށް ވަފާތެރިވުމެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، އަގުދުތައް ފުއްދާށެވެ!"(މާއިދާ: 1)

އާންމު ގޮތެއްގައި ވަޒީފާއަކަށް މީހަކު ލައްވާނަމަ ދެފަރާތުގެ ދެމެދުގައި ހެދޭ އެއްބަސްވުމެއް އޮވެއެވެ. މިފަދަ އެއްބަސްވުންތައް ވާންޖެހޭނީ އިސްލާމީ ހަމަތަކަށް ފެތޭ އެއްބަސްވުމަކަށެވެ. ޝަރީޢަތާ ހިލާފު ޝަރުތެއް އެކުލެވިގެންނުވާ، ދެފަރާތަށްވެސް އަދުލުވެރިކޮށް އެކުލަވައިލެވޭ އެއްޗަކަށެވެ. މިއީ ދެފަރާތުގެ ދެމެދުގައި ވެވޭ އަހުދެކެވެ. މި އަހުދަށް ވަފާތެރިވާންޖެހޭނެއެވެ. މަސައްކަތް ކުރަން ކަނޑައަޅާފައިވާ ވަގުތުގައި، އެންމެ އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރަންޖެހޭނެއެވެ. ރަސްމީ ވަގުތުގައި ކުރަންޖެހޭ މަސައްކަތްތައްނުކޮށް، އިތުރު މަންފާ ހޯދުމަށްޓަކައި ފަސްކުރުމީ އަހުދާ ހިލާފުމެކެވެ. އާންމު ހިދުމަތްތައް ދިނުމުގައި، ތިމާގެ ގާތްމީހުންނާއި އެނޫންމީހުން ތަފާތު ކުރުމީ، އަހުދަށް ވަފާތެރިނުވުމެވެ. ހަވާލުކުރެވޭ މަސައްކަތް އެންމެ ފުރިހަމަގޮތުގައި ކުރުމުގެ މުހިއްމުކަން ބަޔާންކުރައްވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު މަސައްކަތެއް ކުރާނަމަ، ވީ އެންމެ ފުރިހަމައަށް އެކަމެއްކުރާމީހާދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ."

ވަޒީފާ ދޭ ފަރާތުންވެސް، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަންޖެހޭނެއެވެ. މުވައްޒަފަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތައް، އެއްބަސްވުމާ އެއްގޮތަށް ބަރާބަރަށް ދެމުންގެންދަންވާނެއެވެ. މަސައްކަތުގެތެރެއިން ދެވޭ ހުސްވަގުތާއި ޗުއްޓީ ބަރާބަރަށް ދޭންވާނެއެވެ. މުވައްޒަފުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުރިހަމަކޮށްދޭންޖެހޭ ކަންތައްތައް އެކަށީގެންވާގޮތުގައި ހަމަޖައްސައިދޭންޖެހޭނެއެވެ. ހުރިހާ މުވައްޒަފުންގެ މެދުގައިވެސް އަދުލުވެރިކަމާއި އޯގާތެރިކަމާއެކު މުއާމަލާތު ކުރަންޖެހޭނެއެވެ.

ކޮންމެ މީހަކުވެސް މަސައްކަތު ވަގުތުގައިވިޔަސް ދީނީ ވާޖިބުތައް އަދާކުރުމަށް ސަމާލުކަންދޭންޖެހޭނެއެވެ. މުވައްޒަފާއި ސާހިބުމީހާވެސް މަސައްކަތްކުރަންޖެހޭނީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައެވެ. މަސައްކަތް ކުރުމުގެ ނިޔަތަކަށްވާންޖެހޭނީ ﷲ ގެ ރުހިވޮޑިގަތުން ހޯދުމެވެ.

ސިއްހަތަށް ގެއްލުންނުވާނެހެން މަސައްކަތްކުރުން:

ކުރާ މަސައްކަތަކުން ތިމާއަށާއި އެހެންމީހުންގެ ސިއްހަތަށް ގެއްލުމެއްވާފަދަ ކަމެއް ގަސްތުގައި ކޮށްގެންނުވާނެއެވެ. މިސާލަކަށް، މިވެނި އެއްޗަކީ ބޭނުންކުރުން ސިއްހީގޮތުން ރަނގަޅުއެއްޗެއްނޫންކަމަށް، ކަމާބެހޭ ފަރާތްތަކުން ބުނަމުންދާނަމަ އެބާވަތްތައް ވިއްކައިގެން ނުވާނެއެވެ. އެފަދަ އެއްޗެއް ވިއްކުމުން ވިޔަފާރިވެރިޔާއަށް ފައިދާ ލިބޭއިރު، އެ ގަންނަފަރާތަށް ގެއްލުންތަކެއް ލިބޭނެކަމާމެދު ވިސްނާލަންޖެހޭނެއެވެ. އަމިއްލަ ފައިދާއަށްޓަކައި، ދެން ތިބިމީހުންގެ ހަލާކަށް މަސައްކަތްކުރަން ހެޔޮވާނެހެއްޔެވެ؟ މިފަދައިން ކަންތައް ކުރުމަކީ މުސްލިމުންގެ ސިފައެއްނޫންކަން ބަޔާންކުރައްވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. ''އެއްމުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާއެއް ނުދޭނެއެވެ. އަދި އަނިޔާއެއް ލިބުމަށް އޭނާ ދޫކޮށެއް ނުލާނެއެވެ. އޭނާގެ އަޚާގެ ބޭނުންފުއްދައިދިނުމުގައިވާ މީހާގެ ބޭނުން ފުއްދަވައި ދެއްވުމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާނެއެވެ. އަދި މުސްލިމަކު ދަތި އުދަގޫކަމަކުން (މުސީބާތަކުން) ސަލާމަތް ކޮށްދީފި މީހާ، ގިޔާމަތް ދުވަހުގެ މުސީބާތްތަކުގެ ތެރެއިން މުސީބާތަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާ ސަލާމަތް ކޮށްދެއްވާނެއެވެ." ވީމާ، ވިޔަފާރީގެތެރެއިންވިޔަސް މީހަކަށް ގެއްލުމެއްވެދާނެފަދަ ކަމެއް ކުރުމަކީ ތިމާގެ އަޚާއަށް އަނިޔާވެރިވުމެވެ. އެއީ އިސްލާމީ އަޚުލާޤާ ފުށުއަރާކަމެކެވެ.

ތިމާވެއްޓަށް ގެއްލުން ނުދިނުން:

ކުރާ މަސައްކަތުގެތެރެއިން ތިމާވެއްޓަށް ގެއްލުން ނުދިނުމަކީވެސް މަސައްކަތުގެ އަޚުލާޤާ ގުޅިފައިވާ ވަރަށް މުހިއްމު ކަމެކެވެ. ތިމާވެއްޓަށް ގެއްލުންވާނޭހެން ރުއްގަސް ކަނޑައި ފަރުތަކާއި ގޮނޑުދޮށްތައް ހަލާކުކޮށްގެންނުވާނެއެވެ. ވިހަ ގޭސްތަކާއި ގެއްލުންދެނިވި ކެމިކަލްތައް މާހައުލަށް ދޫކޮށްގެންނުވާނެއެވެ. ކުނިބުނީގެ ބާވަތްތައް އާންމު ތަންތަނަށް އެޅުމީ މަސައްކަތުގެ އަޚުލާޤާ ދިމާ އިދިކޮޅެވެ. މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ފަސާދަ ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް އަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ." އިލްމުވެރިން ވިދާޅުވާގޮތުގައި، އެއްގަމާއި ކަނޑާއި ވައިގެ މާހައުލަށް ގެއްލުން ދިނުން ހިމެނެނީ މިއާޔަތުގައި އެވާ ފަސާދަކުރުމުގެތެރެއިންނެވެ. ތަން ފަސާދަކޮށްފިނަމަ އޭގެ ގެއްލުމުގެ ރަހަ އެބަޔަކަށް ލިބޭނެކަމަށް އެވަނީ އަންގަވާފައެވެ.


މަސައްކަތު މާހައުލުގައި މީހުންނަށް ގޯނާނުކުރުމާއި ނަހަމަ ގުޅުންތައް ނުބޭއްވުން:

މަސައްކަތުގެ މާހައުލުގެތެރެއިން އެކަކު އަނެކަކާ އެކަށީގެންނުވާ ގުޅުންތައް ބޭއްވުމީ އިސްލާމީ އަޚުލާޤާ ފުށުއަރާ ނުބައި ކަމެކެވެ. މުވައްޒަފުންނަށް ބިރުދެއްކުމާއި ގަނާކުރުންފަދަ ކަންކަމީ އެއްގޮތަކަށްވެސް ދީން ހުއްދަކުރާ ކަންކަމެއްނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވަނީ މުސްލިމަކު ވިއްޔާ އޭނާގެ ދުލާއި އަތުން އެހެން މީހުންނަށް އެއްވެސް ގެއްލުމެއްނުދޭނެކަމަށެވެ. ތިމާގެ ދުލާއި އަތުގެ ބޭނުންކޮށްގެން އެހެންމީހުންނަށް ޖެއްސުންކޮށް ގެއްލުންދީ ހެދުމަކީ މުސްލިމުންގެ ސިފައެއްނޫނެވެ.

މަސައްކަތުގެ އަޚުލާޤާ ގުޅޭގޮތުން އިސްލާމްދީނުގައި އައިސްފައިވާ މަތިވެރި އިރުޝާދުތައް ދަސްކޮށް އެއާ އެއްގޮތަށް އަމަލުކުރަންޖެހޭނެއެވެ. ހަމަމިއާއެކު، ޒަމާނީ ހިންގުމުގެ ނިޒާމުގެތެރެއިން ކަނޑައަޅާފައިވާ ރަނގަޅު މިންގަނޑުތަކަށްވެސް ތަބާވާންވާނެއެވެ. އޭރުން، ފަރުދުންނާއި ގައުމުގެ ތަރައްގީއަށް ފަހިކަން އަންނާނެކަން ކަށަވަރެވެ. ދިރިއުޅުން ފަސޭހަވެ، މީސްތަކުންގެ މޫނުމަތިން އުފާވެރިކަން ފާޅުވާނެކަން ޔަގީނެވެ. ނަމަވެސް މީގެތެރެއިން ފުރަތަމަ ބުނިބައި ދޫކޮށްލައިފިނަމަ ކާމިޔާބަށްވުރެ ކައިރީގައި އޮންނާނީ ނާކާމިޔާބީކަމުގައި ބުނެވިދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް