ޤާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދަށް ޙުރުމަތްތެރިކޮށް ހިތުމަށް މަޖިލީހުން ގައުމީ ދިފާއީ ބާރަށް އިލްތިމާސްކޮށްފި

19:00


ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ވާޖިބުތަކާއި ޒިންމާތަކާ ގުޅިގެން، ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ކަށަވަރުކޮށްދީފައިވާ ޙައްގުން މަޙްރޫމްވާ ގޮތަށް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްދީފައިނުވާތީ ޤާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދަށް ޙުރުމަތްތެރިކޮށް ހިތުމަށް ރައްޔިތުންގެ މަޖިލީހުން ގައުމީ ދިފާއީ ބާރަށް އިލްތިމާސްކޮށްފި އެވެ.


މިކަމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، ޤާނޫނު އަސާސީގެ 5 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައި ބަޔާން ވެގެން ވީހިނދު ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 1 ން ފެށިގެން 7 ގެ ނިއަލަށް ރައްޔިތުންގެ މަޖިލީހުގެ ވާޖިބު ތަކާއި ބާރުތައް ކަނޑައެޅިފައިވީހިނދު މަޖިލީހުގެ މެންބަރަކު ތަޙްގީގަށްޓަކައި ބަންދު ކުރެއްވޭނީ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން މަޖިލީހުގެ މެންބަރަކު އަދާ ކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރެވޭ ގޮތަށް މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޒިރުވެވަޑައި ގެންނެވޭ ގޮތަށް ކަމަށް މަޖިލީހުގެ ގަވައިދުގައިވަނީ ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މިއީ ޑިމޮކްރެޓިކް އެހެން ގައުމުތަކުގައި ވެސް މިކަން އޮންނަ ގޮތް ކަމަށް ވެސް އެނޫސްބަޔާނުގައި ބުނެފައިވެ އެވެ.


ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ 2 ން ބާރުލިބިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލައި ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާއިން ފެށިގެން 205 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުން މަޖިލީހުގެ ޖަލްސާ ތަކަށާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ޙާޒިރުވުމުގެ ޙައްގު މަޖިލީހުގެ ކޮންމެ ޢިއްޒަތްތެރި މެންބަރަކަށްވެސް ލިބިގެންވާ ކަން ކަށަވަރު ކޮށްދީފައިވާކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ. އަދި އެފަރާތުގެ ބެއްލެވުމުގެ ދަށަށް މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ގެންދެވުމާ ގުޅިގެން އެކަން ހިނގައިފައިވާ ގޮތެއް ސާފުކޮށްދެއްވުން އެދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށާއި މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސްއަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުވި ސިޓީތަކަށާއި މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށް ދެއްވުމަށް ދަންނަވައި ފޮނުވި ސިޓީތަކަށް ޖަވާބެއް ދެއްވާފައިނުވާކަން ފާހަގަކުރައްވާ ކަމުގައި ވެސް އެ ނޫސްބަޔާނުގައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު