ނ. މާފަރު އިންޓާނޭޝަނަލް އެެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމުމަށްފަހު ޓަފް އޮފްޝޯ ކުންފުންޏަށް އެ ރަށުން ފައިބަން ޖެހުނެވެ. ކުއްލިއަކަށް އެ ރަށުން ފައިބަން ޖެހުމުން އެ ކުންފުނީ އަތުގައި ހުރި ތާރު ފީފާތަކަށް ހަދާނެ ގޮތެއް ނޭނގުނެވެ.
އެހެންކަމުން ތާރުތައް ކައުންސިލަށް ވިއްކާލަން ފުރަތަމަ ވާހަކަ ދެކެވުނެވެ. ނަމަވެސް އެކަން އެގޮތަށް ނުވުމުން ފަހުން، ތާރުތައް ކައުންސިލަށް ހަދިޔާ ކުރީއެވެ.
ތާރު ފީފާތަކާ ކައުންސިލުން ހަވާލުވި
ދެހާސްނަވާރަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ޓަފް އޮފްޝޯ ކުންފުނިން މާފަރު ކައުންސިލަށް ސިޓީއެއް ފޮނުވައިފައިވެއެވެ. އެ ސިޓީގައި މާފަރު ކައުންސިލަށް ހަދިޔާ ކުރި ތަކެތި ބަލައިގަތުމަށް އެދިފައިވެއެވެ.
ޓަފް ކުންފުނިން މާފަރު ކައުންސިލަށް ޖުމުލަ 1026 ތާރު ފީފާ ހަދިޔާ ކޮށްފައިވެއެވެ. އަދި އެ ސިޓީގައި ބުނެފައިވަނީ އެ ކުންފުނިން އެ ތާރުތައް ހަވާލު ކުރާނީ އޭރު މާފަރު ކައުންސިލްގެ ނައިބު ރައީސް ޒަކަރިއްޔާ މުހައްމަދުފުޅަށް ކަމަށެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ އެ ތާރު ފީފާތަކަށް ޓަފް ކުންފުނިން އިތުރަށް ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އަދި އެ ތާރު ފީފާތައް ގަބޫލުކުރީތީ މާފަރު ކައުންސިލަށް އެ ކުންފުނިން ޝުކުރު އަދާކޮށްފައި ވެސް ވެއެވެ.
އޭގެ ހަތަރު ދުވަސް ފަހުން 2019ވަނަ އަހަރުގެ ޑިސެމްބަރު ނުވަވަނަ ދުވަހު ޒަކަރިއްޔާ ސޮއިކުރައްވާ މާފަރު ކައުންސިލުން ޓަފަށް ސިޓީއެއް ފޮނުވައިފައިވެއެވެ.
އެ ސިޓީގައި މާފަރު ކައުންސިލަށް ޓަފުން ކުރި "ޚައިރާތު" ބަލައިގަންފައިވާ ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި 15 ޓަނުގެ ހިލަވެލި، 07 ހައިބެކް ޗެއާ، 1026 ތާރު ފީފާ އަދި 02 މޭޒު ހިމެނެއެވެ. އެ ހުރިހާ ތަކެތި ގަބޫލުކޮށް މާފަރު ކައުންސިލުން އެ ދުވަހު ޓަފަށް ސިޓީ ވަނީ ފޮނުވައިފައެވެ.
ތާރުތައް މުޅި މަގަށް ފައިބައިފައި!
ތާރުތަކާ ހަވާލުވުމަށްފަހު މާފަރު ކައުންސިލުން ތާރުތައް ގެނެސް ހުރީ އެއާޕޯޓު ކުރިމައްޗަށް ވާ ގޮތަށް އޮންނަ ހުސް ބިމެއްގައި ބަހައްޓައިފައެވެ. ދޭހައި އަތްވެއްގައި ހުރެ އެ ތާރު ފީފާތައް ދިޔައީ ހަލާކުވަމުންނެވެ.
ހަލާކުވަމުން ގޮސް އެ ތާރު ފީފާތައް ފޫ ގޮސް މިދިޔަ އަހަރުގެ ތެރޭގައި އެތަނަށް ތާރުތައް ފައިބަން ފެށިއެވެ. އެއާޕޯޓަށް ދާން އޮންނަ މައި މަގަށް ވެސް ތާރުތައް ފައިބާ ރައްޔިތުން އެތައް ޝަކުވާއެއް ކުރިއެވެ.

ތާރުތައް ވަނީ ބޮޑުމަގަށް ވެސް ފެތުރިފައި -- ފޮޓޯ/ މުހައްމަދު އާމިރު
އެ ފަހަރު މާފަރު ކައުންސިލުން ބުނީ އެމްޓީސީސީއާ ގުޅިގެން އެ ތާރުތައް އެހެން ތަނަކަށް ގެންދެވޭތޯ މަސައްކަތް ކުރަނީ ކަމަށެވެ. ނަމަވެސް އެކަން ވެސް ވީ ބަހަބަރެވެ. ވީ ކަމެއް ނެތެވެ.
އެ ތާރު ފީފާތައް ވިއްކާލަން ކުރީގެ ކައުންސިލުން އިއުލާން ވެސް ކުރިއެވެ. މާފަރު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 1026 ފީފާ ތާރު ނީލަން ކިޔުމަށް އެންމެ ފުރަތަމަ އިއުލާން ކޮށްފައި ވަނީ ނިމިދިޔަ 2020 ވަނަ އަހަރުގެ މާރޗު މަހުގެ 1 ވަނަ ދުވަހުއެވެ.
އޭގެ ފަހުން 27 އޯގަސްޓް 2020 ގައި ވެސް މި ތާރު ފީފާތައް ނީލަން ކިޔުމަށް ކައުންސިލުން އިއުލާން ކޮށްފައިވެއެވެ. މި ދެ އިއުލާނުގައި ވެސް އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ތާރުތައް ވިއްކާލެވޭނެ ކަމަށް ބުނެފައިވެއެވެ.
އެ ތާރުތައް ގިނަ ދުވަސްވީ ވަރަކަށް ދިޔައީ އެ ސަރަަހައްދުގެ ބޮޑު ބަޔަކަށް ފެތުރެމުންނެވެ. އެ ހުސް ބިމާ އިންވެގެން ހުރީ މީހުންގެ ގެވަޅުތަކެވެ. މިހާރު އެ ގެވަޅުތަކަށް ވެސް ވަނީ ތާރުތައް ފެތުރިފައެވެ.
މާފަރުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ މިހާރު އެ ސަރަހައްދުގައި އޮތް ތިން ގެވަޅަކަށް ތާރުތައް ފެތުރިފައިވާ ކަމަށެވެ. އަދި ތާރުތައް ބިމުއަޑިއަށް ފައިބަމުން ދާ ކަމަށާއި އެކަމުގެ ސަބަބުން ފެން ތަޣައްޔަރުވުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.
ކައުންސިލަށް ސަރުކާރުން އެއްބާރުލުމެއް ނުދޭ!
އަލަށް އިންތިހާބުވި ކައުންސިލަރުން ކެމްޕެއިނަށް ރައްޔިތުންގެ ގާތަށް ދިއުމުން ވެސް އެދުނު އެއް ކަމަކީ އެ ތާރުތައް އެތަނުން ނަގައިދިނުމެވެ. ނުވަތަ ނައްތައިލަދިނުމެވެ.
އެ ތާރުތައް އެތަނުން ނަގައިދޭނެ ކަމަށް ކައުންސިލަށް މިހާރު ހޮވިފައިތިބި އެމްޑީޕީގެ ކައުންސިލަރުން ވައުދުވިއެވެ. ހުވާ ކުރާތަ ތިން މަސްތެރޭ ތާރުތައް ނަގައިދޭނެ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ތާރުތައް ނެގިފައި ނުވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
މާފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އާމިރު ވިދާޅުވީ ތާރުތައް ކޮންމެ ދުވަހަކު ވެސް ހޫނުގަދަވާއިރަށް ދިޔާވެގެން ފައިބާ ކަމަށެވެ. އަދި އެ ތާރުތައް ބޮޑުމަގަށް ވެސް ފައިބާ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
އެ ގޮތަށް ތާރުތައް ފޭބުމުން ކައުންސިލުން މަސައްކަތު މީހުން ފޮނުވައިގެން އެތަނަށް ވެލި އަޅަނީއެވެ. ނަމަވެސް އެއީ ހައްލެއް ނޫންކަން އާމިރު ވެސް ގަބޫލުކުރައްވައެވެ. އަދި އެކަމަށް ހައްލެއް ހޯދަން ކައުންސިލުން ވެސް ބޭނުންވެއެވެ.
އެ ތާރުތައް އެތަނުން ނެގުމަށް އަމިއްލަ ގޮތުން ވެސް ކުންފުންޏަކާ ކައުންސިލުން ވާހަކަ ދެއްކިއެވެ. ކައުންސިލުން އެކަމަށް އެއްވެސް ފައިސާއެއް ބޭނުންނުވާ ކަމަށް ކައުންސިލުން އެ ކުންފުންޏާ ވާހަކަ ދެއްކިއިރު ވެސް ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެ ކުންފުނިން ވެސް ފަހުން ހަބަރެއް ނެތެވެ.

ގިނަ ތާރު ފީފާތައް ވަނީ ހަލާކުވެފައި -- ފޮޓޯ/ ރިއްފަތު އިބްރާހީމް
އާމިރު ވިދާޅުވީ މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ވާހަކަ ދެކެވިފައިވާ ކަމަށެވެ. އަދި ރަސްމީ ގޮތުން ވެސް އެ އިދާރާތަކަށް ދެންނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ރަސްމީ އެއްވެސް ޖަވާބެއް ކައުންސިލަށް ލިބިފައިނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ކައުންސިލުން ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި ވެސް ކައުންސިލުން ވަނީ އެ ތާރުތައް ނަގައިދޭން އެދިފައެވެ. އެހެން ނަމަވެސް އެކަމަކަށް ވެސް ކުރިމަގެއް ފެނިފައެއް ނުވެއެވެ.
"ފޯނުން ގުޅައިގެން ރައީސް އޮފީހުގެ ބޭފުޅުންނާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކާފަ ހުންނާނީ. އެކަމަކު ސަރުކާރުގެ އެއްވެސް އަޅާލުމެއް މިކަމަކަށް ނެތް،" އާމިރު ވިދާޅުވިއެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ނައީމު ވިދާޅުވީ މި މައްސަލަ އީޕީއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން އެހެންވުމުގައި ޒިންމާވާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.
"އެކި ފަހަރު އެކިގޮތަށް މި ވާހަކަ އަންނަނީ. އެއްބަޔަކު އެބަ ބުނޭ ކައުންސިލުން ބުނެގެނޭ އެ އެއްޗެހި ބަހައްޓައިފައި އެ ހުރީ. އެ މީހުން ހަވާލުވެގެނޭ،" ނައީމު ވިދާޅުވިއެވެ.
ނައީމު ވިދާޅުވީ އެކަމުގައި ޒިންމާވާނެ ފަރާތެއް ހޯދުމަށްފަހު އެ ތާރުތައް ނަގަން އަންގާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނީ އެ މައްސަލަ ބަލާ ނިންމުމަށްފަހުގައެވެ.
ހޫނުވާވަރުން ކެތް ނުވޭ!
ތާރުތައް ފެތުރެމުން އައިސް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ގެތަކާ ހަމައަށް ވެސް ވަނީ ފޯރާފައެވެ. އެކަމުގެ ސަބަބުން އެތައް ދަތިތަކެއް އެ މީހުންނަށް ކުރިމަތިވެއެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ މެންދުރު ވަގުތު ހޫނުވާ ވަރުން ގޭތެރޭގައި ކެތް ނުކޮށްލެވޭ ކަމަށެވެ. އަދި އެ ހޫނު އިޝާނަމާދު ފަސްވާއިރު ވެސް ނުކެނޑޭ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
އެ ތާރުތައް މިހާރު ހުރީ އެ ގޭ ވަށާފާރުގައި ޖެހިފައެވެ. އެތަނުގައި ދޫނިސޫފާސޫފި މަރުވެ ކުނިވެފައި ހުންނަކަމަށާއި އެކަމުގެ ސަބަބުން ވެސް ވަރަށް އުނދަގޫވާކަމަށް އޭނާ ފާހަގަ ކުރިއެވެ.
"ގޭ ފާރުގައި ޖެހިފައި އެއޮތީ ތާރުތައް. ވަށާފާރުގައި ސިމެންތި ވެސް ނުޖެހިފައި އެ އޮތީ އެހެންވެގެން. ފުރަތަމަ ފާރުގައި ޖެހެން ފެށީމައި ވެސް އެދުނިން ނަގައިދޭށޭ،" އޭނާ ކިޔައިދިނެވެ.
ފާރުގައި ސިމެންތި ނުޖެހި ހުރުމުގެ ސަބަބުން ވިއްސާރަވެއްޖެނަމަ ގޭތެރެއަށް ފެންވަދެއެވެ. އަދި އެހާވަރަށް ހޫނުވާތީ ފާރު ފަޅަފަޅައިގެން ވެސް އެބަދެއެވެ.

ގޭގެ ފާރުގައި ތާރުތައް ވަނީ ޖެހިފައި --
އެތަނުގައި ތާރުތައް ފެތުރިފައިވާތީ އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ބިރު ވެސް އޭނާއަށް އެބައޮތެވެ.
"އަޅުގަނޑުގެ ގޭގައި ޖެހިފައި އެހުރީ ހުރިހާ ތާރެއް. އަލިފާނުގެ ހާދިސާއެއް ހިނގައިފިއްޔާ ކިހިނެއް ނިއްވާނީ. އަޅުގަނޑުގެ ދިރިއުޅުން އެއްކޮށް ދިޔައީ އޭރުން. އެއްދުވަހަކު މިތާ ކައިރި ގެވަޅެއްގައި މީހަކު އަލިފާން ރޯކުރި އަޑަށް އަޅުގަނޑު ނުކުތީ، ކިރިޔާ ހަމަ ނިއްވާލެވުނީ ތާރުތަކުގައި ރޯވާން ވާއިރަށް،" އޭނާ ކިޔައިދިނެވެ.
އެކަމުގެ ސަބަބުން ބައެއް ފަހަރަށް ވަރަށް ބިރުގަންނަކަމަށް އޭނާ ފާހަގަ ކުރިއެވެ. އަދި މީހަކު ސިނގިރޭޓު ބަޓު ބުރިއެއް އެއްލައިގެން ވެސް ރޯވެދާނެކަމުގެ ބިރު އޮންނަކަމުގައި ބުންޏެވެ.
ތާރުފީފާތަކުން ތާރުތައް ފައިބާތީ އެކަން މާފަރުގެ ރައްޔިތުންނަށް ވަނީ އާއްމު އުނދަގުލަކަށް ވެފައެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުން ގެވަޅު ލިބިފައިވާ މީހުންނަށް އުފުލަން ޖެހިފައިވާ ތަކުލީފު ވެސް ބޮޑެވެ. އެ ތާރުތައް ކައުންސިލުން އެ ދުވަހު ބަލައިގަތުމުން މިއަދު ރައްޔިތުންނަށް ވަނީ ތުރާލަކަށް ވެފައެވެ.