ސިޔާސީ މަސްރަޙުގައި ހިނގައިދިޔަ ކަންތައްތައް ހަނދާން ނައްތާލައި، ގައުމައިގެން ކުރިއަށް ދިއުމަށް، އަދާލަތުން ގޮވާލައިފި

19:00


ސިޔާސީ މަސްރަޙުގައި ހިނގައިދިޔަ ކަންތައްތައް ހަނދާން ނައްތާލައި، އާ ޢަޒުމަކާއެކު އިސްލާހާއި ވަޙުދަތުގެ ވާފަށުގައި ހިފައިގެން ތެދުވެ އަޅުގަނޑުމެންގެ މާދަމައިގެ މުސްތަޤްބަލް ކަމުގައިވާ ޅަދަރިންނާއި، އަންނާންއޮތް ޖީލާ މެދު ހެއުވިސްނުމަކުން ވިސްނައި ގައުމައިގެން ކުރިއަށް ދިއުމަށް، ސަރުކާރާއި ސިޔާސީ ފަރާތްތަކަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.


މިކަމަށް އިލްތިމާސްކޮށް އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ސިޔާސީ، މައްސަލަތަކަށް އިޝާރާތްކޮށް ބުނެފައި ވަނީ، މި އިމްތިޙާނުތަކުން ފެއިލްވެއްޖެނަމަ ފެއިލްވެގެން އެ ދަނީ އެންމެހައި ރައްޔިތުންނާއި މުޅި ޤައުމާއި ދައުލަތް ކަމަށާއި، ބަދްނާމުވެ ފަލީހަތްވެގެން ދަނީ މި މިއްލަތުގެ ކޮންމެ ރައްޔިތެއް ކަމަށެވެ. އަދި ތިންބާރު މަސްހުނިވެ، ތިންބާރުގެ ވެރިންގެ މެދުގައި އިޚްލާޞްތެރިކަން ނެތި، އެއްބަޔަކު އަނެއް ބަޔަކަށް ބަދަލުހިފުމުގެ ޝުޢޫރު އިސްކުރަމުންދާ ހިތާމަވެރި މަންޒަރު، މިއަދު ގައުމުން ފެންނަން ފަށައިފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ. އަދި ރައްޔިތުން އެ ފަރާތްތަކާ ޤައުމު ޙަވާލުކުރީ މި ޤައުމައިގެން ކުރިއަށް ދިއުމަށް ކަމަށާއި، ރަނގަޅު ގޮތުގައި މިޤައުމު ހިންގާނޭ ކަމުގެ ފޮނި އުއްމީދުގައި، ނަމަވެސް މިއަދު މި ޤައުމުގައި ވެރިއަކަށް އިޙްތިރާމުކުރާނެ ރައްޔިތަކު ނެތް ކަމަށާއި މަޔަކާއި ބަފަޔަކަށް ލޯތްބެއް ދީފާނެ ދަރިއަކު އުފެދިފައި ނެތް ފަދަ ކަމުގައި ވެސް އެ ބަޔާނުގައިވެ އެވެ. އަދި މުޅި ޤައުމުގައި މިއޮތީ އަމަންއަމާންކަމާއި ސަލާމަތްތެރިކަމާއި ހިތްހަމަޖެހުމާއި ސުކޫނަތު ގެއްލި ގޮސް، ޖަނަވާރުންގެ ޖަންގައްޔެއް ފަދަ ތަނަކަށް ބަދަލުވެފައި ކަމަށާއި،  ތިމާގެ ގޭގައި ހިތްހަމަޖެހިގެން ނިދާލެވެން ނެތް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ތިމާގެ މުދަލުގެ އަމާންކަން ނެތްތަނުގައި، ނަފްސުގެ ސަލާމަތްތެރިކަން ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އަބުރާއި ޢިއްޒަތާއި ކަރާމާތް ވެއްޔާއި މޮޑެވި ގޮސް ޤައުމުގައި މާރާމާރީއާއި ވައްކަމާއި ލޫޓުވުމާއި ފޭރުން ޢާއްމުވެފައިވީއިރު، ކުޑަކުދިންނާއި ޢިއްފަތްތެރިންގެ ޢިއްފަތް ލޫޓުވުމާއި މިކަންކަން މިއޮތީ ޖަންގަލީގެ ޤާނުނީ ހަމަތަކަށް ބަދަލުވެފައި ކަމަށް ވެސް އަދާލަތު ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު