ތިޔަ ލޯބި އެދިގެން... - 30

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

ކާރު ދުއްވައިލުމާއެކު މިންހާ އޭނާގެ ތުންފަތްމަތީގައި ވީ ހިނިތުންވުން ފުޅާކޮށްލިއެވެ. އޭނާއަށް މޭގައި އަތް ޖައްސައިލެވުނެވެ. އަލަށް މަތިންދާ ބޯޓަކަށް އަރަން ޖެހޭތީ އޭނާ ކޮންމެވެސް ވަރަކަށް ޖެހިލުންވެސް އެބަ ވެއެވެ.

ގައިގަނޑަކަށް ފަނަރަ މިނިޓް ގެ ދަތުރަކަށްފަހު، އެއާރޕޯޓަށް އާދެވިއްޖެއެވެ. ޝިޒާން ފައިބަމުން މިންހާ އިން ފަރާތު ދޮރުފަތް ހުޅުވައިލަދިނެވެ. އެއާއެކު މިންހާ ފޭބިއެވެ. އޭނާއަށް ވަށައިގެންވީ މާހައުލަށް ނަޒަރު ހުއްޓައިލެވުނެވެ. އާދައިގެމަތިން އެއާއާރޕޯޓް ވަރަށް ވެސް ހަލަބޮއްޔެވެ. ފުރަން ދާ މީހުންނާ ރާއްޖެ އަންނަ މީހުންނެވެ. ގިނައީ ފަތުރުވެރިންނެވެ. ފެންނަމުންދިޔަ މަންޒަރުތަކުން ނަޒަރު ވަކިކޮށްލަން ނޭނގިފައި މިންހާ ހުއްޓެވެ.

މިންހާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު، ޝިޒާން އޭނާގެ އަތުގައި އޮތް ރޮލެކްސް ގަޑިއަށް ނަޒަރު ހުއްޓައިލިއެވެ. އޭރު ޗެކިން ފެށެން ހުރީ ފަސްމިނިޓަށް ވެފައެވެ.

"ހިނގާ ދާން! ޗެކިން ފެށޭ ގަޑި ޖެހުނީ..." ފަރާތް ފަރާތަށް ހޯދަމުންދިޔަ، މިންހާއަށް ގޮވައިލަމުން ޝިޒާން ވާހަކަ ދެއްކިއެވެ. މިންހާ ސިހުނީ ޝިޒާން އޭނާއަށް ގޮވައިލުމުންނެވެ. ޝިޒާން ފޮށިތައް ދަމަމުން އެތެރެއަށް ދިޔުމަށް ހިނގައިގަތްއިރު، އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ގިނަ އަންހެން ކުދިންގެ ނަޒަރުތައް ހުރީ އޭނާއަށް ހުއްޓިފައެވެ. އެ މަންޒަރު ރީތިކޮށް މިންހާއަށް ފެނުނެވެ. ބައެއް އަންހެން ކުދިން އޭނާއަށް އެވަރަށް ބަލާތީ މިންހާ ހުރީ އުނދަގޫވެސް ވެފައެވެ. އެ ނަޒަރުތަކުން އޭނާއާ މެދު ހަސަދަވެރިވާހެން ވެސް ހީވެއެވެ. ޝިޒާންއަށް ބަލައިލުމަށްފަހު މިންހާ ފުންނޭވާއެއް ދޫކޮށްލިއެވެ.

އެ ކަތި ނަޒަރުތަކުން ސަލާމަތްވެގެން އެމީހުންނަށް އެތެރެއަށް ވަދެވުނުއިރު ވެސް މިންހާއަށް ހުރެވުނީ ހައިރާންވެފައެވެ. ދުވަހަކުވެސް އޭނާ އަދި އެއާޕޯޓަކަށް ވެސް އައިސްފައެއް ނުވެއެވެ. އެ ހަލަބޮލި މާހައުލު އޭނާއަށްވީ ވަރަށް ވެސް އާ މާހައުލަކަށެވެ.

ޗެކިން ވެގެން އެތެރެއަށް ވަނުމަށްފަހު، ފްލައިޓަށް އަރަން ދިޔުމާމެދު ވަގުތުކޮޅެއް ލިބުމާއެކު އެމީހުން ގަސްތުކުރީ ކޮންމެވެސް އެއްޗެއް ކައިލުމަށެވެ. ކާންތިބެފައި ޝިޒާން މިންހާއަށް ބަލައިލުމަށްފަހު ވާހަކަ ދެއްކިއެވެ.

"އަހަރެންގެ އާއިލާއަށް މިންހާ ފެނުނީމަ ވަރަށް އުފާވާނެ!" ޝިޒާން އޭނާގެ ކުރިމަތީގައި ހުރި ޖޫސްތަށިން އެތޮ ފޮދެއް ބޮއިލިއެވެ. މިންހާ އިތުރު އެއްޗެއް ނުބުނެއެވެ. އޭނާ ފޯނަށް މެސެޖެއް އައުމާއެކު ބަލައިލިއެވެ. އެއީ ޔޫލިންގެ މެސެޖެކެވެ.

"މިންނު އަލަށް ރާއްޖޭން ބޭރަށް ދާ ވާހަކަ ބުނީއްސުރެ އަހަރެންވެސް ވަރަށް އެކްސައިޓެޑް. އެއާޕޯޓްގަތަ މިހާރު؟" މިންހާ އެ ސުވާލަށް ރިޕްލައިކޮށްލުމާއެކު ޔޫލިން އޭނާއަށް ގުޅައިލިއެވެ. މިންހާ އިރުކޮޅަކު ޔޫލިންއާ ވާހަކަ ދައްކައިލިއެވެ. ފޯނު ބޭއްވުމާއެކު ޝިޒާން ވާހަކަ ދެއްކިއެވެ.

"ލީންތަ؟"

މިންހާ ބޯ ޖަހައިލިއެވެ.

ބޯޑިންއަށް ހުޅުވައިލުމާއެކު ދެމީހުން ދާން ހިނގައިގަތެވެ. މިންހާ ހުރީ ޝިޒާންގެ ފަހަތުގައެވެ. އެކުގައި ދެމީހުން ގޮސް ފްލައިޓަށް އެރުމާއެކު މަރުޙަބާކީ ފްލައިޓްގެ ކެބިންކުރީއެކެވެ. ހިނިތުންވުމަކާއެކު އެމީހުން ދާންވީ މިސްރާބު އެ ކުއްޖާ ބުނެލަދިނެވެ. މިންހާ ހިނިތުންވެލުމަށްފަހު، ޝިޒާންގެ ފަހަތުން ހިނގައިގަތެވެ. ޝިޒާން މިންހާއަށް ބަލައިލުމަށްފަހު ކުޑަކޮށް މިންހާގެ އަތުގައި ހިފައްޓައިލިއެވެ. މިންހާއަށް ކުޑަކޮށް ސިހުން ލިބުުނަމަވެސް އޭނާއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ ވެސް ޝިޒާންގެ ފަހަތުން ދިޔައެވެ.

"ވަދޭ..." ވަކި ހިސާބަކަށް ހުއްޓިފައި ސީޓަށް އިޝާރާތް ކޮށްލަމުން ޝިޒާން ބުނެލިއެވެ. ފްލައިޓްގެ ވިންޑޯ ސީޓްގައި މިންހާ އިށީންއިރު ޝިޒާން އިނީ މިންހާއާ ޖެހިގެންނެވެ. އޭނާ ބޭރު ބަލައިލިއެވެ. މިންހާއަށް ބަލައިލުމަށްފަހު ޝިޒާން އަތުގައި އޮތް ގަޑިއަށް އަނެއްކާވެސް ބަލައިލިއެވެ.

ޓްރާންސިޓް ފްލައިޓަކަށްވާތީ ދަތުރު ދިގުވާނެކަން ޝިޒާން މިންހާއަށް ހަނދާންކޮށްލަދިނެވެ. މިންހާގެ ފުރަތަމަ ދަތުރުކަމުން އޭނާ އިނީ ކުޑަކޮށް ޖެހިލުންވެއެވެ. މޫނުމަތިން އެ އަސަރުތައް ފޮރުވަން މިންހާ މަސައްކަތް ކުރިނަމަވެސް، އެކަން ޝިޒާންއަށް އޮޅުވައެއް ނުލެވުނެވެ.

"ބިރުންތަ ތިއިނީ؟" ޝިޒާން މިންހާއާ ސުވާލުކޮށްލިއެވެ.

"ނޫން..." މިންހާ ޖަވާބުދިނެވެ. އޭނާ ދެއަތް ދެއަތާ މޮޑެމުން ދިޔައެވެ. ޝިޒާންއަށް އޭނާ އިނީ ހާސްވެފައިކަން އަންގާކަށް މިންހާ ބޭނުމެއް ނުވިއެވެ. އޭނާ ދޮގުހެދީ އެހެންވެއެވެ.

"ހާސްވެފަތަ؟" ޝިޒާން ލުއި ހިނިތުންވުމަކާއެކު، އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ނުވޭ ހާހެއް..." މިންހާ ޝިޒާންއަށް ބަލައިލިއިރު، އެ މޫނުމަތިން ހާސްކަމުގެ އަސަރުތައް ޝިޒާންއަށް ރީތިކޮށް ފެނުނެވެ.

"ކަމެއްނުވާނެ އިރަދަކުރެއްވިއްޔާ. ފުރަތަމަ ފަހަރު ދަތުރު ކުރާއިރު އެހެންވެސް ވާނެ. ފަހުން ރަނގަޅުވާނެ!" ޝިޒާން ބުނެލިއެވެ. އެއަށްފަހު، އޭނާގެ ހިނިތުންވުން ފުޅާކޮށްލިއެވެ. މިންހާއަށް ހިނދުކޮޅަކަށް ހުއްޓުން އަރާފައި އިނދެވުނެވެ. ޝިޒާންގެ އެ ފުން ކަނޑެއް ފަދަ ދެލޮލުގެ ތެރެއަށް ފީނައިލަން އެ ހިނދުކޮޅު އޭނާ ބޭނުންވިއެވެ. ޝިޒާންގެ އެ ދެލޮލުގެ ވިދުމުގެ ފަހަތުގައި ވަނީ ކީކޭކަން ބެލުމަށް އޭނާ ބޭނުންވިއެވެ. އެ ނަޒަރު އޭނަ މާނަ ކުރަންވީ ކިހިނެއްހެއްޔެވެ؟ އޭނާއަށް ބަލައިލާއިރު ޝިޒާންގެ ދެލޮލުގައި އެ ހުންނަނީ ކޮންފަދަ އަސަރުތަކެއް ހެއްޔެވެ؟ އެ ފުންކަނޑެއްފަދަ ދެލޮލުން އޭނާއަށް ބުނެދޭން މަސައްކަތްކުރަނީ ކީކޭ ހެއްޔެވެ؟. އެ ދެލޮލުގެ ސިއްރުވެރިކަމުން އޭނާ މާނަ ނަގާނީ ކިހިނެއްހެއްޔެވެ؟ ޝިޒާންއާ އިނދެގެން އުޅުނު ކަމުގައި ވިނަމަވެސް، ޝިޒާންއާ ބެހޭ މާގިނަ ކަންތައްތަކެއް އޭނާއަކަށް ނޭނގެއެވެ. އެނގޭހަމައެކަނި ކަމަކީ ޝިޒާންއަކީ ބޮޑު މުއްސަންޖެއްކަމެވެ. އޭނާގެ އާއިލާ ރާއްޖޭން ބޭރުގައި އުޅޭކަމެކެވެ. ކައިވެންޏަށްވެސް އެމީހުން ނައި ސަބަބެއް މިންހާއަކަށް ނޭނގުނެވެ.

އަލަށް ޝިޒާންގެ އާއިލާގެ މީހުންނާ ބައްދަލުވާން އުޅޭތީ އޭނާ ހުރީ ހިސާބަކަށް ޖެހިލުންވެފައެވެ. މިންހާ ލޯގަނޑުން ބޭރުބަލައިލިއެވެ. އޭނާ އިނީ އެ ނުތަނަވަސްކަން ފޮރުވަން ބޭނުންވެފައެވެ.

ކެބިން ކްރޫއަކަށް ހުރި އަންހެން ކުއްޖަކު އައިސް ސީޓް ބެލްޓް އަޅަން އިޝާރާތް ކޮށްލުމާއެކު މިންހާއަށް ބަލައިލެވުނީ ޝިޒާންއަށެވެ. އަލަށް އެފަދަ ކަމެއް ކުރަން ވުމުން އޭނާ ޖެހިލުންވާ ގޮތްވިއެވެ. އެ ކުއްޖާއަށް ޝުކުރު އަރާ ކޮށްފައި ޝިޒާން މިންހާއަށް ކިޔައިލަދިނެވެ.

"އަހަންނަށް އެނގޭ..." އެހެން ބުނެލުމަށްފަހު، މިންހާ ޝިޒާން ދައްކައިދިން ގޮތަށް ބެލްޓް އަޅައިލިއެވެ. ޝިޒާންއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. މިންހާ އުޅޭ ގޮތުން ބައެއް ފަހަރު އޭނާގެ ގާތަށް ހިނި އަންނަ ގޮތްވެސް ވިއެވެ.

އެވަގުތަކީ ފްލައިޓް ނައްޓައިލަން އުޅޭކަން އެނައުންސް ކުރި ވަގުތެވެ. އެއާއެކު މިންހާގެ ހިތުގެ ތެޅުން ކޮންމެވެސް ވަރަކަށް ބާރުވެލިއެވެ. އޭނާއަށް ލޯ މަރައިލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިންހާގެ އެ އަމަލުތަކަށް ބަލަން އިން ޝިޒާން މިންހާ ހިތްހަމަ ޖައްސުވައިދިނުމުގެ ނިޔަތުގައި ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އެއަށް ރައްދުދޭ ޚިޔާލެއް މިންހާ ނުކުރިއެވެ. އޭނާގެ ހިތްވަނީ އަވަސްވެފައެވެ. އަނެއްކާވެސް ފުންނޭވާއެއް މިންހާއަށް ދޫކޮށްލެވުނެވެ.

އެމީހުންނަށް ކެނެޑާއަށް ދެވުނީ އޭގެ އަނެއް ދުވަހު އިރުއޮއްސެކަން ހާއިރުއެވެ. ޝިޒާންއާ މިންހާ އެއާރޕޯޓުގެ އެރައިވަލް ގޭޓުން ނުކުތްއިރު، އެމީހުން ބަލާ ޝިޒާންގެ ބައްޕަގެ ޑްރައުވަރު ކަމުގައިވާ ލުއިސް އައިސް ހުއްޓެވެ. ޝިޒާން ފެނުމާއެކު އޭނާ އެދިމާލަށް ހިނގައިގަތެވެ.

"ސާރ...." ޝިޒާން ފެނުމާއެކު ލުއިސް ގޮވައިލިއެވެ. ލުއިސްގެ ނަޒަރު ހުއްޓުނީ މިންހާއަށެވެ. އޭނާއަށް ބަލައިލުމަށްފަހު، މިންހާ ހިނިތުންވެލަން މަސައްކަތް ކުރިއެވެ.

"ޝީ އިޒް މައި ވައިފް." ލުއިސްގެ ސުވާލުތަކުން ފުރިގެންވީ ނަޒަރު ޝިޒާންއަށް ފަހުމްވުމާއެކު އޭނާ ބުނެލިއެވެ. ލުއިސް ހިސާބަކަށް ލަދުގަންނަ ގޮތްވީ އޭނާގެ ހިތުގައި އޮތް ސުވާލުގެ ޖަވާބު ޝިޒާން ދިނީތީއެވެ.

ލުއިސް ފޮށިތައް ކާރަށް އެރުވުމަށް އެހީތެރިވެދިނެވެ. ކާރުގެ ފަހަތު ދޮރު ހުޅުވައިލަމުން، ޝިޒާން މިންހާއަށް އަރާ އިށީނުމަށް އިޝާރާތް ކޮށްލިއެވެ. ޝިޒާންއަށް ބަލައިލަމުން މިންހާ އެތެރެއަށް ވަނެވެ. އޭނާ އިށީނދެ ހަމަ ޖެހިލިއެވެ. ޝިޒާން އެރީ ކުރީ ސީޓަށެވެ. ކާރު ދުއްވަމުން ދިޔައިރު، މިންހާ އިނީ ލޯގަނޑުން ބޭރަށް ބަލަހައްޓައިގެންކަމަށް ވީނަމަވެސް އޭނާގެ ދެލޮލަށް ނިދި ސަވާރުވާން ފެށިއެވެ. އެސްފިޔަތައް ބަރުވާން ފެށިއެވެ. ދުރުދުރުން ފެންނަ އިސް އިމާރާތް ތަކުގައި ދިއްލާފައިވާ ލައިޓްތައް ފެންނައިރު އެ ހުންނަ ހުފަވެނީ މަންޒަރަށް އޭނާއަށް ހިތް ލެނބެމުން ދިޔުމުގެ ސަބަބުން މިންހާ ނުނިދަން ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާގެ ލޮލުގެ އެސްފިޔަތަކަށް ވެސް މާގިނަ އިރު ނިންޖާ ޖަދަލުކުރެވޭ ގޮތެއް ނުވިއެވެ. އިސާހިތަކު އޭނާގެ ދެލޯ މަޑުމަޑުން މެރެން ފެށިއެވެ. އޭނާ ލޯގަނޑުގައި ބޯ ޖައްސައިލިއެވެ. އެއާއެކު އޭނާއަށް ނިދިޖެހުނެވެ. ލަސްތަކެއް ނުވެ އޭނާއަށް ރަނގަޅަށްވެސް ނިދިއްޖެއެވެ.

އެމީހުންގެ މަންޒިލަކަށްވީ ކެނެޑާގެ ވެރިރަށާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ފަރުބަދަ މަތީގެ ރަށެކެވެ. ކާރުގައި އެ ހިސާބަށް ދެވުނުއިރު ރޭގަނޑު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ގޭގެ ބޮޑު ގޭޓުން ކާރު އެތެރެއަށް ވައްދައިލުމާއެކު، ޝިޒާންއަށް ވެސް ކާރުތެރޭގައި އިނދެ މޯޅިއަކަށް ދެމިލެވުނެވެ. އޭނާއަށް ސީޓުގައި ރަނގަޅަށް އޮށޯވެލައިގެން ނިދިފައި އޮތް މިންހާއަށް ބަލައިލެވުނެވެ.

ކާރު މަޑުކޮށްލީ ގޭގެ އެތެރެއަށް ވަންނަން ހުންނަ ބޮޑު ދޮރުގެ އެއްފަރާތުގައެވެ. ޑްރައިވަރު ފައިބަމުން ޑިކީއިން ފޮށިތައް ނެގުމަށް އަވަސްވެގަތެވެ. ޝިޒާންވެސް ފައިބާ ވަށައިގެން އެގޭގެ ގޯތިތެރެއާ ގެއަށް ބަލައިލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާއަށް ނިތުގައި އަތްވެސް ޖައްސައިލެވުނެވެ. ކާރަށް ބަލައިލަމުން އޭނާ ދޮރުފަތް ހުޅުވައިލިއެވެ. އަނބުރާ އެ މާހައުލަށް އާދެވުމުން އޭނާއަށް ބުނެދޭން ނޭނގޭ އަސަރުތަކެއް ކުރިއެވެ. އެމޫނުމަތީގައިވީ ކޮން ކަހަލަ އަސަރުތަކެއްކަން ދެނެގަންނާކަށް ފަސޭހައެއް ނުވިއެވެ.

"މިންހާ... މިންހާ!" މިންހާ އޮތީ ގަދަ ނިދީގައިކަމުން ޝިޒާން ދެފަހަރަކު މިންހާއަށް ގޮވައިލި ނަމަވެސް ،އޭނާއަށް ހެޔެއް ނުލެވުނެވެ. ޝިޒާން ދެ ވިސްނުމެއްގައި ހުރެފައި، މަޑުމަޑުން އޭނާގެ ކަނާއަތުން މިންހާގެ ކޮނޑުގައި ޖަހައިލިއެވެ. ސިހުނު މިންހާ އަށް ދެލޯ ހުޅުވައިލެވުނެވެ. އެއާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ ކާރުތެރެއަށް ބޯ ލައިގެން އޭނާއާ ދިމާލަށް ކުޑަކޮށް ގުދުވެ އޮތް ޝިޒާން ފެނިފައެވެ. އޭނާއަށް ވިސްނާ ނުލާ ތެދުވެވުމާއެކު، ދެމީހުންގެ ނިތްކުރި ޖެހުނެވެ. ތަދުވެގެން މިންހާއަށް ދެލޯ މަރައިލެވުނުއިރު، ޝިޒާންއަށްވެސް އަނގަޔަށް ގޮތެއް ހަދައިލެވުނެވެ. އޭނާ ނިތުގައި ފިރުމައިލަމުން މިންހާއަށް ބަލައިލިއެވެ.

"ގެއަށް އާދެވުނީ..." ޝިޒާން ބުނެލިއެވެ. މިންހާ ތެދުވެ އޭނާގެ އިސްތަށިގަނޑުގައ އަތުން ފުނާ އަޅައިލިއެވެ. އާފުރިލި މިންހާ ކާރުން ފޭބިއެވެ. އޭނާއަށް ވަށައިގެން ބަލައިލެވުނެވެ. ގޯތިތެރޭގައި ދިއްލާފައިވާ އޮރެންޖް ބޮކިތަކުގެ އަލިކަމުގެ ސަބަބުން ގޯތިތެރެ ފެންނަނީ ހުވަފެނީ ގޮތަކަށެވެ. އޭނާއަށް ވަށައިގެން އެގެއަށް ބަލައިލެވުނެވެ. ގޭގެ ވަންނަ ދޮރާ ދިމާލުގައި ހަތަރު ތަނބު ޖަހާފައިވާ އިރު، އެތަނބުތަކުގެ ވަށައިގެންވަނީ ފެހިކަން ގަދަ ވޮޔޮގަނޑެއް ހައްދާފައިވެއެވެ. އެއްފަރާތުގައި އިށީނދެވޭ ގޮތަށް ސޯފާތައް ބެހެއްޓިފައިވާއިރު އިންދާފައިވާ ގަސްތަކުގެ ސަބަބުން މުޅި އެތަންވެސް ފެންނަނީ ހުވަފެނީ ގޮތަކަށެވެ.

"ހިނގާ އެތެރެއަށް..." މިންހާއަށް ބަލައިލަމުން ޝިޒާން ބުނެލިއެވެ. ޝިޒާންއަށް ބަލައިލަމުން ޖެހިލުންވެ ހުރެ އޭނާ އެތެރެއަށް ވަންނަން ހިނގައިގަތެވެ.

ޝިޒާން އެތެރެއަށް ވަދެފައި މިންހާއަށް ބަލައިލިއިރު މިންހާ ދިޔައީ ވަށައިގެން އެގޭ ތެރެއަށް ބަލަމުންނެވެ. މާލޭގައި ޝިޒާންގެ ގެއަށް ވުރެ އެގެ ބޮޑުވެފައި ހައިބަވަންތައެވެ. ބަލައިލިލި ކޮންމެ ދިމާލަކުން ގޭގެ މުއްސަނދިކަން ފެންނަމުންދިއައެވެ. އޭނާ އަށް ހުރެވުނީ ހައިރާންވެފައެވެ. ގޭގެ ފަރުމާ ހިތްގައިމުވެފައިވާއިރު އެއީ މޮޅު ފަންނުވެރިއެއްގެ ހުނަރުން ފުރިގެންވީ މަސައްކަތްތަކެއްކަން ޔަޤީނެވެ. ގޭގެ ބޮޑު ކޮޓަރިއާ މުޅި ގޭ ތެރެއިންވެސް ޝާހީ ކުލަވަރު ފެންނަމުންދިޔައެވެ. މިންހާ ހުރި ގޮތުން ޝިޒާންއަށް ހިނދުކޮޅަކަށް އެ ނަޒަރު މިންހާއާ ވަކިކޮށްލަން ނޭނގިފައި ހުރެވުނެވެ.

"ދަރިފުޅާ ޝިޒާން!" މިންހާއަށާއި ޝިޒާންއަށްވެސް ހައިރާންކަން ލިބުނީ ޝިޒާންގެ ނަމުން އަންހެނަކު ގޮވައިލި އަޑު އިވިފައެވެ. މިންހާ ބަލަލިއިރު ގައިގަނޑަކަށް ފަސްދޮޅަހަކަށް އަހަރުވެފައިވާ އަންހެނަކު އައިސް ޝިޒާންގެ ކައިރީގައި ހުއްޓެނީއެވެ. އޭނާ ބަލާކަށް ނުހުރެ ޝިޒާންގެ ގައިގައި ބައްދައިލިއެވެ. އެއަށްފަހު ޝިޒާންގެ ނިތުގައި ބޮސް ދިނެވެ.

"ދަރިފުޅާ... ކިހިނެއްތަ؟" ޝިޒާންއަށް ބަލައިލަމުން އެމީހާ ބުނެލިއެވެ.

"މާމާ! އަޅުގަނޑު ރަނގަޅޭ... މީ އަޅުގަނޑުގެ އަންހެނުން... މިންހާ..." ޝިޒާން އޭނާގެ މާމަގެ އަތުގައި ހިފައްޓައިލަމުން މިންހާއަށް އިޝާރާތް ކޮށްލިއެވެ. މިންހާއަށް ހަރަކާތެއްވެސް ގެންނަން ނޭނގިފައި ހުއްޓާ އެ އަންހެން މީހާ އެ އައި ގޮތަށް އައިސް އޭނާގެ ނިތަށް ބޮސް ދީފައި ބައްދާލިއެވެ.

"މީ ޝިޒާންގެ މާމަ އިނގޭ. މީގެ ފަހުން މީ މިންހާގެ ވެސް މާމަ." ނޫރުލްހުދާ މިންހާއަށް ބަލައިލަމުން ބުނެލިއެވެ. އޭނާ މިންހާގެ ބޮލުގައި ފިރުމައިލިއެވެ. ނޫރުލް ހުދާއަށް ބަލައިލަމުން މިންހާ ހިނިތުންވެލިއެވެ. ނޫރުލްހުދާ ގެ ވާހަކަ ދެއްކުމުގައި ހުރީ ހިތްހެޔޮކަމެވެ. އެއްވެސް ކަހަލަ ބޮޑާކަމެއްގެ އަސަރެއް އެ މޫނުމައްޗަކުން ފާޅެއް ނުވެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

"ބައްޕަ ކޮބާ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"ކޮޓަރީގައި. ނިދިފައި އޮތީ..." ނޫރުލް ހުދާ ޖަވާބުދިނެވެ.

"އެހެން އެންމެން ކޮބާ؟" ޝިޒާން އަނެއްކާވެސް ސުވާލުކޮށްލިއެވެ. ނޫރުލް ހުދާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ދުވަމުން އައި އަންހެން ކުއްޖެއް އައިސް ޝިޒާންގެ ގައިގައި ބައްދައިގަނެފައި ހަޅޭއްލަވައިގަތެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު