ކަރުތާފެނުގައި ހުރެ ނިޒާރު ނެގި ފޮޓޯތަކުން ގެނބިގެންދަނީ ބޮޑުރާޅުގެ ތެރެއަށް

ސުނާމީގެ ބިރުވެރި މަންޒަރުތައް ކެމެރާގައި ރައްކާކުރި އަބްދުﷲ ނިޒާރު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

(ތ. ވިލުފުށިން) އަންހެނުންގެ ގޭ ކުރިމަތީ، ހަތަރު އަނގޮޅި ކަންމައްޗެއްގައި އަބްދުﷲ ނިޒާރު ހުރީ އޭނާގެ ދެ ރަހުމަތްތެރިންނާ ވާހަކަ ދައްކާށެވެ. އެއީ އޭނާގެ ދެބެންގެ ދެ ދަރި މީހެއްގެ ދަރިއަކާއި ބުރުނީ ރައްޓެއްސެކެވެ.

ތިން މީހުން ވާހަކަ ދައްކަން ތިބި އިރު ނިޒާރު ހުރީ އިރުމަތީ ފަރާތަށް އެނބުރިގެންނެެވެ. އެގޮތަށް ވާހަކަ ދައްކަން ހުންނައިރު ވެސް އޭނާއަށް އިރުކޮޅުކޮޅާ އެ ދިމާއަށް ބަލާލެވެއެވެ. ނަމަވެސް ތަފާތު ކަމެއް ފާހަގައެއް ނުކުރެވެއެވެ.

އެއްލި ކަޅިއަކުން ނިޒާރުއަށް ފާޑެއްގެ "ކުލައެއް" އިރުމަތީ ފަރާތުން ފެންނަން ފެށިއެވެ. އޭނާ ހީކުރީ އުދަ އަރަނީ ކަމަށެވެ.

އޭރު ނިޒާރުގެ އަތުގައި އޭނާގެ ބުރުނީ ރައްޓެއްސަކު ދީފައި އޮތް ކެމެރާއެއް އޮތެވެ. އެއީ ސޮނީ ސައިބާ ޝޮޓް ކެމެރާއެކެވެ. އެ ދުވަހު އޭނާގެ ބުރުނީ ރައްޓެއްސަކު އައުމުން ކެމެރާ އޮތީ ހަވާލުކުރަން ތައްޔާރު ވެސް ކޮށްފައެވެ.

ދެމައިން ރާޅަށް އަތު ނުވާން ދުވާ މަންޒަރު ފޮޓޯއިން

ރާޅު އަންނަތަން ފެނުމުން ނިޒާރު ދުވެފައި ގެއަށް ވަނީ ކެމެރާ ބަލައެވެ. ނަމަވެސް އޭނާގެ ކެމެރާގައި ރައްކާ ކުރެވެން މިއުޅެނީ ސުނާމީ ރާޅުގެ ފޮޓޯކަމެއް އޭނާއަކަށް ހިޔާލަކަށް ވެސް ނުގެނެވެއެވެ. އެއީ ވިލުފުށީގެ އެތައް ބައެއްގެ "މަރުގެ ރާޅު" ކަމެއް އޭނާއަށް ވިސްނައި ނުގަނެވުނެވެ.

"ގެއަށް ވަދެފަ ކެމެރާ ހުޅުވައިގެން އަޅުގަނޑު ނުކުތްއިރު އަރާފަ ހުރި ހިސާބު އެ ފޮޓޯއިން އެ ފެންނަނީ އަސްލު،" ނިޒާރު ކިޔައިދިނެވެ.

ސުނާމީ އެރި ދުވަހު ނިޒާރު ނެގި ފުރަތަމަ ފޮޓޯ -- ފޮޓޯ/ އަބްދުﷲ ނިޒާރު

ނިޒާރު ނެގި ފުރަތަމަ ފޮޓޯއަކީ މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު ފޮޓޯއެކެވެ. އެ ފޮޓޯގައި ފެންނަނީ މަޔަކު އޭނާގެ ދަރިފުޅުގެ އަތުގައި ހިފައިގެން ރާޅަށް "އަތު ނުވާން" ދުވާ މަންޒަރެވެ.

ނިޒާރު ނެގި ފުރަތަމަ ފޮޓޯގައި އޭނާގެ ބުރުނީގެ ރަހުމަތްތެރިޔާ ފާރެއްގެ މަތީގައި އިންދާ ފެނެއެވެ. ނަމަވެސް ދެވަނައަށް ނެގި ފޮޓޯގައި އޭނާއާ ހަމައަށް ލޮނުގަނޑު އައިސް ހަމަކޮށްފިއެވެ.

"ފުރަތަމަ ފޮޓޯގައި ލަތީ އިންނާނެ އެތާ އިން ފާރެއްގެ މަތީގައި، ދެން ދެވަނަ ފޮޓޯގައި އޭނަ ހުންނާނެ ހަމަ ރާޅު ތެރޭގައި،" ނިޒާރު ކިޔައިިދިނެވެ.

ނިޒާރު ދެވަނައަށް ނެގި ފޮޓޯ -- ފޮޓޯ/ އަބްދުﷲ ނިޒާރު

އެ ވަގުތު ނިޒާރުއަށް ނެގުނީ ތިން ފޮޓޯއެވެ. ގަދަ އޮއިވަރުގައި އޭނާ ވެސް ޖެހުނެވެ. އޭނާ ގޮސް ލައްވީ އެތަނުގައި ހުރި ރުކެއްގައެވެ.

ކެމެރާއަކީ މީހެއްގެ އެއްޗަކަށް ވާތީ ނިޒާރު އޭރު ހުރީ ކެމެރާ އިނގިލިތަކާ ލައި އޮޅައިލައިގެންނެވެ. އަދި އަތް ދަމާލުމަށްފަހު ކެމެރާ ހިއްލާލިއެވެ. އޭރު ވެސް ނިޒާރުގެ ގާތްގަނޑަކަށް ކަރުތާ ފެނަށް ލޮނުގަނޑު އަރައެވެ.

"އަޅުގަނޑުގެ އެއްޗެއްނަމަ އެ ފޮޓޯއެއް ނުފެންނާނެ އެއްވެސް މީހަކަށް، އެއީ އަޅުގަނޑު އެއްލާލާނެ ކެމެރާ. އަޅުގަނޑު މީހެއްގެ ކެމެރާއެއްވީމަ އަދިވެސް އެ ސަލާމަތްވާނެ ކަމަށް އިނގިއްޔާ އެއްކޮށް އޮޅާލައިގެން އަތް އެއްކޮށް މައްޗަށް ހިއްލައިލައިގެން އިނީ،" ނިޒާރު އެ ދުވަހުގެ ހަނދާންތައް އައު ކުރިއެވެ.

އެ ފޮޓޯ މިއަދުގެ ޒުވާން ޖީލަށް ފެންނަން އޮތް ސަބަބަކީ އެއީ ނިޒާރުގެ ކެމެރާއަކަށް ނުވުމެވެ. މީހެއްްގެ އަމާނާތަކަށް ވާތީ، ލޮނުގަނޑުގެ ތެރެއަށް މީހާ ގެނބިގެން ދާން އުޅުމުން ވެސް ނިޒާރު ކެމެރާ ސަލާމަތް ކުރެވޭތޯ ބެލިއެވެ.

ގިނަ އަނިޔާތަކެއް ވެސްވި

ރުކުގައި ލެނގިގެން ނިޒާރު ހުރީ ކެމެރާ ލޮނުގަނޑުގައި ޖެހުނަ ނުދޭންވެގެންނެވެ. އޭރު ވެސް އޮއިވަރުގައި ޖެހިގެން އޭނާ ގެންދާކަށް އެނގެއެވެ.

އެހެން ހުއްޓާ އޭނާގެ ބޯމަތިން ދެވަނަ ރާޅު ވެސް ބިންދާލީއެވެ. ކުރިމަތިން ފެނުނީ ގަސްތަކާއި ރުއްތައް މުލުން ލުހިގެން ދިޔަ މަންޒަރެވެ. ލޮނުގަނޑުގައި ދެމެމުންދިޔައީ ބޮޑެތި އެތިިގަނޑުތަކެވެ. އޭގެ ތެރެއިން ބައެއް އެއްޗެހި އައިސް ނިޒާރުގެ ގައިގައި ޖެހި އޭނާއަށް ވެސް އަނިޔާވިއެވެ.

އޭނާ ނެގި ފުރަތަމަ ފޮޓޯގައި ފެންނަ ދެ މައިން ރާޅުގެ އޮއިވަރުގައި ޖެހިގެން ދާތަން ވެސް ފެނުނެވެ. ނަމަވެސް އެ މީހުންނަށް އެހީވެވޭކަށް ވެސް އޭނާއަކަށް ނެތެވެ. އެ ވަގުތު މީހަކު އެހީއަށް އެދި ހަޅޭއްލަވާ އަޑެއް ވެސް ނީވެއެވެ. އެއަށްވުރެ ރާޅުގެ އަޑުފައްގަނޑު މާ ބާރެވެ.

"އަޅުގަނޑަށް ވެސް ވަރަށް އަނިޔާވި. ފިލަޔާ އެއްޗެހިން މެޔާ ތަންތާ ޖެހިފައި، ކަށިމަތީގައި ވެސް ދަގަނޑު އެއްޗެހިން އެޅިފައި. ރުކުގައި ލެނގިގެން ހުރީމަ އަސްލު. ކަކުލު ހުޅު އަސްލު އެންމެ ސަކަރާތްވެފަ ހުރީ. ކުރިމައްޗަށް ވާގޮތަށް އިނީމަ،" ނިޒާރު ކިޔައިދިނެވެ.

ސުނާމީއަށްފަހު ދެތިން ހަތަރު އަހަރަކު ކަކޫ ރަނގަޅު ނުވެގެން އޭނާ އުޅުނެވެ. އެންމެ ފަހުން އެކަން ރަނގަޅުވީ ދިވެހި ބޭހެއް އަޅައިގެންނެވެ.

މިއަދު ވެސް ބިރުން ތުރުތުރު އަޅާ މަންޒަރެެއް!

ސުނާމީ އެރި ދުވަހުގެ މާ ގިނަ ފޮޓޯތަކެއް ނިޒާރުއަކަށް ނުނެގުނެވެ. އާއިލާއާއެކު އޭނާ ވެސް ދިޔައީ އެ އަތޮޅު ގުރައިދޫއަށެވެ. ކުޑަ ދެ ދަރިން ހުރުމާއެކު އަންހެނުން ވެސް ބިރުން އުޅޭތީއެވެ.

ގުރައިދޫގައި އުޅެފައި ތިން ދުވަސް ފަހުން އޭނާ އެނބުރި ވިލުފުއްޓަށް ދިޔައެވެ. އެ ދަތުރުގައި ނިޒާރު ދިޔައީ ކެމެރާ ވެސް ފުލްކޮށް ޗާޖުކޮށްގެންނެވެ. ރަށުގެ މަގުތަކަށް ލިބުނު ގެއްލުންތައް ފޮޓޯ ނަގާށެވެ.

ސުނާމީގައި ވިލުފުށިން 19 މީހުން މަރުވިއިރު، ބައެއް މީހުންގެ ހަށިގަނޑު ދެ ދުވަސް ފަހުން ވެސް ފެނުނެވެ.

ރަށުގެ އެތަންމިތަނުގެ ފޮޓޯތައް ނަގަމުން ގޮސް ރަށުގެ ބޮޑުމަގުން އުތުރުކޮޅަށް ދިޔައިރު ފެނުނު މަންޒަރު އޭނާއަށް މިހާރު ވެސް ސިފަވެއެވެ.

"އެ މަންޒަރު އަސްލު އަޅުގަނޑަށް ސުނާމީގެ ރާޅަށް ވުރެ ބޮޑަށް، އެ ވާހަކަ ނުވެސް ދެއްކޭ ވަރުވޭ،" މިހާރު 48 އަހަރުގެ ނިޒާރު ކިޔައިިދިނެވެ.

ނިޒާރުއަށް ފެނުނީ ވަޅެއްގެ ތެރެއަށް އަންހެނަކު ވެއްޓި މަރުވެފައި އޮއްވާއެވެ. އެ މީހާގެ ގޮހޮރު އޮތީ ނުކުމެފައެވެ. ހިކިހިކިކޮށް ހުންނަ މީހެއް ކަމުގައި ވިޔަސް ގިނަ ދުވަސް ވުމުން އޭނާގެ ހަށިގަނޑު އޮތީ ފުއްޕާފައެވެ.

އެ ފޮޓޯ ނަގައިގެން އޭނާ ރަށުގެ އެކި ތަންތަނުގެ ފޮޓޯ ނަގަން އުޅެފައި، އަންހެނުން ގޭ ކައިރިން އެއްޗެއް ނަގައިގެން ދިޔައީ ފުރާށެވެ. ދުވެފައި ދިޔަ ގޮތަށް އޭނާ ދޯންޏަށް އެރި އިރު، އޭނާ އަރާ އިރަށް ދޯނި ނައްޓައިލައިފިއެވެ.

"ނައްޓާލިއްސުރެ ދެން ފިނިވަނީ ފިނިވަނީ. ހަމަ އެެއްްގޮތަކަށް ވެސް ރަނގަޅެއް ނުވޭ. އަޅުގަނޑު މީ ހަމަ ވަރަށް ގިނަ ހާދިސާތަކާ ކުރިމަތިވެފައި ހުރި މީހެއް. އެކަމަކު އަޅުގަނޑަކަށް އަދި ދުވަހަކު ވެސް ނުވޭ އެ ދުވަހު އެ ވީ ގޮތެއް،" ނިޒާރު ކިޔައިދިނެވެ.

ގުރައިދުއަށް އެރުނު އިރު އޭނާ ތުރުތުރު އަޅައެވެ. ހަރުކޮށް ހިނގައިފައި އޭނާ ދިޔައީ ގެޔާ ދިމާއަށެވެ. އަންހެނުންނާއި ދަރިން ތިބިތަނަށް ވަދެވުނުއިރަށް، އޭނާ އަނބުރައިގަނެގެން ވެއްޓުނީއެވެ.

އެހިސާބުން ވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ވާނުވާ އެނގުނީ ބަޔަކު އޭނާގެ މޫނަށް ފެންއަޅައި ހޭ އެރުވުމުންނެވެ.

އެ ދުވަހުން ފަށައިގެން މިއަދާ ހަމައަށް ވެސް އެ ހަނދާން އައު ވުމުން އޭނާ ބިރުން ތުރުތުރު އަޅައެވެ. މަރުވެފައި އޮންނަ އަންހެނެއްގެ މޫނުބަލަން ވަންނާކަށް އޭނާއަކަށް ނުކެރެއެވެ.

އެ މަންޒަރުތައް އޭނާއަށް ސިފަވަނީއެވެ. އެ ހަނދާންތައް އާވެ އާލާވަނީއެވެ.

ފޮޓޯތައް ގަންނަން ބޭރުގެ ބަޔަކު އައި

ސުނާމީ ކާރިސާގައި ވިލުފުށި ސުންނާފަތި ވުމުން އެ ރަށު ރައްޔިތުން ވަގުތީގޮތުން ބުރުންޏަށް ބަދަލު ކުރެވުނެވެ. އެހެންކަމުން ނިޒާރު ވެސް އޭރު އުޅުނީ ބުރުނީގައެވެ.

ސުނާމީއަށް މާ ގިނަ ދުވަސްތަކެއް ނުވަނީސް ސުނާމީއާ ގުޅޭ ޑޮކިއުމަންޓްރީއެއް ހަދަން ބޭރުގެ ބަޔަކު ބުރުންޏަށް ދިޔައެވެ. އެ ދަތުރުގައި އެ މީހުން ނިޒާރުއާ ބައްދަލު ކުރިއެވެ. އެ ބިރުވެރި މަންޒަރުތަކުގެ ފޮޓޯތައް ހުރީ ނިޒާރު އަތުގައި ކަމަށް ވާތީއެވެ.

އެ މީހުން އެދުނީ އެ ފޮޓޯތައް ވިއްކުމަށެވެ. އެ މީހުން އަގު ވެސް ކިޔެވެ. އެތައް ހާސް ޑޮލަރެވެ. ނަމަވެސް އެ އަގުގައި އެ ފޮޓޯތައް ވިއްކަން ވެސް ނިޒާރު ކުރީ އިންކާރެވެ.

އެ އަގު އެއަށްވުރެ ބޮޑު ކުރުމުން ވެސް ނިޒާރު އެކަމާ އެއްބަހެއް ނުވިއެވެ. ސުނާމީ ކާރިސާގެ އެއްވެސް ފޮޓޯއެއް ދުވަހަކު ވެސް ވިއްކާކަށް އޭނާ އެއްބަހެއް ނުވިއެވެ.

"އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އޭގެން އެންމެ ރުފިޔާއެއް ވެސް ނަގައިގެން ކައިގެން ނޫޅެވޭނެ އަޅުގަނޑަަކަށް އަސްލު،" ނިޒާރު ކިޔައިދިނެވެ.

ނިޒާރުގެ އަތުގައި ވިލުފުށި ސުންނާފަތިވެފައިވާ ފޮޓޯތައް ވެސް އެބަހުއްޓެވެ. އޭގެ ފަހުން އެ ރަށް އަލުން ތަރައްގީ ކުރަމުންދިޔައިރު ނަގައިފައިވާ ފޮޓޯތައް ވެސް އޭނާ އެއްކުރިއެވެ.

ނިޒާރުގެ ޕްރޮފައިލް ފޮޓޯއަކީ އޭނާ އެ ދުވަހު ނެގި ފުރަތަމަ ފޮޓޯއެވެ. ސޯޝަލް މީޑީއާގެ ކޮންމެ ޕްލެޓްފޯމެއްގައި ވެސް ނިޒާރުގެ ފްރޮފައިލް ފޮޓޯއަކީ އެއީއެވެ.

ސުނާމީ ކާރިސާގައި ނިޒާރު ނެގި ކޮންމެ ފޮޓޯއެއް ވެސް ކިޔައިދެނީ ލައްކަ ވާހަކައެވެ. ބުނެދެނީ އެތައް ހާސް އިހުސާސެކެވެ. ސުނާމީ ކާރިސާގެ ހީރޯއަކަށް ނިޒާރު ވަނީ އޭނާގެ ކެމެރާގައި ރައްކާ ކުރެވުނު ފޮޓޯތަކުގެ ސަބަބުންނެވެ.

ކަރުތާފެނުގައި ހުރެ، ނިޒާރު ނެގި އެ ފޮޓޯތަކުން 17 އަހަރު ކުރީގެ ހަނދާންތަކަށް މީހާ ގެނބިގެންދެއެވެ.

comment ކޮމެންޓް