ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ޓަކައި ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުން ބުނީ އެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވާ ޖުމްހޫރީ މައިދާން ސަރަހައްދު 26 ޑިސެންބަރު 17:30 އިން ފަށައިގެން އެކި ވަގުތުތަކުގައި އާއްމު ޓްރެފިކަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފުލުހުން ވަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ބޭއްވުމަށް ޓަކައި ބަންދު ކުރުމަށް ނިންމާފައިވާ ސަރަހައްދު ހިމެނޭ ޗާޓެއް ވެސް ހިއްސާ ކޮށްފައެވެ.
ޗާޓުގައި ފާހަގަކޮށްފައިވާ ޕާކިން ޒޯންތަކުގައި ޕާކު ކުރުން މަނާ ކުރުމަށްފަހު، އެ ޒޯންތައް ހުސްކުރުމަށް ހަމަޖައްސާފައިވާތީ މާދަމާ މެންދުރުފަހު 14:00ގެ ކުރިން އެ ޒޯންތަކުގައި ހުރި އުޅަނދުތައް ނަންގަވައި، ޒޯންތައް ހުސްކޮށްދިނުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދިވެހި ގައުމާ މުހާތަބު ކުރައްވާނެއެވެ.
އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނީ، ޖުމްހޫރީ މައިދާނުގައި މާދަމާރޭ ބާއްވައި ރަސްމީ ޖަލްސާގައެވެ.
މާދަމާ ރޭ ބާއްވައި ޖަލްސާގައި، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެންނާނެއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުން އޮންނާނެއެވެ.
މީގެއިތުރުން، މި ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު އަވަރާވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު، ދިވެހި ދައުލަތަށާއި، ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އިހްލާސްތެރި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ މަނިކުފާނުގެ ހިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުމަށް ވެސް ހަމަޖައްސާފައިވެއެވެ.