މާދަމާއިން ފެށިގެން މިފްކޯއިން ކޮންމެ މަސް ދޯންޏަކުން ކިރާނީ ފަސް ޓަނު މަސް

މަސް ކިރާ ތަންތަނުގެ ކެޕޭސިޓީއަށް ވުރެ ގިނައިން ދަނީ މަސް ބާނަމުން ކަމުގައި މިފްކޯއިން ބުނެފި ---

ރާއްޖޭގެ މަސްވެރިކަމުގެ ހާލަތު ރަނގަޅުވެ ގިނަ އަދަދެއްގެ ބޯޓުތަކުން މިފްކޯއަށް މަސް ކިރަމުން ދާ މި ދަނޑިވަޅުގައި މާދަމާއިން ފެށިގެން ކޮންމެ ބޯޓަކުން ވެސް ކިރާނީ ހަމައެކަނި ފަސް ޓަނު މަސް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ އެގޮތަށް ނިންމަން ޖެހުނީ، މަސްދޯނިތަކުން ގެންދާ މަހުގެ އަދަދު މާބޮޑަށް ގިނަވެފައި ވުމާއެކު މިހާރު ކިޔުގައި ތިބި ދޯނި ފަހަރުން ބާނަފައިވާ މަސްތައް ކިރައި ފްރީޒް ކުރުމަށް ވަގުތު ނަގާނެތީއެވެ. އެހެންނަމަވެސް، މިފްކޯގެ ސެންޓަރު ތަކުން މިހާރު ނަންބަރު ދީފައި ހުރި ދޯނި ފަހަރުގެ މަސްތައް ކިރުން ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފާއިތުވި ހަތަރު ހުކުރު ދުވަހު ވެސް މިފްކޯއިން ވަނީ މެދުކެނޑުމެއް ނެތި މަސްކިރާފައިކަން އެ ކުންފުނިން ފާހަގަކުރިއެވެ.

މިފްކޯގެ އާންމު އުސޫލެއްގެ ގޮތުން ހުކުރު ދުވަސް ދުވަހަށް މަސް ކިރުން މެދު ކަނޑާލައެވެ. ނަމަވެސް، މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ ހުރިހާ ސަރަހައްދެއްގެ ބޯޓު ފަހަރު ވެސް މިފްކޯއަށް މަސް ކިރަމުން ދާތީ އެކަން ހުއްޓިއްޖެނަމަ ދިމާވެދާނެ ދަތިތަކަކަށް ރިއާޔަތް ކޮށް މަސް ގަތުން ކޮންޓްރޯލް ކުރަން ނިންމީ ކަމުގައި މިފްކޯއިން ބުނެއެވެ.

މީގެ އިތުރުން، މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކުހެން އެ ކުންފުނީގެ ކޯލްޑް ސްޓޯރުތައް އަންނަނީ ފުރި ބާރުވަމުން ކަމަށް އެ ކުންފުނިން ބުންޏެވެ. މިކަމާ ގުޅިގެން ކެރިއާ ބޯޓުތައް ގެނެސް ލޯޑުކޮށް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި އެ ކުންފުނިން ކުރަމުންދާކަން މިފްކޯއިން ފާހަގަކުރިއެވެ،

ފާއިތުވި އަހަރާ އަޅާ ބަލާއިރު މިފްކޯއިން ވަނީ މި އަހަރުގެ މިހާތަނަށް ވެސް އިތުރު 10،000ޓަނު މަސް ގަނެފައެވެ. މި މަހުގެ މިހާތަނަށް ވަނީ 8،796 ޓަނު މަސް ގަނެފައެވެ. އެ ކުންފުނިން ލަފާ ކުރާ ގޮތުގައި މި މަސް ނިމިގެން ދާއިރު 10،500 ޓަނު މަސް ގަނެވޭނެއެވެ.

ހަމައެހެންމެ، މަސް ކިރުމުގެ ކެޕޭސިޓިއަށް ގެނެސްފައިވާ ބަދަލާއެކު މިފްކޯއަށް ދުވާލެއްގެ މައްޗަށް 400 ނުވަތަ 500 ޓަނު މަސް ގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން އިތުރަށް ބުނީ އެ ކުންފުނީގެ ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ރާވައިފައިވާ މަޝްރޫއުތައް ނިމުމުން މިހާރު މަސްވެރިންގެ އަތުން މަސްގަތުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އަދި ރަނގަޅު މަސްވެރި މޫސުމެއްގައި މަސް ކިރުމަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރާ އެކު އެ ކުންފުނިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމުގައި ވެސް މިފްކޯއިން ބުންޏެވެ.

comment ކޮމެންޓް